ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މޮޅަށް ކުޅުނު އިންގްލޭންޑަށް ގާނާ ކައިރިން ލިބުނީ އެންމެ ޕޮއިންޓެއް
ފޮޓޯ: ގެޓީ އިމޭޖަސް

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ‘އެލް’ ގައި މިރޭ އިންގްލޭންޑާއި ގާނާ ބައްދަލުކުރި ފޯރިގަދަ މެޗު 0-0 ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމިއްޖެއެވެ.

ބޮސްޓަން ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފެށިގެން އިންގްލޭންޑުން ދިޔައީ ލީޑު ނެގުމަށް ގިނަ ހަމަލާތަކެއް އުފެއްދުމަށް ގަދައަޅައި މަސައްކަތް ކުރަމުންނެވެ. ނަމަވެސް ގާނާގެ ވަރުގަދަ ޑިފެންސް ލައިނުން ވަނީ ހުޝިޔާރުކަމާއެކު އިންގްލޭންޑުގެ ހަމަލާތައް ހުއްޓުވައި، ލަނޑެއް ޖެހިޔަ ނުދީ ހިފަހައްޓާފައެވެ.

މެޗުގެ ކުރީކޮޅު، 13 ވަނަ މިނެޓުގައި އިންގްލޭންޑަށް ލީޑު ނެގުމަށް ރަން ފުރުސަތެއް ލިބުނެވެ. ގާނާގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު މި ހިލޭ ޖެހުން ޑެކްލަން ރައިސް ފޮނުވާލި ނަމަވެސް، އެ ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.

މުޅި މެޗަށް ބަލާއިރު އިންގްލޭންޑުން ވަނީ ބޯޅަ ހިފަހައްޓައިގެން މެޗު ޑޮމިނޭޓް ކޮށްފައެވެ. އެގޮތުން އެ ޓީމުން 633 ޕާސް ފުރިހަމަކޮށް، ގޯލަށް އަމާޒުކޮށް 19 ހަމަލާ ފޮނުވާލިއެވެ. މީގެ ތެރެއިން ގޯލަށް ސީދާވީ އެންމެ 3 ހަމަލާއެވެ. އަނެއްކޮޅުން ގާނާއަށް ފުރިހަމަ ކުރެވުނީ އެންމެ 173 ޕާހެވެ. އަދި އެ ޓީމުން ފޮނުވާލި 2 ހަމަލާގެ ތެރެއިން 1 ހަމަލާ ގޯލަށް އަމާޒުވިއެވެ.

މެޗުގެ ފަހުކޮޅު އިންގްލޭންޑުން ހަމަލާތައް އިތުރަށް ވަރުގަދަކުރިއެވެ. އެގޮތުން 65 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ބުކާޔޯ ސަކާ 85 ވަނަ މިނެޓުގައި ފޮނުވާލި ނުރައްކާތެރި ހަމަލާ ގާނާގެ ކީޕަރު ބެންޖަމިން އަސާރޭ ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އޭގެ އިރުކޮޅެއް ފަހުން ނިކޯ ރެއިލީ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

މި ނަތީޖާއާއެކު ގްރޫޕް “އެލް” ގެ އެއްވަނައިގައި 4 ޕޮއިންޓާއެކު އަދިވެސް އޮތީ އިންގްލޭންޑެވެ. ގާނާ ވެސް 4 ޕޮއިންޓާއެކު ދެވަނައިގައި އޮތްއިރު، އިންގްލޭންޑަށް ގުރޫޕްގެ އެއްވަނަ ލިބެނީ ފައިދާ ގޯލުންނެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ޕަނާމާއާއި ކްރޮއޭޝިއާއެވެ. މި ވަގުތު ތާވަލުގެ އެންމެ ފުލުގައި އޮތީ ކްރޮއޭޝިއާއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top