ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ދޭތެރެދޭތެރެއިން ރޯދައަށް ހުރުމަކީ ބަރުދަން ލުއިކުރުމަށް ފަސޭހަ މަގެއް – ދިރާސާ

ދޭތެރެދޭތެރެއިން ރޯދައަށް ހުރުމަކީ ބަރުދަން ލުއިކުރުމަށް ފަސޭހަވެދާނެ ކަމެއް ކަމަށް ސައިންސްވެރިން ބުނެފިއެވެ.

އާ ހޯދުންތަކުން ދައްކާ ގޮތުގައި، އަބަދު ކާބޯތަކެތި ކޮންޓްރޯލް ކުރުމުގެ ބަދަލުގައި، ދޭތެރެދޭތެރެއިން ރޯދައަށް ހުރުމަކީ ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ޚާއްޞަކޮށް، ބަރުދަން ލުއިކުރުމަށްފަހު އަލުން ބަރުދަން އިތުރުވާ މީހުންނަށް، ކެލަރީ ގުނުމަށްވުރެ މި ގޮތް މާ ނަތީޖާ ރަނގަޅު ކަމަށް ފާހަގަކުރެވިފައިވެއެވެ.

އެޑިލެއިޑް ޔުނިވަރސިޓީން ކުރި ދިރާސާއެއްގައި، ދޭތެރެދޭތެރެއިން ރޯދައަށް ހުރުމާއި ކެލަރީ މަދުކުރުމުން އިންސާނާގެ ނަފްސާނީ ދުޅަހެޔޮކަމަށާއި، ކެއުންބުއިމުގެ އާދަތަކަށާއި، ނިދުމުގެ އިތުރުން ދިރިއުޅުމުގެ ފެންވަރަށް ކުރާ އަސަރުތައް ވަނީ ދިރާސާކޮށްފައެވެ.

މި ދެ ގޮތުންވެސް ބަރުދަން ލުއިވީ ގާތްގަނޑަކަށް އެއްވަރަކަށެވެ. ނަމަވެސް، ދޭތެރެދޭތެރެއިން ރޯދައަށް ހުރި މީހުންނަށް އެއީ އެމީހުންގެ ކެއުމުގެ އާދަތަކަށް ބޮޑު ބަދަލެއް ގެންނަން ޖެހުނު ކަމަކަށް އިޙްސާސެއް ނުކުރެވެއެވެ. މިސާލަކަށް، މާ ގިނައިން ކެވޭތޯ ބެލުމާއި ކެލަރީ ގުނުން ފަދަ ކަންކަމަށް މާ ބޮޑު ސަމާލުކަމެއް ދޭކަށް ނުޖެހެއެވެ.

އޭގެ ބަދަލުގައި، ކެލަރީ މަދުކުރި މީހުންގެ ތަޖުރިބާ ތަފާތެވެ. އެމީހުން ބުނި ގޮތުގައި، ކެއުމުގެ މިންވަރު ކޮންޓްރޯލް ކުރުމަށާއި މާ ގިނައިން ނުކެއުމަށް އެމީހުން ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހުނެވެ. އެމީހުންގެ ބަރުދަނުން ލުއިވި މިންވަރުގެ 15 އިންސައްތަ ހިއްސާކުރަނީ މިގޮތަށް އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުމަށް ކުރި މަސައްކަތެވެ.

ރޯދައަށް ހުރުމަކީ މާ ބޮޑު ހުރަހަކަށް ނުވެދާނެ

އެޑިލެއިޑް ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންގެ ޕްރޮފެސަރ ލިއޯނީ ހެއިލްބްރޮން ވިދާޅުވި ގޮތުގައި، ގިނަ ޑައިޓްތަކުގެ ސަބަބުން ބަރުދަން ލުއިވި ނަމަވެސް، ގިނަ ދުވަހު އެކަމުގައި ދެމިހުރުމަކީ އުނދަގޫ ކަމެކެވެ. އަދި މިއީ ދިގު މުއްދަތަކަށް ބަރުދަން ހިފޭއްޓުމަށް އޮތް ގޮންޖެހުމެކެވެ.

“އަޅުގަނޑުމެންގެ ދިރާސާއިން ދައްކާ ގޮތުގައި، އާދައިގެ ޑައިޓްތައް ކުރިއަށް ގެންދަން އުނދަގޫވާ މީހުންނަށް ދޭތެރެދޭތެރެއިން ރޯދައަށް ހުރުމަކީ އިޚްތިޔާރު ކުރެވިދާނެ ރަނގަޅު މަގެއް،” ޕްރޮފެސަރ ވިދާޅުވިއެވެ.

ތިން ގޮތެއް އަޅާކިޔުން

18 މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ތަޖުރިބާގައި، ބަރުދަން އިތުރުވުމުގެ މައްސަލަ ކުރިމަތިވެފައިވާ 200 އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ. މި މީހުން ތިން ގްރޫޕަކަށް ބަހާލެވުނެވެ: ދޭތެރެދޭތެރެއިން ރޯދައަށް ހުންނަ މީހުން، އަބަދު ކެލަރީ މަދުކުރާ މީހުން އަދި އާދައިގެ މަތިން ކާބޯތަކެތީގެ އިރުޝާދުތަކަށް އަމަލުކުރާ މީހުންނެވެ.

ރޯދައަށް ތިބި މީހުން ހަފުތާއަކު ތިން ދުވަހު ހެނދުނު 8 އިން މެންދުރު 12 އަށް ބޭނުންވާ ހަކަތައިގެ 30 އިންސައްތަ ކެއުމަށްފަހު، ބާކީ 20 ގަޑިއިރު ތިބީ ރޯދައަށެވެ. އަދި ރޯދައަށް ނުހުންނަ ދުވަސްތަކުގައި އެމީހުން އާދައިގެ މަތިން ބޭނުން ކާއެއްޗެއް ކައިއުޅުނެވެ.

ކެލަރީ މަދުކުރި ގްރޫޕުގެ މީހުން ކައިއުޅުނީ އެމީހުން އާދައިގެ މަތިން ކައިއުޅޭ މިންވަރުގެ 70 އިންސައްތައެވެ. އަދި އާދައިގެ އިރުޝާދުތަކަށް އަމަލުކުރި ގްރޫޕުގެ މީހުން ކެއުމުގެ އާދަތަކަށް ބަދަލެއް ނުގެނެސް، ސިއްހަތަށް ފައިދާހުރި ކާނާ ބޭނުންކުރުމުގެ އިރުޝާދުތަކަށް އަމަލުކުރިއެވެ.

ހަ މަސް ދުވަސް ފަހުން ބެލިއިރު، ރޯދައަށް ތިބި މީހުންނާއި ކެލަރީ މަދުކުރި މީހުންގެ ބަރުދަނުން ގާތްގަނޑަކަށް ހަތް ކިލޯ ލުއިވެފައިވެއެވެ. ނަމަވެސް އާދައިގެ އިރުޝާދުތަކަށް އަމަލުކުރި މީހުންގެ ބަރުދަނުން ލުއިވީ އެންމެ ދެ ކިލޯއެވެ. މީގެ އިތުރުން، ރޯދައަށް ތިބި ދުވަސްތަކުގައި ވެސް ބައިވެރިންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުވެ، މާޔޫސްކަން ކުޑަވެފައިވާކަން ފާހަގަކުރެވުނެވެ.

ބަރުދަން ލުއިވުމުގައި ތަފާތު މަގުތައް

‘ކްލިނިކަލް ނިއުޓްރިޝަން’ މަޖައްލާގައި ޝާއިޢުކޮށްފައިވާ މި ހޯދުންތަކުން ދައްކާ ގޮތުގައި، ކެލަރީ މަދުކުރުމާއި ދޭތެރެދޭތެރެއިން ރޯދައަށް ހުރުމަކީ ތަފާތު ނަފްސާނީ އަދި އުޅުމުގެ ބަދަލުތަކެއް މެދުވެރިކޮށް ބަރުދަން ލުއިކޮށްދޭ ދެ ކަމެކެވެ.

“މީހުން ޑައިޓްގައި ދެމިތިބުމަށް ނަފްސާނީ އަދި އުޅުމަށް އަންނަ ބަދަލުތަކުގެ ނުފޫޒު ވަރަށް ބޮޑު. ދޭތެރެދޭތެރެއިން ރޯދައަށް ހުރުމުގެ ސަބަބުން، ކާ މިންވަރު މަދުކުރުމަށް މާ ބޮޑު ސަމާލުކަމެއް ނުދީ ވެސް ބަރުދަން ލުއިކުރެވިދާނެ،” ޕްރޮފެސަރ ހެއިލްބްރޮން ވިދާޅުވިއެވެ.

ދޭތެރެދޭތެރެއިން ރޯދައަށް ހުރުން (އިންޓަމިޓެންޓް ފާސްޓިންގ) މިހާރު މަގުބޫލުވަމުން ދިޔަ ނަމަވެސް، އާދައިގެ ޑައިޓްތަކާ އަޅާބަލާއިރު މީގެ ސަބަބުން ދިގު މުއްދަތަކަށް ނަފްސާނީ ގޮތުންނާއި އުޅުމަށް ކުރާ އަސަރުތައް އަދިވެސް އެންމެ ފުރިހަމައަށް ދެނެގަނެވިފައެއް ނުވެއެވެ.

ޕްރޮފެސަރ ހެއިލްބްރޮން އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ކުރެވޭ ދިރާސާތަކުން، ކެއުމުގެ އާދަތައް އިސްލާހުކުރަން އުނދަގޫވާ މީހުން ދެނެގަނެވިއްޖެނަމަ، އެފަދަ މީހުންނަށް ރޯދައަށް ހުރުމުގެ ޑައިޓް އިޚްތިޔާރުކުރެވި، ކޮންމެ މީހަކަށްވެސް އެމީހަކާ އެންމެ ގުޅޭ ގޮތަކަށް ބަރުދަން ބެލެހެއްޓުމުގެ މަގު ފަހިވެގެންދާނެ ކަމަށެވެ.

ނޯޓް: މި ދިރާސާގައި ދޭތެރެދޭތެރެއިން ރޯދައަށް ހުރުން (އިންޓަމިޓެންޓް ފާސްޓިންގ) ބަޔާންކޮށްފައި އެވަނީ މުސްލިމުން ހިފާ ރޯދައަކަށް ނޫނެވެ. ނަމަވެސް މުސްލިމުންގެ ރޯދަހިފުން މިކަމަށް ބޭނުންކުރުމުން އަދި މާބޮޑަށް ފައިދާކުރާނެ ކަމީ އަޅުގަނޑުމެންނަށް ޔަޤީންވާ ކަމެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top