ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
މަރަޑޯނާ މީގެ އަށް އަހަރު ކުރިން ކުރި އަންދާޒާތައް ހަގީގަތަކަށް

ފުޓްބޯޅައިގެ ލެޖެންޑް ޑިއޭގޯ މަރަޑޯނާ ދުނިޔެ ދޫކުރިތާ އަހަރުތަކެއް ވެފައިވީ ނަމަވެސް، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭގޮތުން އޭނާ ކުރިން ފާޅުކުރި ކަންބޮޑުވުންތައް މިއަދުގެ ހަގީގަތާ ދިމާވާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ނޮވެމްބަރު 25، 2020 ގައި އުމުރުން 60 އަހަރުގައި ނިޔާވި އާޖެންޓީނާގެ މި ލެޖެންޑް މީގެ އަހަރުތަކެއް ކުރިން ދިން އިންޓަވިއުއެއް ސޯޝަލް މީޑިއާގައި މިހާރު ދަނީ ވަރަށް ބޮޑަށް ދައުރުވަމުންނެވެ.

2018 ވަނަ އަހަރު، 2026 ގެ ވޯލްޑް ކަޕް އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވުމަށް ނިންމިތާ މާގިނަ ދުވަހެއް ނުވެ، މަރަޑޯނާ ވަނީ އުތުރު އެމެރިކާގެ ކުޅިވަރު މޮޑެލްއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން މަރަޑޯނާ ގަބޫލުކުރި ގޮތުގައި، ޓީވީ ބްރޯޑްކާސްޓަރުންނާއި ވިޔަފާރި މަސްލަހަތުތަކަށް އިސްކަންދިނުމުގެ ގޮތުން ފުޓްބޯޅައިގެ ސަގާފީ އޮނިގަނޑަށް ބަދަލުތަކެއް ގެންނާނެއެވެ.

“އިޝްތިހާރުތައް ދެއްކުމަށް ފުރުސަތު ހޯދުމުގެ ގޮތުން، އެމީހުން މެޗުގެ ދެ ހާފުގެ ބަދަލުގައި ހަތަރު ބަޔަކަށް (ފޯ ކުއާޓާސް) މެޗު ބަހާލާނެ. ތިޔަބޭފުޅުން ބައްލަވަން ތިއްބަވާ، ފަހުން މިކަން މިގޮތަށް ވާތަން ފެންނާނެ.” އާޖެންޓީނާގެ ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން މަރަޑޯނާ ބުންޏެވެ.

މަރަޑޯނާ ބުނި ގޮތަށް މެޗު ސީދާ ހަތަރު ބަޔަށް ބަހާލާފައި ނުވި ނަމަވެސް، މި ފަހަރުގެ ވޯލްޑް ކަޕްގައި ދެމުންދާ ‘ހައިޑްރޭޝަން ބްރޭކް’ ނުވަތަ ފެންބުއިމަށް މެދުކަނޑާލާ ވަގުތުތަކުގެ ސަބަބުން އޭނާގެ ބަސްތައް ގިނަ ބަޔަކު އަންނަނީ ހަނދާން އާކުރަމުންނެވެ. އެމެރިކާގެ އެކި ސިޓީތަކުގައި ކުޅެވޭ މެޗުތަކުގައި، ގަދަ ހޫނުން ކުޅުންތެރިންނާއި އޮފިޝަލުން ރައްކާތެރިކުރުމަށް ފީފާއިން ވަނީ މި ބްރޭކްތައް މަޖުބޫރުކޮށްފައެވެ. މިއީ ކުޅުންތެރިންގެ ސަލާމަތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ވިޔަސް، މި ވަގުތުކޮޅުގެ ސަބަބުން ބްރޯޑްކާސްޓް ކުރާ ވަގުތު އިތުރުވެ، އިޝްތިހާރު ކުރުމަށް އިތުރު ފުރުސަތުތަކެއް ލިބިގެންދެއެވެ. މިއީ މީގެ އަހަރުތަކެއް ކުރިން މަރަޑޯނާ އިންޒާރު ދިން ކަމެކެވެ.

މި ބަހުސް އިތުރަށް ހޫނުވެގެން ދިޔައީ، އޭސީ ކޮށްފައި ހުންނަ އިންޑޯ ސްޓޭޑިއަމްތަކާއި މޫސުން ރަނގަޅު ސަރަހައްދުތަކުގައި ބާއްވާ މެޗުތަކުގައި ވެސް މި ބްރޭކްތައް ނަގަމުންދާތީއެވެ. މީގެ ސަބަބުން، މިއީ ހަމައެކަނި ކުޅުންތެރިންގެ ދުޅަހެޔޮކަމަށް ކުރާ ކަމެއްތޯ ނުވަތަ ވިޔަފާރި ބޭނުމަކަށް ކުރާ ކަމެއްތޯ ބައެއް ސަޕޯޓަރުން ސުވާލު އުފައްދައެވެ. މީގެ އިތުރުން، އެމެރިކާގައި މި މުބާރާތް ބޭއްވުމާ މަރަޑޯނާ އޭރުވެސް ދެކޮޅެވެ. އޭނާ ބުނި ގޮތުގައި އެމެރިކާއަކީ ފުޓްބޯޅައިގެ ސަގާފަތެއް އޮތް ގައުމެއް ނޫނެވެ.

“އެމީހުންގެ ކިބައިގައި ފުޓްބޯޅައަށް އޮންނަ ލޯތްބެއް ނެތް. ކެނެޑާ މީހުންނަކީ މޮޅު ސްކީ ކުރާ މީހުންނަށް ވެދާނެ. ނަމަވެސް އެމެރިކާ މީހުން ބޭނުންވަނީ އިޝްތިހާރު ކުރުމަށްޓަކައި މެޗު 25 މިނެޓުގެ ހަތަރު ބަޔަށް ބަހާލާން.” އޭރު އޭނާ ބުނެފައިވެއެވެ:

ސަޕޯޓަރުން މަރަޑޯނާގެ ވާހަކަތަކާ އެއްބަސްވިޔަސް ނުވިޔަސް، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ އެންމެ ބޮޑު އެއް ބަހުސަކަށް ‘ހައިޑްރޭޝަން ބްރޭކް’ ވެފައިވާއިރު، މަރަޑޯނާގެ ދުރުވިސްނުމަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top