ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަމްޖޭ “ގިލަން” ފިލްމު ހަދަން ނިންމީ ރޭޑިއޯ ޑްރާމާ “ގިލަން” އަޑުއަހާފައި

ދިވެހި ވާހަކަ ކިޔުންތެރިންނާއި ރޭޑިއޯ ޑްރާމާ އަދި ވާހަކަ އަޑުއަހާ އެހުންތެރިންގެ މެދުގައި އެންމެ ބޮޑު މަޤުބޫލުކަމެއް ހޯދި ދިވެހި ވާހަކަ “ގިލަން” އަށް ފިލްމެއް ހަދަން ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ) ނިންމީ މި ވާހަކައިގެ ރޭޑިއޯ ޑްރާމާ އަޑުއިވި، އެ ޑްރާމާ ރީތިވެފައި އަސަރުގަދަވުމުގެ ސަބަބުން ކަމަށް އޭނާ ބުނެފިއެވެ. ރާއްޖެ ޓީގެ ‘ފަސް ސުވާލު’ ޕްރޮގްރާމުގައި އަމްޖޭ ވަނީ މި ފިލްމާބެހޭ ގިނަ ވާހަކަތަކެއް ހިއްސާކޮށްފައެވެ.

އަމްޖޭ ބުނީ ރޭޑިއޯއިން މި ވާހަކަ އަޑުއެހުމަށްފަހު، ވާހަކަ ލިޔުންތެރިޔާ މުޙައްމަދު ޤާސިމް ހޯދައިގެން “ގިލަން”އަށް ފިލްމެއް ހަދަން ބޭނުންކަމަށް ބުނެ އެ ވާހަކަ އޭނާގެ އަތުން ހޯދި ކަމަށެވެ. މީގެ 11 އަހަރު ކުރިން ޝޫޓިން އެއްކޮށް ނިންމާލާފައިވާ ފިލްމު “ގިލަން” ރިލީޒް ނުކުރެވި މިހާ ލަސްވީ މި ފިލްމަކީ އަމްޖޭ އަމިއްލައަށް ޚަރަދުކޮށްގެން އުފެއްދި ފިލްމަކަށްވީތީ ކަމަށެވެ.

ދިވެހި ފިލްމީ ދާއިރާގައި އެންމެ ގިނަ ފިލްމު ޑައިރެކްޓްކުރުމުގެ ރެކޯޑް ހޯދާފައިވާ މަގްބޫލް ޑައިރެކްޓަރ އަމްޖަދު އިބްރާހިމް (އަމްޖޭ) ގެ 50 ވަނަ ފިލްމު “ގިލަން” ރިލީޒްކުރާނީ މި ހިނގާ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ރޭގައެވެ.

ފިލްމަށް ކާސްޓުން ހޮވުމުގައި އޭނާ ވިސްނާފައިވަނީ ވާހަކައިގެ ކެރެކްޓަރުތައް އެންމެ ރަނގަޅަށް ކުޅެވޭނެ ތަރިންނަށް ބަލައިގެން ކަމަށްވެސް އަމްޖޭ ބުންޏެވެ.

މި ފިލްމުގެ މައިގަނޑު ރޯލުތަކުން ފެނިގެންދާނީ ދިވެހި ސިނަމާގެ މަޝްހޫރު ތަރި ޔޫސުފް ޝަފީޢު (ޔޫއްޕެ) އާއި ހުނަރުވެރި ބަތަލާ ފާތިމަތު އާޒިފާ (އަޒޫ) އެވެ. މީގެ އިތުރުން އަހުމަދު ސައީދު، އައިމިނަތު ނޫރާ، މުހައްމަދު ރަޝީދު (ދަރާ) އަދި މަރިޔަމް ޝަކީލާ، ޢަލީ އާޒިމް (ދޮން އައްޔަ) ފަދަ ތަޖުރިބާކާރު އެކްޓަރުން މި ފިލްމުގެ އެކި ރޯލުތަކުން ފެނިގެންދާނެއެވެ.

މި ފިލްމުގެ ޓިކެޓް މިހާރު ވަނީ އާންމުންނަށް ވިއްކަން ފަށާފައެވެ. ފިލްމު “ގިލަން”ގެ ޓިކެޓް މިހާރުވެސް އޮލިމްޕަސް ސިނަމާގެ ކައުންޓަރުންނާއި އޮންލައިން ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ނެގޭނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top