ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ގާނާ ބަލިކޮށް ކްރޮއޭޝިއާ ދެވަނަ ބުރުގެ ޖާގަ ކަށަވަރުކޮށްފި
ފޮޓޯ: ގެޓީ އިމޭޖަސް

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް “އެލް” ގައި މިރޭ ކުޅުނު ފޯރިގަދަ ފަހު މެޗުގައި ގާނާ ބަލިކޮށް، ގްރޫޕުގެ ދެވަނަ ކަށަވަރުކޮށް ކްރޮއޭޝިއާ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ. އެމެރިކާގެ ލިންކަން ސްޓޭޑިއަމްގައި ކުޅުނު މި މެޗު ކްރޮއޭޝިއާ ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ކްރޮއޭޝިއާގެ ތަޖުރިބާކާރު މިޑްފީލްޑަރު ލޫކާ މޮޑްރިޗްގެ ބެލުމުގެ ދަށުން އެ ޓީމުން މެޗު ކޮންޓްރޯލް ކުރިއިރު، ގާނާއިން ބޮޑަށް ބެލީ ޑިފެންސް ވަރުގަދަކޮށް، ކައުންޓަރ އެޓޭކްގައި ކްރޮއޭޝިއާގެ ގޯލަށް ނުރައްކާކުރުމަށެވެ. ނަމަވެސް ގާނާގެ ގޯލު ފޫއަޅުވާލައި 31 ވަނަ މިނެޓުގައި ކްރޮއޭޝިއާއަށް ލަނޑު ކާމިޔާބުކޮށްދިނީ މަޓެއޯ ކޮވަސިޗް ތަނަވަސްކޮށްދިން ފުރުސަތަކުން ޕެޓާ ސޫޗިޗްއެވެ.

ފުރަތަމަ ހާފުގައި ގާނާއިން ކްރޮއޭޝިއާގެ މިޑްފީލްޑަރުން ހުއްޓުމަށް ޑިފެންސަށް އެހީތެރިވާން ޖެހުމުން މާ އެދެވޭ ނަތީޖާއެއް ނުނެރެވުނު ނަމަވެސް މެޗުގެ 73 ވަނަ މިނެޓުގައި ގާނާއިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އާނެސްޓް ނުއާމާ ނަގައިދިން ހުރަހަކުން މި ލަނޑު ޖަހައިދިނީ ޑެރިކް ލަކަސެންއެވެ. ނަމަވެސް، މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށް ކެޕްޓަން މޮޑްރިޗް ނަގައިދިން ކޯނަރެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނިކޮލާ ވްލަސިޗް ވަނީ ކްރޮއޭޝިއާއަށް މުހިންމު މޮޅެއް ހޯދައިދީފައެވެ.

މި ނަތީޖާއާއެކު ގްރޫޕް “އެލް” އިން ހަތް ޕޮއިންޓާއެކު އެއްވަނަ ޓީމުގެ ގޮތުގައި އިންގްލެންޑް ދެވަނަ ބުރަށް ދިޔައިރު، ހަ ޕޮއިންޓާއެކު ކްރޮއޭޝިއާ ދިޔައީ ދެވަނައަށެވެ. ގާނާ ހަތަރު ޕޮއިންޓާއެކު ތިންވަނައިގައި ނިންމާލިއިރު، އެއްވެސް ޕޮއިންޓެއް ނުލިބި ޕެނަމާ ވަނީ މުބާރާތުން ކަޓާފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top