މިއީ މަޑު ކުކުޅު މަހާއެކު، މީރު ރަހަތަކުން މުއްސަނދިކޮށްފައިވާ، ކްރީމީ ޗީޒް ސޯސްއެއްގައި ތައްޔާރުކުރާ ޕާސްތާއެކެވެ.
ތައްޔާރުކުރުމަށް ހޭދަވާ ވަގުތު: 20 މިނެޓު
ކައްކަން ހޭދަވާ ވަގުތު: 25 މިނެޓު
ޖުމްލަ ވަގުތު: 45 މިނެޓު
ތައްޔާރުކުރެވޭ މިންވަރު: 6 މީހުންނަށް
ބޭނުންވާ ތަކެތި:
340 ގްރާމް ޕާސްތާ (ޕެންނޭ)
5 މޭޒުމަތީ ސަމުސާ ލޮނުލީ ބަޓަރު (ބަހާފައި)
2 ކުކުޅު މޭމަތީ މަސް (ކުދިކޮށް ކޮށާފައި)
1 މޭޒުމަތީ ސަމުސާ ކައުބޯއީ ބަޓަރ ސީޒަނިންގް
1 ½ ޖޯޑު ހެވީ ކްރީމް
1 މޭޒުމަތީ ސަމުސާ މަސްޓަޑް ކްރީމް
½ ލުނބޯ
1 ސައިސަމުސާ ލުނބޯ ތޮށި (ގާނާފައި)
1 ސައިސަމުސާ ފިޔާ ކުނޑި
1 ސައިސަމުސާ ލޮނުމެދު ކުނޑި
½ ސައިސަމުސާ ސްމޯކްޑް ޕެޕްރިކާ
½ ސައިސަމުސާ ރެޑް ޕެޕާ ފްލޭކްސް (ގާނިޝްކުރަން އިތުރަށް ހުންނަވަރަށް)
½ ސައިސަމުސާ މުގުރި އަސޭމިރުސް
½ ސައިސަމުސާ ލޮނު
1 ސައިސަމުސާ ތައިމް
1 ޖޯޑު ޕާމީޒާން ޗީޒް (ގާނާފައި – ގާނިޝްކުރަން އިތުރަށް ހުންނަވަރަށް)
1 މޭޒުމަތީ ސަމުސާ ޕާސްލީ (ގާނިޝްކުރަން އިތުރަށް ހުންނަވަރަށް)
👩🍳 ތައްޔާރުކުރާނެ ގޮތް:
1 – ބޮޑު ތެއްޔަކަށް ފެނާއި ކުޑަ ލޮނުކޮޅެއް އަޅައިގެން ކައްކަން އުދާށެވެ. ފެންގަނޑު ކެކެން ފެށުމުން ޕާސްތާ އަޅައި، މަޑުވަންދެން (ގާތްގަނޑަކަށް 11 މިނެޓު) ކައްކާށެވެ. އެއަށްފަހު ފެންފޮދު އޮއްސާލައި، ޕާސްތާކޮޅު ވަކިން ބަހައްޓާށެވެ.
2 – ބޮޑު ތަވައެއްގައި 1 ސަމުސާ ބަޓަރު މެދުގިނީގައި ވިރުވާލާށެވެ. އޭގެ ތެރެއަށް ކުކުޅު މަހާއި ކައުބޯއި ބަޓަރ ސީޒަނިންގް އަޅައި، ކުކުޅުކޮޅު ރަން މުށިކުލަ އަރައި ރަނގަޅަށް ރޯފިލަންދެން (6-8 މިނެޓު) ކައްކާށެވެ. ރޯފިލުމުން ތަވައިން ކުކުޅުކޮޅު ނަގައި ވަކިން ބަހައްޓާށެވެ.
3 – ހަމަ އެ ތަވައިގެ ތެރެއަށް ބާކީ ހުރި ބަޓަރުކޮޅު އަޅައި ވިރުވާލާށެވެ. ދެން އޭގެ ތެރެއަށް ހެވީ ކްރީމް، މަސްޓަޑް ކްރީމް، ލުނބޯ ހުތް، ލުނބޯ ތޮށި، ފިޔާ ކުނޑި، ލޮނުމެދު ކުނޑި، ޕެޕްރިކާ، ޕެޕާ ފްލޭކްސް، ލޮނު، އަސޭމިރުސް އަދި ތައިމް އަޅައި ރަނގަޅަށް އެއްކުރަމުން ކައްކާށެވެ. ސޯސްގަނޑު ކުޑަކޮށް އޮލަވަންދެން 5-6 މިނެޓު ކެއްކުމަށްފަހު ގިނި މަޑުކޮށްލާށެވެ.
4 – ޕާމީޒާން ޗީޒްކޮޅު މަޑުމަޑުން ސޯސްގަނޑުގެ ތެރެއަށް އަޅައި ގިރާލާށެވެ. ޗީޒްކޮޅު ވިރުމުން، ކުރިން ތައްޔާރުކުރި ކުކުޅާއި ޕާސްލީ ސޯސްގަނޑަށް އަޅައި އެއްކޮށްލާށެވެ.
5 – ދެން ކައްކާފައި ހުރި ޕާސްތާކޮޅު ސޯސްގަނޑުގެ ތެރެއަށް އަޅައި، ހުރިހާ ޕާސްތާއެއްގައި ސޯސް ހޭކޭނެހެން ރަނގަޅަށް އެއްކޮށްލާށެވެ. މަޑުގިނީގައި އިތުރު 2 ނުވަތަ 3 މިނެޓު ކައްކާލާށެވެ.
6 – ސާވް ކުރާއިރު މައްޗަށް އިތުރު ޗީޒް، ޕާސްލީ އަދި ޕެޕާ ފްލޭކްސް ބުރުވާލާށެވެ.
👩🍳 އިތުރު އިރުޝާދެއް
ވަގުތު ސަލާމަތް ކުރަން ބޭނުންނަމަ، ކުކުޅު މޭމަތީ މަސް ތަވައިގައި ކެއްކުމުގެ ބަދަލުގައި، ފިހެފައި ހުންނަ ކުކުޅު ކޮށާލައިގެން 2 ޖޯޑު ބޭނުންކުރެވިދާނެއެވެ. މިގޮތަށް ބޭނުންކުރާނަމަ، ޕާސްލީއާއެކު ސޯސްގަނޑަށް ކުކުޅު އަޅައި، ހޫނުވުމުން ޕާސްތާއާ އެއްކޮށްލާށެވެ.
