ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މެސީގެ ރެކޯޑު ލަނޑާއެކު އޮސްޓްރިއާ ބަލިކޮށް އާޖެންޓީނާ ދެވަނަ ބުރަށް
ފޮޓޯ: ގެޓީ އިމޭޖަސް

2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ކުޅުނު ފޯރިގަދަ މެޗުން އޮސްޓްރިއާ ބަލިކޮށް، އާޖެންޓީނާ މުބާރާތުގެ ނޮކައުޓް ބުރުން ޖާގަ ކަށަވަރުކޮށްފިއެވެ. އެމެރިކާގެ ޓެކްސަސް ސްޓޭޑިއަމްގައި ކުޅުނު މި މެޗު އާޖެންޓީނާއިން ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ޖެހި ލަނޑާއެކު، އޭނާ ވަނީ ވޯލްޑް ކަޕް ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ގޮތުގައި އޮތް ޖަރުމަނުގެ މިރޮސްލާވް ކްލޯސޭގެ ރެކޯޑު މުގުރާލާފައެވެ.

މެޗުގެ ކުރީކޮޅު އާޖެންޓީނާއިން މެޗު ކޮންޓްރޯލްކޮށްގެން ކުޅެމުންދަނިކޮށް، 7 ވަނަ މިނެޓުގައި އެ ޓީމަށް ޕެނަލްޓީއެއް ލިބުނެވެ. މިއީ އޮސްޓްރިއާގެ އޭރިއާ ތެރެއިން ލައުޓާރޯ މާޓިނޭޒްއަށް ފައުލްކުރުމާ ގުޅިގެން ވީއޭއާރް ބެލުމަށްފަހު ރެފްރީ ދިން ޕެނަލްޓީއެކެވެ. ރެކޯޑު މުގުރާލުމަށް މެސީއަށް ލިބުނު މި ރަނގަޅު ފުރުސަތުގެ ބޭނުން ނުހިފުނީ އޭނާ ފޮނުވާލި ބޯޅަ ގޯލުގެ ދަނޑި ކައިރިން ބޭރަށް ދިއުމުންނެވެ. މިއީ ވޯލްޑް ކަޕް މުބާރާތްތަކުގައި މެސީ އަތުން ނާކާމިޔާބުވި ތިންވަނަ ޕެނަލްޓީކަން ފާހަގަކޮށްލެވެއެވެ.

އާޖެންޓީނާއިން ގިނަ ޕާސްތަކެއް ޖަހައިގެން ކުޅުނު ނަމަވެސް، ރަލްފް ރަންގްނިކްގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ އޮސްޓްރިއާގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލުމަށް ވަނީ އުނދަގޫތަކަކާ ކުރިމަތިވެފައެވެ. ނަމަވެސް މެޗުގެ 38 ވަނަ މިނެޓުގައި މެސީ ވަނީ އާޖެންޓީނާއަށް ލީޑު ނަގައިދީފައެވެ. ފަކުންޑޯ މެޑީނާ ހުރަސްކޮށްލި ބޯޅަ މެސީ ގޯލުގެ ތެރެއަށް ފޮނުވާލީ އޭރިއާ ތެރެއަށް ވަދެ ވަރަށް ހުޝިޔާރުކަމާއެކުގައެވެ.

ދެވަނަ ހާފުގައި އޮސްޓްރިއާއިން ބޯޅަ ހިފަހައްޓައިގެން އާޖެންޓީނާގެ ޑިފެންސަށް ބާރުބޮޑުކުރި ނަމަވެސް، ލަނޑެއް ޖެހޭނެ ފަދަ ސާފު ފުރުސަތެއް އެ ޓީމަކަށް ނުލިބުނެވެ. މެޗުގެ ނަތީޖާ އާޖެންޓީނާއިން ކަށަވަރުކުރީ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައެވެ. މެސީ ވަނީ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އޭނާގެ ދެވަނަ ލަނޑު ޖަހައި ޓީމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.

ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި މި މަހުގެ 28 ވަނަ ދުވަހު އާޖެންޓީނާ ނިކުންނާނީ ޖޯޑަންއާ ދެކޮޅަށެވެ. ހަމަ އެ ދުވަހު އޮސްޓްރިއާ ބައްދަލުކުރާނީ އަލްޖީރިއާއާއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top