މިހާރު ކުރިޔަށްދާ 19 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތް “ޔޫތު ޗެމްޕިއަންޝިފް 2026” ގައި އެ ޓީމު ކުޅުނު ދެވަނަ މެޗުން މޮޅުވެ ބުރު ސްޕޯރޓްސް ލީގު ބުރުގެ ދެވަނައަށް ޖެހިލައިފިއެވެ.
އިއްޔެ ހަވީރު ގަލޮޅު ދަނޑުގައި ކުޅެވުނު މި މެޗުގައި ބައްދަލުކުރީ ޓީސީ ސްޕޯރޓްސް ކުލަބާއި ބުރު ސްޕޯރޓްސް ކުލަބެވެ.
ކުޅުނު ފުރަތަމަ މެޗުގައި މާޒިޔާއާ ބައްދަލުކޮށް 8-0 އިން ޓީސީ ބަލިވެފައިވާއިރު، ބުރު ބަލިވެފައިވަނީ ކެޔޮދޫއާ ވާދަކޮށް 2-1 އިންނެވެ.
މާބޮޑު ވާދަވެރިކަމެއް ނެތް މި މެޗުގެ ފުރަތަމަ ހާފު ލީޑުކުރީ ބުރުންނެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ބުރުން ތަނަވަސް ކުރިއިރު، ޓީސީއަށް ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތު މަދުން ނަމަވެސް ލިބިފައެވެ.
މެޗުގެ ކުރީކޮޅު މަކީން މުޙައްމަދު ނައުޝާދުގެ ލަނޑުން ބުރު ލީޑު ނެގިއެވެ. މަކީން ޖެހި ލަނޑަކީ ޓީސީ ކުޅުންތެރިއެއް ފަހަތަށް ޖައްސާލި ބޯޅައެއް ޑިފެންޑަރަށް ކޮންޓްރޯލް ނުކުރެވިގެން ދިޔަ ވަގުތު ބޯޅަ ހޯދައި އޭރިޔާ ތެރެއަށް ވަދެ ގޯލްގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދިން ލަނޑެކެވެ.
މޮޅަށް ކުޅުނު ބުރުން އެ ޓީމުގެ ދެވަނަ ލަނޑު ޖެހީ 10 ވަނަ މިނިޓްގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ހޫދު އިސްމާއިލްއެވެ. ބުރު ކުޅުންތެރިން ޕާސްކޮށްލައިގެން ޓީސީގެ ހާފުތެރެއަށް ވަދެ ޑިފެންޑަރުންގެ ފަހަތަށް ޖައްސާލި ބޯޅަ ހިފައިގެން އޭރިޔާ ތެރެއަށް ވަދެ ގޯލްގެ ތެރެއަށް ހޫދު ބޯޅަ ފޮނުވާލީ ކީޕަރުގެ ބޯމަތިންނެވެ.
މި ލަނޑަށްފަހު ވެސް ރަނގަޅަށް ކުޅުނީ ބުރުންނެވެ. ދެ ލަނޑުގެ ލީޑެއްގައި ކުޅެމުންދިޔަ ބުރާއި އެއްވަރުކުރުމަށް ޓީސީއަށް ރަނގަޅު ފުރުސަތެއް ނުލިބި އުޅެނިކޮށް ބުރުން ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ޖަހާފައެވެ.
40 ވަނަ މިނިޓްގައި ބުރަށް މި ލަނޑު ޖަހައިދިނީ މުޙައްމަދު ޖޫދު އިސްމާއިލްއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ބުރު ކުޅުންތެރިން ޓީސީގެ ޑިފެންސްގެ ފަހަތަށް ކުޅެލި ބޯޅަ ހޯދައިގެން އޭރިޔާތެރެއަށް ވަދެ ފޮނުވާލި ވަގުތު ޓީސީގެ ކީޕަރަށް ލިބުނު ނަމަވެސް، ކީޕަރުގެ އަތުން ދޫވި ބޯޅަ ދެވަނަ ފަހަރަށް ހޯދައި ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ތިންވަނަ ލަނޑު ޖެހިތާ މިނިޓެއްހާއިރު ފަހުން، ބުރުން ވަނީ އެ ޓީމުގެ ހަތަރު ވަނަ ލަނޑު ޖަހާފައެވެ. ޓީސީ ހާފުގެ ތެރެއިން ބުރު ކުޅުންތެރިއަކު ހޯދައި ހޫދު އިސްމާއިލްއަށް ޖައްސާލި ބޯޅަ ހިފައިގެން އޭރިޔާ ކައިރިއަށް ޖެހިލައި ފަސްވަރަކަށް ފޫޓް މަތިން ހޫދު ފޮނުވާލި ބޯޅަ ގޯލްގެ ތެރެއަށް ވަނީ ކީޕަރު ކައިރިންނެވެ.
ފުރަތަމަ ހާފު ނިމުނީ 4-0 އިންނެވެ.
ދެވަނަ ހާފުގައި ވެސް ރަނގަޅަށް ކުޅުނީ ބުރުންނެވެ. ފުރަތަމަ ހާފަށްވުރެ ރަނގަޅަށް ދެވަނަ ހާފުގައި ޓީސީން ކުޅުނުއިރު އެ ޓީމު ކޮޅަށް ލަނޑު ޖެހުމަކީ މިހާފުގައި ބުރަށް ފަސޭހަ ކަމަކަށް ނުވިއެވެ.
ދެވަނަ ހާފުގައި ޓީސީ ކޮޅަށް ބުރުން ލަނޑެއް ޖެހިއިރު، ޓީސީން ވަނީ ބުރުކޮޅަށް ވެސް ލަނޑެއް ޖަހާފައެވެ.
70 ވަނަ މިނިޓްގައި މުޙައްމަދު ޖޫދު އިސްމާއިލް ބުރުގެ ފަސްވަނަ ލަނޑު ޖަހައިދިންއިރު މި ލަނޑަކީ، ޓީސީގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އޭރިޔާ ތެރެއަށް ވަދެ ޔޫސުފް ޝާހިދު ތަނަވަސްކޮށްދިން ހުސް ފުރުސަތެއްގައި ޖޫދު ކާމިޔާބުކޮށްދިން ލަނޑެކެވެ.
މެޗު ނިމުމުގެ ކުރިން ޓީސީން ވަނީ މި މުބާރާތުގައި އެ ޓީމު ޖެހި ފުރަތަމަ ލަނޑު ޖަހާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޢަބްދުﷲ އައިދާންއެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ބުރު ދެވަނައަށް ޖެހިލީ ފައިދާ ލަނޑުގެ ތަފާތުންނެވެ.
