ކުލަބް މޯލްޑިވްސް ކަޕް 2026 ފުޓްސަލް މުބާރާތުގެ 19 ވަނަ މެޗުން ވެމްކޯ މޮޅުވެ ގުރޫޕް ޑީގެ ފޯރިގަދަވިއިރު، 20 ވަނަ މެޗުގައި އާރުއާރުސީ ބަލިކޮށް އެޗްޑީސީ ގުރޫޕްގެ އެއްވަނައަށް ޖެހިލައިފިއެވެ. މިރޭ ކުޅެވުނު މި ދެ މެޗަށް ބަލައިލާއިރު:
މެޗު 19
ނަވާރަވަނަ މެޗުގައި ބައްދަލުކުރީ ގްރޫޕް ޑީގައި ހިމެނޭ ވެމްކޯ އާއި ކުލަބް ފެނެވެ. ގުރޫޕް ސްޓޭޖްގައި އެ ޓީމު ކުޅޭ ފަހު މެޗާއި ކުލަބް ފެން ކުރިމަތިލާއިރު، ދެވަނަ ބުރުގެ ފުރުސަތު އެ ޓީމަށް ވަނީ ގެއްލިފައެވެ. ކުޅުނު ފުރަތަމަ މެޗުން ބަލިވި ނަމަވެސް ދެވަނަ މެޗުން މޮޅުވެ ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ތަނަވަސް ކުރަމުންދިޔަ ވެމްކޯގެ މިއީ ތިންވަނަ މެޗެވެ.
މިދިޔަ އަހަރުގެ މުބާރާތުގެ ދެވަނަ މަގާމް ހޯދި ވެމްކޯއިން މި މުބާރާތާއި ކުރިމަތިލާފައިވަނީ ފުޓްބޯޅަ އާއި ފުޓްސަލްގައި ފާހަގަކޮށްލެވޭ ގިނަ ތަރިންތަކަކާއި އެކުއެވެ. މެޗު ފަށައިގެން ގިނައިރު ބޯޅަ ހިފަހައްޓައި މޮޅަށް ކުޅުނީ ވެމްކޯއެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް އެ ޓީމުން ތަނަވަސްކުރިއިރު، ކުލަބް ފެންއަށް ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބިފައެވެ. އަށްވަނަ މިނިޓްގައި އަޙްމަދު ބައްސާމް މުޙައްމަދު ނައީމް ޖަހައިދިން ލަނޑުން ވެމްކޯ ލީޑު ނެގި ނަމަވެސް، މި ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހިއެވެ.
ދެވަނަ ހާފުގައި ދެ ޓީމުން ވެސް ވަނީ ކުޅުން އިތުރަށް ރަނގަޅުކޮށްފައެވެ. 21 ވަނަ މިނިޓާއި 23 ވަނަ މިނިޓްގައި އިބްރާހީމް މައިސާން ވެމްކޯގެ ލީޑު ފުޅާކޮށްދިންއިރު، ޒަކަރިއްޔާ ޒަހޫގެ ލަނޑުން ކުލަބް ފެން ނަތީޖާގެ ފަރަގު ކުޑަކުރިއެވެ. އިބްރާހިމް އައިސަމް ވެމްކޯގެ ހަތަރުވަނަ ލަނޑު ޖެހިއިރު، އެ ޓީމުގެ ފިގުއެރިޑޯ ކާޖާ ދެ ލަނޑު، އަދި އިބްރާހިމް މަހުދީ އެއް ލަނޑު ޖެހިއެވެ. ވެމްކޯގެ އަށްވަނަ ލަނޑު ޖެހީ މި މެޗުގައި ހެޓްރިކް ހެދި އިބްރާހީމް މައިސާންއެވެ. ކުލަބް ފެންގެ ފަހު ތިން ލަނޑު ޖެހީ ސޮލާހް ޢަލީ އެއްލަނޑު އަދި އަޙްމަދު މަހުދީ 2 ލަނޑެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ވެމްކޯ އާއި އާރުއާރުސީ ވަނީ ޕޮއިންޓްގެ ގޮތުން އެއްވަރުވެފައެވެ. އާރުއާރުސީ މިވަގުތު ދެވަނަ މަގާމްގައި އޮތީ ފައިދާ ގޯލްގެ ތަފާތުންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ އިބްރާހީމް މައިސާންއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ އިބްރާހީމް މައިސާން / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް
މެޗު 20
ވިހިވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް ޑީގެ އެއްވަނަ މަގާމަށް ވާދަކުރަމުންދާ ކުލަބް އެޗްޑީސީ އާއި އާރުއާރުސީއެވެ. އާރުއާރުސީ ކުރިން ކުޅުނު ދެ މެޗުން މޮޅުވެފައިވާއިރު، އެޗްޑީސީ ކުޅުނު ދެ މެޗުން އެ ޓީމު ވެސް ވަނީ މޮޅުވެފައެވެ. 6 ޕޮއިންޓާއިއެކު ގުރޫޕްގެ އެއްވަނަ އާއި ދެވަނަ މަގާމްގައި ދެ ޓީމު އޮތްއިރު އެޗްޑީސީއަށް އެއްވަނަ ލިބެނީ ފައިދާ ލަނޑުގެ ތަފާތުންނެވެ. މުބާރާތުގައި ވާދަކުރާ ޓީމުތަކަށް ބަލާއިރު ދެ ޓީމުގައި ވެސް ތަރިން ގިނައެވެ
ވާދަވެރިކަން ބޮޑު ފޯރިގަދަ މެޗަކަށް ވާނެކަމަށް ބެލެވުނު މި މެޗުގެ ފުރަތަމަ މިނިޓްގައި، ކުޅުމުން ބޭރުގައި އިދިކޮޅު ކުޅުންތެރިއަކަށް ހަމަލާ ދިނުމާއި ގުޅިގެން އާރުއާރުސީގެ ޢަލީ ހާފިޒް (ހާއްޕެ) އަށް ވަނީ ރަތް ކާޑެއް ދައްކާފައެވެ. އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމުން އާރުއާރުސީން ޑިފެންސަށް ބޮޑު އިސްކަމެއް ދިން ނަމަވެސް ދޭތެރެއަކުން ކުރިޔަށް ޖެހި ލަނޑު ޖަހަން މަސައްކަތް ކޮށްފައިވެއެވެ.
ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު މި މެޗުގެ ލަނޑުތައް ފެނުނީ ދެވަނަ ހާފުގައެވެ. 25 ވަނަ މިނިޓްގައި މުޙައްމަދު ސާދު ނިޒާރު އެޗްޑީސީއަށް ލީޑު ނަގައިދިންއިރު، އެ ލީޑު ފުޅާކޮށްދިނީ ވެސް އޭނާއެވެ. ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތް ކުރަމުންދިޔަ އާރުއާރުސީއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި އުޅެނިކޮށް ޔޫސުފް ޝާއިފް ވަނީ އެޗްޑީސީގެ ތިންވަނަ ލަނޑު ޖަހާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެޗްޑީސީއަށް ދެ ލަނޑު ޖަހައިދިން މުޙައްމަދު ސާދު ނިޒާރެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ މުޙައްމަދު ސާދު ނިޒާރު / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް
މި މެޗުން ހޯދި ތިން ޕޮއިންޓާއިއެކު 9 ޕޮއިންޓް ހަމަކޮށް އެޗްޑީސީ ވަނީ ގުރޫޕްގެ އެއްވަނައިގައި ހަމަޖެހިލާފައެވެ.
