ޖަޕާން ފުޓްބޯލް އެސޯސިއޭޝަން (ޖޭއެފްއޭ) ގެ އެހީތެރިކަމާއިއެކު ރާއްޖޭގައި ބާއްވާ އެފްއޭއެމް 19 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތް “ޔޫތު ޗެމްޕިއަންޝިޕް 2026” ގެ ދެވަނަ މެޗުން ވ. ކެޔޮދޫ މޮޅުވެއްޖެއެވެ.
އިއްޔެ ހަވީރު ފެށި މި މުބާރާތުގައި ހަ ޓީމެއް ވާދަކުރެއެވެ. އެއީ މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކުލްބާއި ޓީސީ ސްޕޯރޓްސް ކުލަބް އަދި ވ. ކެޔޮދޫ އާއި ބުރު ސްޕޯރޓްސް ކުލަބްގެ އިތުރުން ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބާއި އޮޑި ސްޕޯރޓްސް ކުލަބެވެ.
ގަލޮޅު ދަނޑުގައި ރޭ ކުޅެވުނު މި މެޗުގައި ބައްދަލުކުރީ ވ. ކެޔޮދޫ އާއި ބުރު ސްޕޯރޓްސް ކުލަބެވެ.
ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގެ ކުރީކޮޅު ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށް ވެސް ވަނީ ލިބި ބޭނުން ނުކުރެވިފައެވެ. ބުރުން ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް ކެޔޮދޫ ކީޕަރު ދިފާއުކޮށްފައިވާއިރު، ދެ ޓީމުގެ ޑިފެންޑަރުންގެ ފަރާތުން ވެސް ފެނުނީ ރަނގަޅު ކުޅުމެކެވެ.
ގިނަ ފުރުސަތުތަކެއް ލިބި ބުރަށް ލަނޑެއް ނުޖެހި އުޅެނިކޮށް، ކެޔޮދޫން ވަނީ ލީޑު ނަގާފައެވެ. ލިބުނު މަދު ފުރުސަތުތަކުގެ ތެރެއިން ފުރުސަތެއްގައި ކެޔޮދޫއަށް މި ލަނޑު ޖަހައިދިނީ އަޙްމަދު ރައްޔާން އާދަމްއެވެ. ބުރުގެ އޭރިޔާ ބޭރުން ގޯލު ކުރިމައްޗަށް ރައްޔާން ނަގައިދިން ހުރަސް ދިފާއުކުރަން މަސައްކަތްކުރި ބުރުގެ ކީޕަރު ކައިރިން ގޮސް ވަނީ ގޯލުގެ ތެރެއަށެވެ.
ބޯކޮށް ވެހެމުންދިޔަ ވާރެއާއި ގަދަ ވައިގައި ކުޅެމުންދިޔަ މި މެޗުގެ 27 ވަނަ މިނިޓްގައި ލައިޓަށް ދިމާވި މައްސަލައަކާއި ގުޅިގެން ކުޅުން މެދުކަނޑާލި ނަމަވެސް، ލައިޓްތައް ރަނގަޅު ކުރުމާއިއެކު މެޗު ވަނީ އަލުން ފަށާފައެވެ. ދަނޑުގައި ފެންބޮޑުވެ ކޯރު ހެދިފައި އޮތުމުގެ ސަބަބުން ކުޅެން އުނދަގޫވި މި މެޗުގައި ކެޔޮދޫއަށްވުރެ ރަނގަޅު ފުރުސަތުތައް ލިބުނީ ބުރަށެވެ.
ފުރަތަމަ ހާފު ނިމުނީ މި ނަތީޖާއާއެކުއެވެ.
ދެވަނަ ހާފުގައި ވެސް ދެ ޓީމުގެ ފަރާތުން ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ.
ދަނޑުގައި ފެން ހެދިފައި އޮތުމުގެ ސަބަބުން ޕާސް ދޭން އުނދަގޫވި މި މެޗުގެ ނަތީޖާ ބުރުން ހަމަހަމަކުރީ 74 ވަނަ މިނިޓްގައި އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްގެންނެވެ. ބުރުގެ ޕެނަލްޓީ ގޯލަށް ވައްދާލައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޒްހަދު މުޙައްމަދު ޒާހިދެވެ.
ދެވަނަ ފަހަރަށް ކެޔޮދޫން ލީޑު ނެގީ 84 ވަނަ މިނިޓްގައި އެ ޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ކެޔޮދޫއަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ޖޫދު އިސްމާއިލްއެވެ.
2-1 އިން ކެޔޮދޫ މޮޅުވި، މި މެޗާއިއެކު އެ ޓީމު ވަނީ ލީގު ބުރުގެ ދެވަނައަށް ޖެހިލާފައެވެ. އެއްވަނައިގައި އޮތް މާޒިޔާ އާއި ކެޔޮދޫ ޕޮއިންޓްގެ ގޮތުން އެއްވަރުވި ނަމަވެސް މާޒިޔާއަށް ކުރި ލިބެނީ ޖަހާފައިވާ ލަނޑު ގިނަވުމުންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކެޔޮދޫއަށް ފުރަތަމަ ލަނޑު ޖަހައިދިން އަޙްމަދު ރައްޔާން އާދަމްއެވެ.
މި މުބާރާތުގެ މެޗެއް މިރޭ ވެސް އޮންނާނެއެވެ. މި މެޗުގައި ބައްދަލުކުރާނީ ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބާއި އޮޑި ސްޕޯރޓްސް ކުލަބެވެ.
