ރިސޯޓްތަކަށް އަމާޒުކޮށްގެން ބިގް ގޭމްސްއިން ކުރިޔަށް ގެންދާ ރިސޯޓް ލީގު 2026 ފުޓްސަލް މުބާރާތުގެ ބ. ޒޯންގެ ޗެމްޕިއަންކަން ފިނޮޅު އަ ސީސައިޑް ކަލެކްޝަން ރިސޯޒް ހޯދައިފިއެވެ.
ޖޫން 26 އިން ޖުލައި 5 އަށް އަވާނީ ފަރެސް މޯލްޑިވްސް ރިސޯޓްގައި ކުރިޔަށް ގެންދިޔަ މި ޒޯންގެ ފައިނަލްގައި ބައްދަލުކުރީ ފިނޮޅާއި ރިސޯޓާއި ވައްކަރު މޯލްޑިވްސްއެވެ.
ފޯރިގަދަ ވަރުގަދަ ކުރިމަތިލުމަކަށް ވާނެ ކަމަށް ބެލެވުނު މި މެޗުގެ ފުރަތަމަ މިނިޓްގައި އިބްރާހީމް ނާފިޒް ޖަހައިދިން ލަނޑުން ފިނޮޅުން ވަނީ ލީޑު ނަގާފައެވެ. އެޓޭކަށް ބޮޑު އިސްކަމެއް ދީގެން ކުޅެމުންދިޔަ ފިނޮޅުން ވަނީ ތިންވަނަ މިނިޓްގައި އެ ޓީމު ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ޖަހައިދިނީ އަލީ ޝަހީދެވެ.
ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތް ކުރަމުންދިޔަ ވައްކަރަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. 14 ވަނަ މިނިޓްގައި ހަސަން ނާއިލް ޖަހައިދިން ލަނޑުން ވައްކަރުން އުންމީދު އާކުރިއެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ފިނޮޅުން އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކުރިއެވެ. މި ލަނޑު ޖަހައިދިނީ ދެވަނަ ލަނޑު ވެސް ޖަހައިދިން އަލީ ޝަހީދެވެ.
ދެވަނަ ހާފުގައި ވެސް ރަނގަޅަށް ކުޅުނީ ފިނޮޅުންނެވެ. 23 ވަނަ މިނިޓްގައި ހަސަން ޝާމް ވަނީ ފިނޮޅަށް ހަތަރުވަނަ ލަނޑު ޖަހައިދީފައެވެ. ގާތްގާތުގައި ފުރުސަތުތައް ފަހިކުރަމުންދިޔަ ފިނޮޅަށް 27 ވަނަ މިނިޓްގައި އިބްރާހީމް އަފްލާހް ޖަހައިދިން ލަނޑާއިއެކު ނަތީޖާ 5-1 އަށް ބަދަލުކޮށްލިއެވެ.
ޑިފެންސް ކުރުމުގައި ގިނަ މިސްޓޭކްތަކެއް ވައްކަރުގެ ފަހަތުން ފެނުނުއިރު، 31 ވަނަ މިނިޓްގައި ފިނޮޅުގެ ހަސަން ޝާމް އިތުރު ލަނޑެއް ޖެހިއެވެ. ދެވަނަ ހާފުގެ އިތުރު ވަގުތުގައި ވެސް ފިނޮޅުން ވަނީ ލަނޑެއް ޖަހާފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ހަސަން ޝާމްއެވެ.
މި ޒޯންގެ ޗެމްޕިއަންކަން ފިނޮޅު ހޯދީ 1-7 ގެ ތަފާތުބޮޑު ނަތީޖާއިން މެޗު ކާމިޔާބު ކޮށްގެންނެވެ. މިއީ މި މުބާރާތުގެ ޗެމްޕިއަންކަން ފިނޮޅު ހޯދި ދެވަނަ ފަހަރެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ފިނޮޅު ރިސޯޓްގެ ހަސަން ޝާމް ހޮވުނުއިރު، މުބާރާތުގެ ޓޮޕް ސްކޯރާރ އަކީ އަނަންތަރަ ރިސޯޓްގެ ރަޝާދު އަބްދުލް މަތީންއެވެ. މި ޒޯންގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ އިބްރާހިމް އަފްލާހް (ފިނޮޅު)، އަލީ ހަމްދާން (ފިނޮޅު)، އިބްރާހިމް ޒުބައިރު (ވައްކަރު)، ހަސަން ޝާމް (ފިނޮޅު) އަދި ޝާފީ ވަހީދު (ވައްކަރު) އެވެ. މި ޒޯންގެ އެންމެ މޮޅު ކޯޗަކީ މުޚުތާރު ނަސީރު (ފިނޮޅު) އެވެ. މި ޒޯންގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފިނޮޅު ރިސޯޓްގެ އިބްރާހީމް ނާފިޒެވެ.
