ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އާރުއާރުސީ މޮޅަކުން ފެށިއިރު، އެމްޓީސީސީ އާއި ވެމްކޯ މެޗަށް ހަމަހަމަ ނިމުމެއް
ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް

ކުލަބް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ ކުލަބް މޯލްޑިވްސް ކަޕް 2026 ފުޓްސަލް މުބާރާތުގެ ފަސްވަނަ މެޗުން ރޯޑް ރެކްރިއޭޝަން ކުލަބު (އާރުއާރުސީ) މޮޅުވިއިރު، ހަވަނަ މެޗު އެސްޓީއޯ ރެކްރިއޭޝަން ކްލަބް އާއި ވެމްކޯ ބައްދަލުކޮށް އެއްވަރުވެގެން ނިމިއްޖެއެވެ.

ފަސްވަނަ މެޗު

ފަސްވަނަ މެޗުގައި ބައްދަލުކުރީ ރޯޑް ރެކްރިއޭޝަން ކުލަބް (އާރުއާރުސީ) އާއި ވެމްކޯއެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ލަނޑު ޖެހުމަށް ކުރަމުން އައި މަސައްކަތް ދެ ޓީމުން ވެސް ދެވަނަ ހާފުގައި އިތުރު ކުރިއިރު މެޗުގެ ފުރަތަމަ ލަނޑު ޖެހީ އާރުއާރުސީއިންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޢަލީ ހާފިޒް (ހާއްޕެ) އެވެ. ލީޑު ނެގިތާ މާ ގިނައިރެއްނުވެ އިބްރާހީމް އަސްވާދު (ގަބޭ) ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްކުރަމުން ދިޔަ ވެމްކޯއަށް މުޙައްމަދު ފާސިރު (ފާއްޓޭ) ޖަހައިދިން ލަނޑުން އުންމީދު އާވި ނަމަވެސް މި މެޗު ނިމުނީ 2-1 އިން އާރުއާރުސީ މޮޅުވެގެންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވެމްކޯގެ މުޙައްމަދު ލުފްޝާންއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ މުޙައްމަދު ލުފްޝާން / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް

ހަވަނަ މެޗު

ހަވަނަ މެޗުގައި ބައްދަލުކުރީ އެސްޓީއޯ ރެކްރިއޭޝަން އާއި ކުލަބް އެމްޓީސީސީއެވެ. މަޝްހޫރު މޮޅު ކުޅުންތެރިންނާއިއެކު މުބާރާތާއި ކުރިމަތިލީ މި ދެ ޓީމުގެ ކުރިމަތިލުން ފޯރިގަދަ ވާނެކަމަށް ކުރިން ވެސް އޮތީ ބެލެވިފައެވެ. ވާދަވެރިކަން ބޮޑުވި މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ އެސްޓީއޯއިންނެވެ.  ލަނޑު ޖަހާނެ އެތައް ފުރުސަތެއް ލިބި ބޭނުން ނުކުރެވި ދިޔަފަހުން، އެސްޓީއޯއަށް މި ލަނޑު ކާމިޔާބުކޮށްދިނީ އަޙްމަދު ރާހިލްއެވެ. ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްކުރަމުންދިޔަ އެމްޓީސީސީއަށް އެކަން ކާމިޔާބުވީ ދެވަނަ ހާފުގައެވެ. މެޗުގެ ފަހުކޮޅު އެ ޓީމަށް މި ލަނޑު ޖަހައިދިނީ ޖުމައިލް ޖަމީލްއެވެ. މި ލަނޑަށްފަހު ވެސް ދެ ޓީމަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުން ނުކުރެވި ގޮސްފައެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ އަޔާޒް އަޙްމަދު / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކުލަބް އެމްޓީސީސީގެ އަޔާޒް އަޙްމަދެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top