މިހާރު ކުރިއަށްދާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ކުޅުނު މެޗުގައި 3-0 ގެ ނަތީޖާއަކުން ސްކޮޓްލޭންޑް ބަލިކޮށް ބްރެޒިލް އިން ގްރޫޕް “ސީ” ގެ އެއްވަނަ މަޤާމު ކަށަވަރުކޮށްފިއެވެ.
އެމެރިކާގެ މިއާމީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފެށިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނު ނަމަވެސް، ބްރެޒިލް އިން ވަނީ މެޗުގެ 6 ވަނަ މިނެޓުގައި ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ވިނިޝިއަސް ޖޫނިއާއެވެ. އޭނާ މި ލަނޑު ޖެހީ ސްކޮޓްލޭންޑުގެ ޑިފެންޑަރު މެކެނާ ފޮނުވާލަން އުޅުނު ބޯޅައެއް ބްރެޒިލް ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި ކީޕަރާ ދިމާލަށް ދިޔަ ވަގުތު، ކީޕަރު ކައިރިން ކަޓުވާލުމަށްފަހުއެވެ. މިއީ މި މުބާރާތުގައި އޭނާ ޖެހި 3 ވަނަ ލަނޑެވެ.
މެޗުގެ 21 ވަނަ މިނެޓުގައި ވިނިޝިއަސް އިތުރު ލަނޑެއް ޖެހި ނަމަވެސް، ވީއޭއާރް ބެލުމަށްފަހު ރެފްރީ ނިންމީ ސްކޮޓްލޭންޑުގެ ޖެކް ހެންޑްރީއަށް އޭނާ ފައުލްކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ ލަނޑު ބަލައެއް ނުގަނެއެވެ. ބްރެޒިލުން ލީޑު ފުޅާކުރެވޭތޯ އުފެއްދި ހަމަލާތަކުގައި މެތިއު ކުންޔާ ފޮނުވާލި ހަމަލާއެއް ގޯލު ރޮނގުމަތިން ސްކޮޓްލޭންޑް ޑިފެންޑަރުން ހުއްޓުވި ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބްރޫނޯ ގުއިމަރެސް ނަގައިދިން ހުރަހެއް ބޮލުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ވިނީޝިއަސް ވަނީ ބްރެޒިލްގެ ލީޑު ފުޅާކޮށްދީފައެވެ.
ބްރެޒިލްގެ ތިންވަނަ ލަނޑު މެޗުގެ 60 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބްރޫނޯ ތަނަވަސްކޮށްދިން ފުރުސަތަކުން މެތިއު ކުންޔާއެވެ. ގިނަ ބަޔަކު އިންތިޒާރު ކުރަމުންދިޔަ ބްރެޒިލްގެ ތަރި ނޭމާ ވަނީ މެޗުގެ 76 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެފައެވެ. ނޭމާ ފިޓް ކަމަށް ކޯޗު ކާލޯ އެންޗެލޮޓީ ބުނި ނަމަވެސް، މި މެޗުގައި އޭނާއަށް މާ އެދެވޭ ކުޅުމެއް ދެއްކޭ ގޮތް ވަނީ ނުވެފައެވެ.
މެޗުގެ ފަހު ވަގުތުކޮޅުގައި ސްކޮޓްލޭންޑަށް ލަނޑެއް ކާމިޔާބުކުރާނެ ރަނުގެ ފުރުސަތެއް ލިބުނު ނަމަވެސް ބްރެޒިލްގެ ކީޕަރު ވަނީ ވަރަށް ހުޝިޔާރުކަމާއެކު އެ ހަމަލާ ދިފާޢުކޮށްފައެވެ. އެއާއެކު މެޗު ނިމުނީ 3-0 އިން ބްރެޒިލް މޮޅުވެގެންނެވެ.
މި ނަތީޖާއާއެކު ބްރެޒިލް ގުރޫޕުގެ އެއްވަނައިގައި އޮތީ 7 ޕޮއިންޓާއެކުއެވެ. ދެވަނައިގައި 4 ޕޮއިންޓާއެކު މޮރޮކޯ އޮތްއިރު، ސްކޮޓްލޭންޑް ތިންވަނައިގައި އޮތީ 3 ޕޮއިންޓާއެކުއެވެ. 12 ގްރޫޕް ހިމެނޭ މި މުބާރާތުގައި، ތިންވަނައަށްދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު 8 ޓީމަށް ދެވަނަ ބުރުން ފުރުސަތު ލިބޭނެތީ، ސްކޮޓްލޭންޑަށް ދެވަނަ ބުރަށް ދެވޭނެކަން އެނގޭނީ ގުރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ނިމުމުންނެވެ.
