ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފަހު ދެ މެޗުން މޮޅުވި ޔޫތާއި ބީސީސީ ކުއާޓާރ ފައިނަލަށް
ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް

ކުލަބް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ ކުލަބް މޯލްޑިވްސް ކުލެސިކް މުބާރާތުގެ ކުއާޓާރ ފައިނަލްގެ ފަހު ދެ ޖާގަ ގުރޫޕް ސްޓޭޖްގެ ފަހު ދެ މެޗު ކާމިޔާބުކުރި މިނިސްޓްރީ އޮފް ޔޫތު ސްޕޯރޓްސް އެންޑް ފިޓްނަސް އާއި ބީސީސީއަށް ލިބިއްޖެއެވެ. މި ގުރޫޕްގެ ފަހު ދެ މެޗު ރޭ ކުޅެވުނުއިރު، ކުއާޓާރ ފައިނަލަށް ދިއުމުގެ ފުރުސަތު މި ގުރޫޕްގައި ހިމެނޭ ހަތަރު ޓީމުގެ ތެރެއިން ތިން ޓީމަކަށް އޮތެވެ. ރޭ ކުޅެވުނު މި ދެ މެޗަށް ބަލާލާއިރު:

މެޗު 35

ފަންސަތިރީސް ވަނަ މެޗުގައި ބައްދަލުކުރީ ބީސީސީ އާއި ދިވަރު ރެކްރިއޭޝަން ކްލަބެވެ. މެޗު ކާމިޔާބުކޮށްގެން ކުއާޓާރ ފައިނަލަށް ދިއުމުގެ ފުރުސަތު ބީސީސީއަށް އޮތް ނަމަވެސް، މި މެޗާއި ކުރިމަތިލީއިރު ވެސް ދިވަރު ވަނީ މުބާރާތުން ކަޓާފައެވެ. ހަތަރު ޓީމު ހިމެނޭ މި ގުރޫޕްގައި ކޮންމެ ޓީމެއް ތިން މެޗު ކުޅެން ޖެހޭއިރު، ދިވަރު ކުޅުނު ދެ މެޗުން ވެސް އެ ޓީމު ބަލިވެފައި ވަނީ ތަފާތު ބޮޑު ނަތީޖާތަކުންނެވެ.

މި މެޗު ވެސްވީ ދިވަރު ކުރިން ކުޅުނު ފަދަ މެޗަކަށެވެ. ފަސޭހަކަމާއިއެކު މެޗުގެ ކޮންޓްރޯލް ހޯދި ބީސީސީ މެޗު ކާމިޔާބުކުރީ 9-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ފުރަތަމަ ހާފުގައި ބީސީސީން ހަތަރު ލަނޑު ޖެހިއިރު ފަހު ހާފުގައި ފަސްލަނޑު ޖެހިއެވެ. މި މެޗުގައި ބީސީސީއަށް ލަނޑުތައް ޖަހައިދިނީ މުޙައްމަދު ނިހާލް 2 ލަނޑު، ޢަބްދުﷲ ލޫތު 3 ލަނޑު، އިސްމާއިލް ލުބައިން 2 ލަނޑު، އަބްދުއްރަޙުމާން 1 ލަނޑު، މޫސާ ފާރިހް 1 ލަނޑެވެ. ދިވަރުގެ ލަނޑު ޖެހީ މުޙައްމަދު އަމްޖަދެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބީސީސީގެ ޢަބްދުﷲ ލޫތުއެވެ. މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ހަ ޕޮއިންޓް ހަމަކޮށް ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ބީސީސީ ވަނީ ކުއާޓާރ ފައިނަލަށް ދަތުރުކޮށްފައެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ޢަބްދުﷲ ލޫތު / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް

މެޗު 36

ސަތިރީސްވަނަ މެޗަކީ ގުރޫޕް ސްޓޭޖްގެ ފަހު މެޗެވެ. މެޗުގައި ބައްދަލުކުރީ ފައިނޭންސް ރެކްރިއޭޝަން ކްލަބާއި މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ފިޓްނަސްއެވެ. މި މެޗާއި ދެ ޓީމު ކުރިމަތިލީއިރު، ހަ ޕޮއިންޓާއިއެކު ގުރޫޕް އެއްވަނައިގައި އޮތީ ޔޫތު މިނިސްޓްރީއެވެ. ފައިނޭންސަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ބީސީސީއަށް ވެސް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ޕޮއިންޓް ޓޭބަލް ދައްކާ ގޮތުން މި މެޗުން މޮޅުވެގެން ކުއާޓާރ ފައިނަލަށް ދިއުމުގެ ފުރުސަތު ފައިނޭންސަށް ވެސް އޮތީ ފަހިކޮށެވެ.

ވާދަވެރިކަން ބޮޑު ފޯރިގަދަ މެޗަކަށް ވާނެ ކަމަށް ބެލެވުނު މި މެޗު ޔޫތު މިނިސްޓްރީން ކާމިޔާބުކުރީ ހީކުރި ވަރަށްވުރެ ފަސޭހަކޮށެވެ. އާލިމް ޢަބްދުލްޤައްޔޫމުގެ ލަނޑުން ފުރަތަމަ ހާފުގައި ޔޫތު މިނިސްޓްރީ ލީޑު ނެގިއިރު ދެވަނަ ހާފުގެ ދެވަނަ މިނިޓްގައި އަޙްމަދު ޢަލީ އެ ލީޑު ފުޅާކޮށްދިނެވެ. މެޗުގެ ފަހުކޮޅު އާލިމް ޢަބްދުލްޤައްޔޫމް ލީޑު ފުޅާކޮށްދިން ނަމަވެސް މެޗު ނިމުމުގެ ކުރިން އަޙްމަދު އިނާދު ފައިނޭންސަށް ލަނޑެއް ކާމިޔާބުކޮށްދީ ފަރަގު ކުޑަކޮށްދިނެވެ.

3-1 އިން ޔޫތު މިނިސްޓްރީ ކާމިޔާބުކުރި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޔޫތު މިނިސްޓްރީގެ އާލިމް ޢަބްދުލްޤައްޔޫމެވެ. މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ނުވަ ޕޮއިންޓް ހަމަކޮށް ގުރޫޕް ޑީގެ އެއްވަނަ ޓީމުގެ ގޮތުގައި ޔޫތު މިނިސްޓްރީ ވަނީ ކުއާޓާރ ފައިނަލަށް ދަތުރުކޮށްފައެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ އާލިމް ޢަބްދުލްޤައްޔޫމް / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް

މި މުބާރާތުގެ ކުއާޓާރ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި 11 ވަނަ ދުވަހުގެ ރެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top