މިހާރު ކުރިޔަށްދާ ފީފާ ވޯޑްގެ ކަޕް 2026 ފުޓްބޯޅަ މުބާރާތުގައި، ގުރޫޕް އެފް އިން ދެވަނަ ހޯދައި ޖަޕާނުން ދެވަނަ ބުރުގެ ޖާގައެއް ހޯދައިފިއެވެ.
ނެދަލޭންޑްސް އާއި ޓިއުނީޝިއާ އަދި ޖަޕާނާއި ސްވިޑެން ހިމެނޭ މި ގުރޫޕްގެ ފަހު މެޗުތަކުގައި ބައްދަލުކުރީ ނެދަލޭންޑްސް އާއި ޓިއުނީޝިއާ އަދި ސްވިޑެން އާއި ޖަޕާނެވެ.
ނެދަލޭންޑްސް އާއި ޓިއުނީޝިޔާ ބައްދަލުކުރި މެޗު 3-1 އިން ނެދަލޭންޑްސް ކާމިޔާބުކުރިއިރު، ސްވިޑެން އާއި ޖަޕާނު ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ލަނޑު ޖެހުމަށް ދެ ޓީމަށް ވެސް ފުރުސަތު ލިބުނުއިރު، އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން އެއްވެސް ޓީމަކަށް ހިފިފައެއް ނުވެއެވެ.
ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް ދެވަނަ ހާފުގައި ދެ ޓީމުން ވަނީ ދެ ލަނޑު ޖަހާފައެވެ. އަދި އެއް ޓީމު މޮޅުވިޔަ ނުދިނުމަށް އަނެއް ޓީމުން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުކޮށްފައެވެ.
މި މެޗުގައި ފެނުނު ފުރަތަމަ ލަނޑު ޖަހާފައިވަނީ ދެވަނަ ހާފުގެ ކުރީކޮޅުއެވެ. 56 ވަނަ މިނިޓްގައި ޖަޕާނުން ޖެހި މި ލަނޑަކީ އެ ޓީމުގެ ރިޓްސޫ ޑޯއާން ތަނަވަސްކޮށްދިން ފުރުސަތެއްގައި ޑައިޒެން މައޭޑާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ލީޑު ނަގައި ޖަޕާނަށް ހަމަޖެހި ނުލެވިގެން އުޅެނިކޮށް ސްވިޑެންއިން ލަނޑު ޖަހައި ނަތީޖާ ހަމަހަމަކުރިއެވެ. 62 ވަނަ މިނިޓްގައި ސްވިޑެންއަށް މި ލަނޑު ކާމިޔާބުކޮށްދިނީ އެންތަނީ އެލަންގާއެވެ. އެލަންގާ މި ލަނޑު ޖަހާފައިވަނީ ވިކްޓަ ޔޯކްރޭސް ތަނަވަސް ކޮށްދިން ފުރުސަތެއްގައެވެ.
ޖަޕާނާއި ސްވިޑެން މި މެޗަށް ނުކުތްއިރު، ދެ ޓީމަށް ވެސް ގުރޫޕްގެ ދެވަނަ ހޯދުމުގެ ފުރުސަތު އޮތެވެ. މި ގުރޫޕްގެ މެޗުތައް މިހާރު ނިމިފައިވާއިރު، ހަތް ޕޮއިންޓާއިއެކު އެއްވަނައިގައި އޮތީ ނެދަލޭންޑްސްއެވެ. ދެވަނައިގައި އޮތް ޖަޕާނަށް ފަސް ޕޮއިންޓް ލިބިފައިވާއިރު ތިންވަނައިގައި އޮތް ސްވިޑެންއަށް ހަތަރު ޕޮއިންޓް ލިބިފައިވެއެވެ.
މުބާރާތުގެ ދެވަނަ ބުރަށް، ގުރޫޕްގެ އެއްވަނަ ހޯދި ނެދަލޭންޑްސް އާއި ދެވަނަ ހޯދި ޖަޕާނުގެ އިތުރުން ތިންވަނަ ހޯދި ސްވިޑެން ވެސް ވަނީ ދަތުރުކޮށްފައެވެ. ސްވިޑެންއަށް ޖާގަ ލިބިފައިވަނީ ތިންވަނަ ހޯދި އެންމެ ރަނގަޅު ޓީމުތަކަށް ދޭ ޖާގައިގެ ތެރޭ އެ ޓީމު ހިމެނުމުންނެވެ.
