ކުލަބް މޯލްޑިވްސް ކަޕް 2026 ފުޓްސަލް މުބާރާތުގެ 15 ވަނަ މެޗުން އާރުއާރުސީ ފަސޭހަކަމާއިއެކު މޮޅުވިއިރު، 16 ވަނަ މެޗު އެމްޕީއެލް ފަސޭހަކަމާއިއެކު ކާމިޔާބުކޮށްފިއެވެ. ރޭ ކުޅެވުނު މި ދެ މެޗަށް ބަލައިލާއިރު:
މެޗު 15
ފަނަރަވަނަ މެޗުގައި ބައްދަލުކުރީ އާރުއާރުސީ އާއި ފެން ކުލަބެވެ. ގުރޫޕް ޑީގައި ހިމެނޭ މި ދެ ޓީމުގެ ކުރިމަތިލުމަކީ އާރުއާރުސީގެ ދެވަނަ މެޗު ނަމަވެސް، ފެން ކުލަބްގެ ތިންވަނަ މެޗެވެ. ކުޅުނު ފުރަތަމަ މެޗުން އެމްޕީއެލް މޮޅުވިއިރު، ކުޅުނު ދެ މެޗުން ވެސް ފެން ކުލަބް ބަލިވެފައިވަނީ ތަފާތުބޮޑު ނަތީޖާތަކުންނެވެ.
ކުރިން ބެލެވުނު ގޮތަށް މި މެޗު ވެސް ވެގެން ދިޔައީ އިދިކޮޅު ޓީމަށް ފަސޭހަ މެޗަކަށެވެ. ފެން ކުލަބް ކޮޅަށް އާރުއާރުސީން 11 ލަނޑު ޖެހިއިރު އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ، ޢަލީ ހާފިޒު 3 ލަނޑު، ހުސެއިން ގައްސާނު 2 ލަނޑު، އަޙްމަދު އަފްލާޒް 2 ލަނޑު، އަޙްމަދު ރިޒުވާން އާއި އިސްމާއިލް މުނީޒު އަދި ޒައިން ޒަފަރު، ކޮންމެ ކުޅުންތެރިއެއް ލަނޑެކެވެ. ފެން ކުލަބްގެ ލަނޑު ޖަހައިދިނީ ސައިފަން އަޙްމަދެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އާރުއާރުސީގެ ޢަލީ ހާފިޒެވެ. މި މެޗުން ހޯދި ތިން ޕޮއިންޓާއިއެކު ހަ ޕޮއިންޓް ހަމަކޮށް އާރުއާރުސީ ވަނީ ގުރޫޕްގެ އެއްވަނައަށް ޖެހިލާފައެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ޢަލީ ހާފިޒް / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް
މެޗު 16
ސޯޅަވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް އޭގައި ހިމެނޭ އެމްޕީއެލް އާއި ކުލަބް ޓީޓީއެސްއެވެ. އެމްޕީއެލް ކުޅުނު ފުރަތަމަ މެޗު އެއްވަރުވި ނަމަވެސް، ކުލަބް ޓީޓީއެސް ކުޅުނު ފުރަތަމަ މެޗު އެ ޓީމު ވަނީ ކާމިޔާބުކޮށްފައެވެ. ވާދަވެރި މެޗަކަށް ވާނެކަމަށް ކުރިން ބެލެވުނު މި މެޗުވީ އެމްޕީއެލްއަށް ފަސޭހަ މެޗަކަށެވެ.
ފަސޭހަކަމާއިއެކު 7-2 އިން އެމްޕީއެލް ކާމިޔާބުކުރި މި މެޗުގައި އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އިބްރާހިމް އަތީގު، މުޙައްމަދު ސަހާއު، އިބްރާހީމް ވަޙީދު، ޢަލީ ފާސިރު، ހަސަން ޔޫން، ކޮންމެ ކުޅުންތެރިއެއް ލަނޑެކެވެ. އަދި އަޙްމަދު ނިޒާމް ދެ ލަނޑެވެ. އެމްޕީއެލްގެ ޢަލީ ޝަމާލް އަބްދުﷲ މޮޅު ކުޅުންތެރިއަކަށް ހޮވުނު މި މެޗުގައި ކުލަބް ޓީޓީއެސްގެ ދެ ލަނޑު ޖަހައިދިނީ ހަސަން ނަޒީމްއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ޢަލީ ޝަމާލް ޢަބްދުﷲ / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް
މި މެޗުން ހޯދި ތިން ޕޮއިންޓާއިއެކު ފައިދާ ފަސް ލަނޑު ހަމަކޮށް އެމްޕީއެލް ވަނީ ގުރޫޕްގެ އެއްވަނައަށް ޖެހިލައިފައެވެ.
