2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގަދަ 32 ޓީމު ވާދަކުރި ބުރުގައި ޕެރަގުއޭ އަތުން ހައިރާންކުރުވަނިވި ގޮތަކަށް ބަލިވެ، މުބާރާތުގެ ފޭވަރިޓުންގެ ތެރޭގައި ހިމެނުނު ޖަރުމަން މުބާރާތުން ވަކިވާން ޖެހިއްޖެއެވެ.
މިރޭ ޖިލެޓް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ޖަރުމަނުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ޕެރެގުއޭގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލެވޭވަރުގެ ނުރައްކާތެރި ހަމަލާއެއް އުފެއްދޭ ގޮތެއް ނުވިއެވެ. މެޗުގެ 42 ވަނަ މިނެޓުގައި މަޓިއަސް ގަލާޒާ ނަގައިދިން ހުރަހަކުން ހޫލިއޯ އެންސީސޯ ބޮލުން ޖެހި ގޯލާއެކު ޕެރަގުއޭއިން ވަނީ ފުރަތަމަ ހާފު 1-0 އިން ކުރި ހޯދާފައެވެ.
ދެވަނަ ހާފު ފެށިގެން ޖަރުމަނުން ކުޅުން އަވަސްކޮށް ނަތީޖާ ހަމަހަމަކުރުމުގެ މަސައްކަތް ފެށިއެވެ. އެގޮތުން އަށްވަނަ މިނެޓުގައި ފްލޮރިއަން ވާޓްޒް ނަގައިދިން ބޯޅައަކުން ކައި ހާވާޓްޒް ވަނީ ބޮލުން ގޯލަށް ފޮނުވާލި ހަމަލާއަކުން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.
މުޅި މެޗުގެ ކޮންޓްރޯލް ޖަރުމަނު އަތުގައި އޮތް ނަމަވެސް ކައުންޓަރ އެޓޭކްތަކުގައި ޕެރެގުއޭއިން ވަނީ ޖަރުމަނުގެ ގޯލަށް ނުރައްކާކޮށްފައެވެ. އެއަށްފަހު ގިނަ ބަދަލުތަކެއް ފެނިގެންދިޔައިރު ޕެރެގުއޭގެ އެންސީސޯއަށް އަނިޔާވެގެން ބޭލުމަކީ ޕެރެގުއޭއަށް ދިމާވި އިތުރު ގޮންޖެހުމެކެވެ. ނަމަވެސް ޕެރެގުއޭއިން ވަނީ ޖަރުމަނުން އިތުރު ގޯލެއް ޖެހިޔަނުދީ ހިފަހައްޓާފައެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން ނަތީޖާ ހަމަހަމަވެފައި އޮތުމުން އިތުރު ވަގުތުގެ ދެ ހާފު ވަނީ ކުޅެފައެވެ. ގިނަ ވަގުތު ޕެރެގުއޭގެ ހާފު ތެރޭ ޖަރުމަނުން ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅެ، ވަނީ ގޯލެއް ޖަހާފައެވެ. ޖަރުމަނުގެ ޖޮނަތަން ތާ ޖެހި ގޯލެއް ވީއޭއާރްއިން ބެލުމަށްފަހު ވަނީ ބާތިލުކޮށްފައެވެ. އެއީ ޕެރަގުއޭގެ ގޯލްކީޕަރަށް ފައުލްކޮށްފައިވާތީއެވެ. އިތުރު ވަގުތުގެ ދެ ހާފުގައިވެސް ނަތީޖާއަށް ބަދަލެއް ނައުމުން މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.
ޕެނަލްޓީ ޝޫޓްއައުޓް ޕެރެގުއޭއިން ކާމިޔާބުކުރީ 4-3 އިންނެވެ. ޖަރުމަނުގެ ހާވާޓްޒް އަދި ނިކް ވޮލްޓެމޭޑް ޖެހި ޕެނަލްޓީ ޕެރެގުއޭގެ ކީޕަރު އޯލަންޑް ގިލް ދިފާއުކުރިއިރު، ޖޮނަތަން ޓާ ޖެހި ޕެނަލްޓީ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ. ޖަރުމަނުގެ ޕެނަލްޓީތައް ކާމިޔާބުކުރީ ޖޯޝުއާ ކިމިކް، ޖަމާލް މުސިއާލާ އަދި ނަދީމް އަމީރީއެވެ. ޕެރެގުއޭގެ ޕެނަލްޓީތައް މިގޭލް އަލްމިރޯން، މައުރީސިއޯ، މަޓިއަސް ގަލާޒާ އަދި ޖޯސް ކަނަލޭ ކާމިޔާބުކުރިއިރު، އެންޓޮނިއޯ ސަނަބްރިއާގެ ޕެނަލްޓީ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. އަދި ފެބިއަން ބަލްބުއެނާ ޖެހި ޕެނަލްޓީ ޖަރުމަނުގެ ކީޕަރު ވަނީ މަތަކޮށްފައެވެ.
މި ތާރީޚީ މޮޅާއެކު ޕެރެގުއޭ ގަދަ 16 ގައި ވާދަކުރަން ޖެހޭނީ ފްރާންސް އާއި ސްވިޑަން ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.
