ކުލަބް މޯލްޑިވްސް ކްލެސިކް ފުޓްސަލް މުބާރާތުގެ 11 ވަނަ މެޗުގައި، ވިޒިޓް މޯލްޑިވްސް ކުލަބާއި ވާދަކޮށް ކުލަބް ބިނާރާ އުނދަގޫ މޮޅެއް ހޯދިއިރު، 12 ވަނަ މެޗުގައި ޕީއެސްއެމްއާ ވާދަކޮށް އެމްއެމްއޭއަށް ވެސް ހޯދުނީ އުނދަގޫ މޮޅެކެވެ. މިރޭ ކުޅުނު މި ދެ މެޗަށް ބަލައިލާއިރު:
11 ވަނަ މެޗު
11 ވަނަ މެޗުގައި ބައްދަލުކުރީ ކުލަބް ބިނާރާ އާއި ވިޒިޓް މޯލްޑިވްސް ކުލަބެވެ. މިއީ ވިޒިޓް މޯލްޑިވްސް ކުލަބްގެ ފުރަތަމަ މެޗު ނަމަވެސް، ކުލަބް ބިނާރާގެ ދެވަނަ މެޗެވެ. އެ ޓީމުން ވަނީ ފުރަތަމަ މެޗުގައި އެމްއެމްއޭ ސްޕޯރޓްސް ކުލަބާއި ވާދަކޮށް އެއްވަރުކޮށްފައެވެ. މުބާރާތަށް މުޅިން އަލަށް ނުކުތް ވިޒިޓް މޯލްޑިވްސް އާއި ކުލަބް ބިނާރާ ބައްދަލުކުރި މި މެޗުގައި ކުލަބް ބިނާރާއިން ވަރަށް ބޮޑަށް އެޓޭކަށް ޖެހިގެން ކުޅުނުއިރު ވިޒިޓް މޯލްޑިވްސްގެ ފަރާތުން ފެނުނީ ޑިފެންސްކޮށްފައި، ލިބޭ ފުރުސަތެއްގައި ޓީމު އެއްކޮށް ކުރިޔަށް ޖެހި އެޓޭކް ކުރަން މަސައްކަތްކުރާ ކުޅުމެކެވެ. ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެ ޓީމަށް ވެސް ލިބުނު މި މެޗުގައި ފެނުނު ހަމައެކަނި ލަނޑު ކުލަބް ބިނާރާއަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން މުޙައްމަދު މިންވާލްއެވެ. 1-0 އިން ކުލަބް ބިނާރާ މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމަށް ލަނޑު ޖަހައިދިން މުޙައްމަދު މިންވާލްއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ މުޙައްމަދު މިންވާލް / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް
12 ވަނަ މެޗު

މެޗުގެ މޮޅު ކުޅުންތެރިޔާ އަންސަރު އިބްރާހީމް / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް
12 ވަނަ މެޗުގައި ބައްދަލުކުރީ އެމްއެމްއޭ ސްޕޯރޓްސް ކުލަބާއި ޕީއެސްއެމްއެވެ. މިއީ މި މުބާރާތުގައި މި ދެ ޓީމު ވެސް ކުޅޭ ދެވަނަ މެޗެވެ. އެމްއެމްއޭގެ ފުރަތަމަ މެޗު އެއްވަރުވިއިރު، ޕީއެސްއެމް ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ މޮޅުވެފައެވެ. ވާދަވެރިކަން ބޮޑު ފޯރިގަދަ މި މެޗުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނުއިރު، ފުރުސަތުގެ ބޭނުން އެންމެ ފުރަތަމަ ހިފީ ޕީއެސްއެމްއެވެ. 8 ވަނަ މިނިޓުގައި ޢަލީ އަފްސަލް އެ ޓީމަށް ލީޑު ނަގައިދިންއިރު 12 ވަނަ މިނިޓުގައި މުޙައްމަދު އައްފާން ވަނީ އެމްއެމްއޭއަށް އެއްވަރުކޮށްދީފައެވެ. ދެވަނަ ހާފު ފަށައިގެން މާގިނައިރެއް ނުވެ އަންސަރު އިބްރާހިމް ވަނީ ގާތްގާތުގައި އެމްއެމްއޭއަށް ދެ ލަނޑު ޖަހައިދީ ލީޑު ފުޅާކޮށްދީފައެވެ. އެމްއެމްއޭގެ ހަތަރުވަނަ ލަނޑު ލުހާމް އަބްދުލް ލަތީފު ކާމިޔާބުކޮށްދިންއިރު، ޕީއެސްއެމްގެ ތިންވަނަ ލަނޑާއި ހަތަރުވަނަ ލަނޑު ޖަހައިދިނީ ރިމާހް އަޙްމަދެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްއެމްއޭއަށް ދެ ލަނޑު ޖަހައިދިން އަންސަރު އިބްރާހީމްއެވެ. މި މެޗުން މޮޅުވި އެމްއެއްއޭ ސްޕޯރޓްސް ކުލަބް ގުރޫޕް ސީގެ އެއްވަނައިގައި އޮތްއިރު، ދެވަނައިގައި އޮތީ ކުލަބް ބިނާރާއެވެ.
