– ޝަކީރާގެ ކާމިޔާބީގެ ހައިރާންކުރުވަނިވި ދަތުރު: ސްކޫލް ކޯރަަަސްއިން އޭނާ ބާކީކޮށްލި ސަބަބު
މިއީ އަޅުގަނޑުމެން ކޮންމެ މީހަކުވެސް އިބުރަތް ހާސިލުކުރަންވީ ވާހައެކެވެ. ދުނިޔޭގެ ފެންވަރުގައި އެންމެ ފާހަގަކޮށްލެވޭ ކާމިޔާބު ތަރިންނަކީވެސް، ކޮންމެވެސް ހިސާބަކުން ނޫނެކޭ ބުނުމުގެ ހިތްދަތިކަމާއި ހަރުކަށި ފާޑުކިޔުންތަކާ ކުރިމަތިލާފައިވާ މީހުންނެވެ. ނަމަވެސް އެމީހުންގެ ތަފާތަކީ އެ ހުރަސްތަކުން އަރައިގަތުމަށް ކުރި ހިތްވަރެވެ. އަމިއްލަ ވަޒަން، ކޮލަމްބިއާގައި ލަވަކިޔުންތެރިއަކަށް އަދި ނަށާ މީހަކަށް ވުމުގެ ފޮނި ހުވަފެންތަކެއް ދެކެމުން އައި ކުޑަކުޑަ ޝަކީރާ، އޭނާ ކިޔެވި ކެތޮލިކް ސްކޫލުގެ ކޯރަސްއިން ބާކީކޮށްލީ އެއްވެސް ރަހުމެއް ނެތިއެވެ. ރިޕޯޓްތައް ބުނާގޮތުން އޭނާގެ މިއުޒިކް ޓީޗަރު އޭރު ބުނީ، ޝަކީރާގެ އަޑުގައި ހުންނަ ބާރު “ވައިބްރާޓޯ” ނުވަތަ އަޑު ތުރުތުރުލާ ގޮތުގެ ސަބަބުން، އޭނާގެ އަޑު ވައްތަރީ ބަކަރިއަކާ ކަމަށެވެ.
ދުނިޔޭގެ އެންމެ މަގުބޫލު ފަންނާނުންގެ ތެރޭގައި ހިމެނޭ ޝަކީރާ މުބާރަކް، އޭނާގެ ޓީޗަރުގެ އެ ހިތްދަތި ފާޑުކިޔުންތަކުގެ ސަބަބުން މާޔޫސްވެ ހުއްޓައެއް ނުލައެވެ. އޭގެ ބަދަލުގައި އޭނާ ދިޔައީ އޭނާގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ. އުމުރުން އެންމެ 8 އަހަރުގައި ފުރަތަމަ ލަވަ ލިޔުނު ޝަކީރާއަށް، އޭނާ ބޭނުންވަނީ ފަންނާނަކަށް ވާންކަން އޭރުވެސް ވަރަށް ރަނގަޅަށް އެނގެއެވެ.
ނަމަވެސް، “ކާންޓް ރިމެމްބަރ ޓު ފޮގެޓް ޔޫ”ގެ ލަވަކިޔުންތެރިޔާ އެއްބަސްވި ގޮތުގައި، އެހާ ތުއްތު އުމުރެއްގައި އެފަދަ ނިކަމެތިކަމަކާ ކުރިމަތިލާން ޖެހުމަކީ ފަސޭހަ ކަމެއް ނޫނެވެ.
“މިހާރު އެ ވާހަކަ ދައްކާއިރު މަޖާވެދާނެ، އެކަމަކު އޭރު އެއީ ވަރަށް ބޮޑު ހިތްދަތިކަމެއް. އަހަރެން ހުރީ ވަރަށް ފޮނި ހުވަފެންތަކެއްގަ. އުމުރުން 10 އަހަރުގައި އަހަރެންގެ ކެރިއަރު އޮތީ ނިންމާފަ، އަހަރެން ބޭނުންވީ ލަވަކިޔުންތެރިއަކަށް ވާން. އެކަމަކު އެ މީހާ އަހަރެން ސްކޫލް ކޯރަސްއަކަށް ނުވެެއްދި.” ޝަކީރާމީޑިއާ ޑޮޓް ކޮމްގައިވާ ލިޔުމެއްގައި ޝަކީރާ ބުނެފައިވެއެވެ.
“އަހަރެންގެ މައިންބަފައިން ބުނާނެ، ‘ދަރިފުޅުގެ އަޑު ވަރަށް ރީއްޗޭ، ދަރިފުޅުގެ އަސްލު ގޮތުގައި ސާބިތުވެ ހުންނާށޭ، އަޑު މަޑުނުކޮށް ހިތްވަރާއެކު ކުރިއަށް ދާށޭ’.” ޅައިރުގެ ހަނދާންތައް އާކުރަމުން ޝަކީރާ ބުންޏެވެ.
ޝަކީރާ އޭނާގެ މައިންބަފައިންގެ ނަސޭހަތް ގަބޫލުކޮށް، އުމުރުން އެންމެ 13 އަހަރުގައި ފުރަތަމަ ރެކޯޑް ޑީލްގައި ސޮއިކުރިއެވެ. ފުރަތަމަ ނެރުނު ދެ އަލްބަމަށް މާބޮޑު ތަރުހީބެއް ނުލިބުނު ނަމަވެސް، އޭނާ ހިތްވަރު އެލުވައެއް ނުލައެވެ. ނަތީޖާއެއްގެ ގޮތުން 1996 ވަނަ އަހަރު ނެރުނު “ޕިއޭސް ޑެސްކަލްޒޯސް” އަލްބަމް ވެގެންދިޔައީ އޭނާގެ ފުރަތަމަ ކާމިޔާބީއަށެވެ. މި އަލްބަމްގެ 3 މިލިއަން ކޮޕީ ވިކުނެވެ. އޭގެ ފަހުން މުޅި ދުނިޔޭގައި އޭނާގެ 60 މިލިއަނަށްވުރެ ގިނަ ރެކޯޑް ވިކި، އެތައް ގްރެމީ އެވޯޑެއް ހާސިލުކޮށް، ބިޔޯންސޭ އަދި ރިއާނާ ފަދަ މަޝްހޫރު ފަންނާނުންނާއެކު އޭނާ ވަނީ މަސައްކަތް ކޮށްފައެވެ.
“އަހަންނަކަށް ހިއެއްނުވޭ އެ މިއުޒިކް ޓީޗަރަށް މިއުޒިކާ ބެހޭގޮތުން މާ ބޮޑު އެއްޗެއް އެނގޭހެނެއް.”
މިހާރު “ދަ ވޮއިސް”ގެ ކޯޗެއްގެ ގޮތުގައި ފެންނަ އަދި އައު އަލްބަމެއް ނެރެން ތައްޔާރުވަމުންދާ ޝަކީރާ، މާޒީއަށް ބަލައިލަމުން ބުނެފައިވެއެވެ.
އޭނާގެ މި ބަހުން އެނގެނީ، އެންމެ ފަހުން ކާމިޔާބު ހޯދީ ހިތްވަރުގަދަ ޝަކީރާ ކަމެވެ.
