މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުން ނެދަލެންޑްސް ޖާގަ ހޯދައިފިއެވެ.
ގުރޫޕް އެފްގައި ހިމެނޭ ނެދަލެންޑްސް ދެވަނަ ބުރުން ޖާގަ ހޯދީ އެ ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެ ޓީމު ކުޅުނު ފުރަތަމަ މެޗު ޖަޕާނާއި ބައްދަލުކޮށް އެއްވަރުވި ނަމަވެސް ދެވަނަ މެޗުގައި 5-1 އިން ސްވިޑެން ބަލިކުރިއެވެ. ގުރޫޕް ސްޓޭޖްގެ ފަހު މެޗުގައި 3-1 އިން ޓިއުނީޝިޔާ ބަލިކުރިއެވެ.
ރޭ ފަތިހު ރާއްޖެ ގަޑިން 4 ޖެހިއިރު ފެށި މި މެޗުގައި ރަނގަޅަށް ކުޅުނީ ނެދަލެންޑްސްއެވެ. ފުރަތަމަ މިނިޓުން ފެށިގެން އެޓޭކަށް އިސްކަންދިން ނެދަލޭންޑްސް އިން މެޗުގެ ފުރަތަމަ ލަނޑު ޖެހީ ތިންވަނަ މިނިޓްގައެވެ. މި ލަނޑަކީ ނެދަލޭންޑްސް ކުޅުންތެރިއަކު ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ދިފާއުކުރަން މަސައްކަތްކުރި ޓިއުނީޝިޔާ ކުޅުންތެރިއެއް ފައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ.
މި ލަނޑަށްފަހު ވެސް ރަނގަޅަށް ކުޅުނީ ނެދަލޭންޑްސްއެވެ.
ގާތްގާތުގައި ފުރުސަތުތައް ތަނަވަސްކުރި ނެދަލޭންޑްސްއިން ފުރަތަމަ ލަނޑު ޖެހިތާ މާގިނައިރެއް ނުވެ އެ ޓީމުގެ ދެވަނަ ލަނޑު ޖެހިއެވެ. 7 ވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑު ޖަހައިދިނީ ބުރައިން ބްރޮބީއެވެ.
ލަނޑެއް ޖެހޭތޯ މަސައްކަތް ކުރަމުންދިޔަ ޓިއުނީޝިޔާއަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިބި ބޭނުން ނުކުރެވިފައެވެ.
ފުރަތަމަ ހާފު މި ނަތީޖާގައި ނިމުނު ނަމަވެސް ދެވަނަ ހާފުގައި ޓިއުނީޝިޔާ ވަނީ ކުޅުން ރަނގަޅުކޮށް ތަފާތު ދައްކައިފިއެވެ.
54 ވަނަ މިނެޓުގައި މަސްތޫރީ ޖަހައިދިން ލަނޑުން ޓިއުނީޝިޔާ އުންމީދު އާކުރިއެވެ.
ރަނގަޅަށް ކުޅެ ފުރުސަތުތައް ފަހިކުރަމުންދިޔަ ޓިއުނީޝިޔާއިން ދެވަނަ ލަނޑެއް ޖެހުމުގެ ކުރިން ނެދަލެންޑްސް އިން ދެވަނަ ފަހަރަށް މެޗުގެ ކޮންޓްރޯލް ހޯދިއެވެ.
ނެދަލޭންޑްސްއިން އެ ޓީމުގެ ތިންވަނަ ލަނޑު ޖެހީ ފަހު ހާފުގެ ފަހުކޮޅުއެވެ. މި ލަނޑަކީ ނެދަލެންޑްސް ކުޅުންތެރިއަކު ނަގައިދިން ކޯނަރު ދިފާއުކުރަން މަސައްކަތް ކުރި ޓިއުނީޝިޔާ ކުޅުންތެރިއެއްގެ ބޮލުގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު 7 ޕޮއިންޓް ހަމަކޮށް ނެދަލޭންޑްސް ދެވަނަ ބުރަށް ދިޔައީ ގުރޫޕް އެފްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. މި ގުރޫޕްގެ ދެވަނަ ޓީމަކީ ޖަޕާނެވެ.
