ކުލަބް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދާ ފުޓްސަލް މުބާރާތްތަކުގެ ތެރޭގައި ހިމެނޭ އެއިޓީން ތާރޓީ ކުލެސިކް މުބާރާތް މިރޭ ފަށައިފިއެވެ. އަންހެން ޓީމުތަކަށް އަމާޒުކޮށްފައިވާ މި މުބާރާތުގައި މިއަހަރު ބައިވެރިވެފައިވަނީ ނުވަ ޓީމެވެ. އެ ޓީމުތަކަކީ ބީއެމްއެލް، އެޗްޑީސީ، ހެލްތު ރެކްރިއޭޝަން، ހުޅުމާލޭ ހޮސްޕިޓަލް، މިނިސްޓްރީ އޮފް ޔޫތު، ޕްރިޒަން، ސްޓެލްކޯ، އެސްޓީއޯ، އެމްއޭސީއެލްއެވެ.
މެޗު 1
މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ޕްރިޒަންސް ކުލަބާއި ހެލްތު ރެކްރިއޭޝަން ކުލަބެވެ. ޕްރިޒަންސް ކުލަބަކީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަންއެވެ.
މާބޮޑު ވާދަވެރިކަމެއް ނެތް މި މެޗު ޕްރިޒަންސް ކާމިޔާބު ކުރީ 14-0 އިންނެވެ.
މި މެޗުގައި ޕްރިޒަންގެ ލަނޑުތައް ޖަހައިދިނީ، ފާތިމަތު އިނާޝާ 5 ލަނޑު، އާމިނަތު ފަޒްލާ 4 ލަނޑު، އަދި އައިޝަތު ނައިހާ، މަރިޔަމް އަންސާ، ހައިކާ ހުސެއިން، ސައިގާ، އައިޝަތު ހާޝިމާ، ކޮންމެ ކުޅުންތެރިއެއް ލަނޑެކެވެ.
މި މެޗުގެ މޮޅު

މެޗުގެ މޮޅު ކުޅުންތެރިޔާ ފާޠިމަތު އިނާޝާ / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް
ކުޅުންތެރިއަކަށް ހޮވުނީ ޕްރިޒަންސްގެ ފާތިމަތު އިނާޝާއެވެ.
މެޗު 2
ދެވަނަ މެޗުގައި ބައްދަލުކުރީ އެސްޓީއޯ ރެކްރިއޭޝަން ކުލަބް އާއި ހުޅުމާލޭ ހޮސްޕިޓަލްއެވެ. މެޗުގެ ކުރީކޮޅު ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނުއިރު، ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ވަނީ ދެ ޓީމަށް ވެސް ލިބިފައެވެ.
މި މެޗުގެ ފުރަތަމަ ލަނޑު އެސްޓީއޯއިން ޖަހާފައިވަނީ ފުރަތަމަ ހާފުގެ ފަހު މިނިޓްގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މަލްދާ ނަސީމްއެވެ.
ދެވަނަ ހާފުގެ ފުރަތަމަ މިނިޓްގައި އެސްޓީއޯއިން އެ ޓީމުގެ ދެވަނަ ލަނޑު ޖެހިއިރު، މެޗުގެ ބޮޑުބައި ކޮންޓްރޯލްކޮށްގެން ކުޅުނީ ވެސް އެ ޓީމެވެ. އެސްޓީއޯއަށް އެ ޓީމުގެ ދެވަނަ ލަނޑު ޖަހައިދިނީ ސުމައްޔާ ބިންތު އަބްދުލް ހަމީދެވެ. ހުޅުމާލޭ ހޮސްޕިޓަލްގެ ހާފުގެ މެދަކާއި ހިސާބުން ލިބުނު ބޯޅަ، ކައިރިއަށް އައި ކުޅުންތެރިޔާ ކައިރިން ނައްޓާލުމަށްފަހު އޭރިޔާ ތެރެއަށް ވަދެ ގޯލާއި ދިމާއަށް ފޮނުވާލި ވަގުތު ކީޕަރު ދިފާއުކުރި ނަމަވެސް ދެވަނަ ފަހަރަށް ބޯޅަ ހޯދައި ސުމައްޔާ ވަނީ ގޯލްގެ ތެރެއަށް ބޯޅަ ވައްދާލައިފައެވެ.
ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދި އެސްޓީއޯއިން، އެ ޓީމުގެ ތިންވަނަ ލަނޑު ޖެހީ ދެވަނަ ހާފުގެ ފަހުކޮޅުއެވެ. އެސްޓީއޯގެ ހާފު ތެރެއިން މެދުރޮނގު ކައިރިން ލިބުނު ބޯޅަ ހިފައިގެން ގޮސް ހުޅުމާލޭ ހޮސްޕިޓަލްގެ އޭރިޔާ ތެރެއަށް ވަދެ ކީޕަރު ކައިރިން ތިރިތިރިން ގޯލްގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު ކާމިޔާބު ކޮށްދިނީ އާމިނަތު ޝައްފައެވެ.
އެސްޓީއޯއިން އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖެހީ މެޗުގެ 18 ވަނަ މިނިޓްގައި އާމިނަތު ޝަފްނާއެވެ. ޝަފްނާ މި ލަނޑު ޖެހީ ހުޅުމާލޭ ހޮސްޕިޓަލްގެ ހާފު ތެރެއިން އޭރިޔާ ކައިރިން އޭނާއަށް ލިބުނު ބޯޅަ ކީޕަރު ނުކުތް ވަގުތު ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ އާމިނަތު ސަމާ / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެސްޓީއޯގެ ކެޕްޓަން އާމިނަތު ސަމާއެވެ.
