ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފަހަތުން އަރައި ޖަރުމަނު ބަލިކޮށް އިކުއެޑޯ ދެވަނަ ބުރަށް ދަތުރުކޮށްފި

މިހާރު ކުރިއަށްދާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ފަހަތުން އަރައި ޖަރުމަނު ބަލިކޮށް އިކުއެޑޯ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

އެމެރިކާގެ ފިލަޑެލްފިއާ ގައި ކުޅުނު މި މެޗު ފެށިގޮތަށް އެޓޭކަށް އެރި ޖަރުމަނުން ވަނީ އެ ޓީމަށް ލިބުނު ދެވަނަ ފުރުސަތުގައި ލަނޑު ޖަހައި ލީޑު ނަގައިފައެވެ. ދެވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑު ޖަހައިދިނީ ލެރޯއީ ސާނޭއެވެ. މި ލަނޑަށްފަހު ވެސް ރަނގަޅަށް ކުޅުނީ ޖަރުމަނެވެ.

މެޗުގެ ތެރެއަށް އެނބުރި އައުމަށް މަސައްކަތް ކުރަމުންދިޔަ އިކުއެޑޯއިން ވަނީ އެ ޓީމުން އުފެއްދި ފުރަތަމަ ހަމަލާގައި ނަތީޖާ ހަމަހަމަކޮށްފައެވެ. އޭރިޔާ ބޭރުން ލިބުނު ބޯޅަ ހިފައިގެން އޭރިއާ ކައިރިއަށް ޖެހިލުމަށްފަހު ތިރިތިރިން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނިލްސަން ޑޭވިޑް އަންގުލޯއެވެ.

މި ލަނޑަށްފަހު އިކުއެޑޯއިން ރަނގަޅު ކުޅުމެއް ދެއްކިއިރު ޖަރުމަނުގެ ފަހަތަށް ވަނީ ބާރު ބޮޑުކޮށްފައެވެ.

ލިބުނު ފުރުސަތުތަކުގެ ބޭނުން އިކުއެޑޯއަށް ނުކުރެވުނުއިރު ވިއްސަކަށް މިނެޓް ފަހުން ޖަރުމަނުން ވަނީ ދެވަނަ ފަހަރަށް މެޗުގެ ކޮންޓްރޯލް ހޯދައިފައެވެ. ދެވަނަ ފަހަރަށް ލީޑު ނެގުމަށް ޖަރުމަނަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެ ޓީމަށް ވެސް ނުކުރެވުނެވެ.

ފުރަތަމަ ހާފު މި ނަތީޖާއާއެކު ނިމުނުއިރު ދެވަނަ ހާފު ފަށައިގެން ވެސް ރަނގަޅަށް ކުޅުނީ ޖަރުމަނެވެ. ލިބުނު ފުރުސަތުތަކުގެ ބޭނުން ޖަރުމަނަށް އެންމެ އެދެވޭ ގޮތުގައި ބޭނުން ނުކުރެވުނުއިރު އިކުއެޑޯއިން ވަނީ ދޭތެރެއަކުން މެޗުގެ ކޮންޓްރޯލް ހޯދާފައެވެ.

ދެވަނަ ބުރަށް ދިއުމަށްޓަކައި މޮޅެއް ހޯދަން މަޖުބޫރުވެފައި އޮތް އިކުއެޑޯގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނުނުއިރު ދެވަނަ ހާފުގައި ވެސް އެ ޓީމުން ވަނީ ޖަރުމަނުގެ ގޯލަށް ނުރައްކާކޮށްފައެވެ. ފަހަތުން އަރައި އިކުއެޑޯ މޮޅުވި މި މެޗުގައި އެ ޓީމުގެ ދެވަނަ ލަނޑު ޖެހީ 76 ވަނަ މިނެޓުގައި ގޮންޒާލޯ ޕްލާޓާއެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ކޯނަރު ނޯޔާ ހިފަން އުޅެނިކޮށް އޭނާއަށްވުރެ ކުރިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.

މި ލަނޑަށްފަހު ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށް ވެސް ލިބި ބޭނުން ނުކުރެވިފައެވެ.

މި މެޗުން ބަލިވި ނަމަވެސް ޖަރުމަނު ދެވަނަ ބުރަށް ދަތުރު ކޮށްފައިވަނީ މި ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. މި ގުރޫޕް ދެވަނަ ލިބުނީ އައިވަރީ ކޯސްޓަށެވެ. އިކުއެޑޯއަށް ދެވަނަ ބުރުން ޖާގަ ލިބެނީ ތިންވަނައަށް އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކަށް ލިބޭ ޖާގަތަކުން ޖާގައެއްގައި ހިމެނިގެންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top