ފިލްމީ ތަރިއަކު ބޮލީވުޑްގައި 35 އަހަރު ފާއިތުވެގެން ދިޔަ ހަލުވި މިނާމެދު ދުވަހަކުވެސް ފިކުރުކޮށްލިން ހެއްޔެވެ؟
ހިންދީ ފިލްމީ ދާއިރާގައި 35 އަހަރު ފުރިހަމަވުމުގެ އުފާ ފާޅުކުރަމުންދާއިރު، ކަރިޝްމާ ކަޕޫރު މިވަނީ އޭނާގެ ފުރާވަރުގެ ދުވަސްވަރުން ފެށިގެން ބޮލީވުޑްގެ އެންމެ މަގުބޫލު އެއް ތަރިއަކަށް ވުމަށް ކުރި ދަތުރަށް ބަލައިލާފައެވެ. މި ބަތަލާ ވަނީ އޭނާގެ ފުރަތަމަ ފިލްމު “ޕްރޭމް ގައިދީ” ގެ ހަނދާންތައް ދާދި ފަހުން އާކޮށްފައެވެ. އޭނާ ހާމަކުރި ގޮތުގައި ފިލްމީ ސެޓަކަށް ފުރަތަމަ ފިޔަވަޅު އެޅިއިރު އޭނާގެ އުމުރަކީ އެންމެ 16 އަހަރެވެ. އެއީ އޭނާގެ 17 ވަނަ އުފަންދުވަހަށް މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށެވެ.
1990ގެ ކުރީކޮޅު ފިލްމު އުފެއްދުމުގެ މަސައްކަތް ހުރި ގޮތާއި މިހާރުގެ ތަފާތު ކަރިޝްމާ ހަނދާންކުރިއެވެ. ސްޓޫޑިއޯތަކުގެ ގަދަ އައްޔާއި، ލޯ ހުޅުވައިގެން ހުންނަން އުނދަގޫވާ ވަރުގެ ދިގު ޝޫޓިން ތަކަކީ އޭރު ކޮންމެ ދުވަހަކު ކުރިމަތިވި ގޮންޖެހުންތަކެވެ. އެހެންނަމަވެސް، އެ ތަޖުރިބާތަކަކީ އޭނާ މިއަދު މި ފެންނަ މަގުބޫލު ތަރިއަކަށް ވުމަށް މަގުފަހިކޮށްދިން މުހިންމު ކަންކަމެވެ.
އޭނާ ފާހަގަކުރި އެންމެ ބޮޑު އެއް ބަދަލަކީ ‘ސިންކް-ސައުންޑް’ (މަންޒަރު ކުޅޭ ވަގުތު އަޑު ރެކޯޑްކުރާ) ޓެކްނޮލޮޖީ ތައާރަފުވުމެވެ. ކަރިޝްމާ ބުނާ ގޮތުގައި، މިހާރު ތަރިންނަށް ފިލްމީ މަންޒަރުތައް ކުޅޭއިރު އަމިއްލަ އަޑުން އިހުސާސްތައް މާ ގުދުރަތީކޮށް ފާޅުކުރެވެއެވެ. ކުރިން ޖެހެނީ ޑަބިން ސްޓޫޑިއޯއެއްގައި ފަހުން އެ އިހުސާސްތައް އަލުން ގެންނާށެވެ. މި ބަދަލުގެ ސަބަބުން ހުށަހެޅުންތަކުގެ ފެންވަރު ރަނގަޅުވެ، ވާހަކަ ކިޔައިދޭ ގޮތް މާ ހަގީގީވެފައިވާ ކަމަށް އޭނާ ގަބޫލުކުރެއެވެ.
ޝައުގުވެރި ކަމަކީ، ކަރިޝްމާ ފުރަތަމަ ފެންނާނެ ކަމަށް ބެލެވުނީ ބޮބީ ޑިއޯލް އާއެކު “ބަރުސާތު” އިންނެވެ. ނަމަވެސް އެ ފިލްމު ލަސްވުމުގެ ސަބަބުން އޭނާ “ޕްރޭމް ގާއިދީ” އިޚްތިޔާރު ކުރީއެވެ. މިއީ އޭނާގެ ފާހަގަކޮށްލެވޭ ކާމިޔާބު ކެރިއަރުގެ ބިންގަލަށް ވެގެންދިޔަ ނިންމުމެކެވެ.
މިއަދުވެސް ކަރިޝްމާ ކަޕޫރު ދަނީ ޒަމާނާ އެއްގޮތަށް ކުރިއަރަމުންނެވެ. 90 ގެ އަހަރުތަކުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދުމަށްފަހު، މިހާރު އޭނާ ދަނީ “މެންޓަލްހޫޑް”، “މާޑާ މުބާރަކް” އަދި “ބްރައުން” ފަދަ އޯޓީޓީ ޕްރޮޖެކްޓްތަކުން އާ ފެށުމަކާއެކު ފެންނަމުންނެވެ. އޭނާގެ މި ދަތުރަކީ ހުނަރާއި، ހާލަތާ ގުޅޭގޮތުން ބަދަލުވުމުގެ ގާބިލުކަމާއި، މަސައްކަތަށް ހުންނަ ޝައުގުވެރިކަމަކީ ދުވަހަކުވެސް ބާލިޣުވާނެ ކަންކަން ނޫންކަން ހަނދާންކޮށްދޭ ހެއްކެކެވެ.
