އިންސާނާގެ ހަށިގަނޑަކީ ކެނޑިނޭޅި މަސައްކަތްކުރާ ވަރަށް ފުރިހަމަ ބަޔޮލޮޖިކަލް ނިޒާމެކެވެ. މި ނިޒާމުގެ ތެރޭގައި ހިނގާ އެންމެ މުހިންމު އެއް މަރުހަލާއަކީ މެޓަބޮލިޒަމް ނުވަތަ ހަށިގަނޑުގެ ސެލްތަކުގައި ހަކަތަ އުފެއްދުމަށްޓަކައި ހިނގާ ކެމިކަލް ބަދަލުތަކެވެ. އަހަރެމެންނަށް އާދައިގެ ގޮތަކަށް ފެންނަން އޮންނަ މި ހަށިގަނޑަކީ، ހަޤީޤަތުގައި ކެނޑިނޭޅި އަލި ބޭރުކުރާ މަސްދަރެއްކަން އެނގެނީ ކިތައް މީހުންނަށް ބާވައެވެ؟
ސައިންޓިފިކް ދިރާސާތަކުން ދައްކާގޮތުގައި، އިންސާނާގެ ހަށިގަނޑުގައި ހިނގާ މެޓަބޮލިޒަމްގެ ތެރެއިން އިންތިހާއަށް ބަލިކަށި އަލީގެ ފޯޓޯންތަކެއް ދަނީ ބޭރުވަމުންނެވެ. މި އައްޔަކީ އިންސާނާގެ ލޮލަށް ފެންނަ މިންވަރަށްވުރެ ގާތްގަނޑަކަށް 1000 ގުނަ ފަނޑު އައްޔެކެވެ. އެހެންކަމުން، އާދައިގެ އިންސާނެއްގެ ލޮލަށް މި އަލި ފާހަގައެއް ނުކުރެވޭނެއެވެ. ނަމަވެސް، އިންތިހާއަށް ނާޒުކު އަލި ދެނެގަނެވޭ ފަދަ ސެންސިޓިވް ކެމެރާތަކުން ބަލާއިރު، އިންސާނާގެ ހަށިގަނޑުން މި ބަޔޯލުމިނިސެންސް ނުވަތަ ދިރުންތަކުން އުފައްދާ އަލި ފެންނަން ހުރެއެވެ.
މި އަލި ބޭރުވަނީ ވަކި މިންވަރެއްގައި ހިފެހެއްޓިފައެއް ނޫނެވެ. ދިރާސާތަކުން ހާމަވާ ގޮތުގައި، ހަށިގަނޑުން ބޭރުވާ މި ފަނޑު އަލީގެ މިންވަރު ދުވާލުގެ އެކި ވަގުތުތަކުގައި ބަދަލުވެއެވެ. މި ބަދަލުވުންތައް އެންމެ މައްޗަށް ދަނީ ހަވީރުގެ ވަގުތުތަކުގައެވެ. މިއީ ހަށިގަނޑުގެ އެތެރޭގެ ގަޑި ނުވަތަ “ބަޔޮލޮޖިކަލް ކްލޮކް” ހަމަޖެހިފައިވާ ގޮތް، ހަމުގެ މަތިން ހާމަކޮށްދޭ ވަރަށް މުހިންމު ނިޝާނެކެވެ.
މި އައްޔަކީ މެހި ނުވަތަ ބައެއް ކަނޑުގެ ދިރުންތަކުން ފެންނަ ފަދަ ގަދަ ވިދުމެއް ނޫނެވެ. މިއީ ހަށިގަނޑުގެ އާދައިގެ ބަޔޯކެމިސްޓްރީގެ ސަބަބުން އުފެދޭ ކަމެކެވެ. އަހަރެމެންނަށް ނުފެނުނު ކަމުގައި ވިޔަސް، އިންސާނާގެ ހަށިގަނޑަކީ ކެނޑިނޭޅި އޭގެ އެތެރޭގައި ހިނގާ ކެމިކަލް މަރުހަލާތަކުގެ މަޢުލޫމާތު އަލީގެ ސިފައިގައި ބޭރު ދުނިޔެއަށް ފަތުރަމުންދާ އަޖައިބުކުރުވަނިވި އުފެއްދުމެކެވެ. މިއީ ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނާގެ ހަށިގަނޑު ފަރުމާކުރައްވާފައިވާ ފުރިހަމަކަމާއި ކާއިނާތުގައިވާ ސިއްރުތަކުގެ ތެރެއިން ކުޑަ މިންވަރެކެވެ.
