ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“އިންސާފެއް ނޫން”: ވޯލްޑް ކަޕުން މިސްރު ކެޓުމުން ރެފްރީއަށް ޒީކޯ ފާޑުކިޔައިފި

ވޯލްޑް ކަޕް 2026 ގެ ގަދަ 16 އާ ހަމައިން އާޖެންޓީނާ އަތުން 3-2 އިން ބަލިވެ މިސްރު މުބާރާތުން ވަކިވާން ޖެހުމުން، އެ ޓީމުގެ ފޯވާޑް މުސްތަފާ ޒީކޯ މެޗުގެ ރެފްރީއަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ. އޭނާ ބުނި ގޮތުގައި މި ނަތީޖާއަކީ އެއްވެސް އިންސާފެއް އޮތް ނަތީޖާއެއް ނޫނެވެ.

މެޗަށްފަހު ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ޒީކޯ ބުނީ، މިސްރު ބަލިވުމުގެ އަސްލު ސަބަބަކީ ރެފްރީ ކަމަށާއި، މުޅި މެޗުގައިވެސް ފެނިގެންދިޔައީ އިންސާފުން ބޭރުން ކަންތައްތައް ކުރި މަންޒަރު ކަމަށެވެ.

އެޓްލާންޓާ ސްޓޭޑިއަމްގައި ކުޅުނު މި ފޯރިގަދަ މެޗުގައި މިސްރުން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް، އެންމެ ފަހު ވަގުތު އާޖެންޓީނާއިން ތިން ލަނޑު ޖަހައި މެޗު ކާމިޔާބުކުރުމުން މިސްރަށް ވަނީ ވަރަށް ހިތްދަތި ގޮތަކަށް މުބާރާތާ ވަކިވާން ޖެހިފައެވެ.

މެޗުގެ 80 ވަނަ މިނެޓާ ހަމައަށް މިސްރުން 2-0 އިން ކުރީގައި އޮތް ނަމަވެސް، އެންމެ ފަހު ވަގުތު އާޖެންޓީނާއިން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައި، މެޗުގެ ނަތީޖާ އަނބުރާލާފައެވެ. މި މޮޅާއެކު އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ވަނީ ކުއާޓާ ފައިނަލުން ޖާގަ ހޯދާފައެވެ.

ޒީކޯ އިތުރަށް ބުނި ގޮތުގައި ރެފްރީގެ ހުރިހާ ނިންމުންތަކެއް ހުރީ މިސްރާ ދެކޮޅަށެވެ. އަދި އާޖެންޓީނާއަށް މަރުހަބާ ކިޔަމުން އޭނާ ބުނީ، މިފަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރާނީވެސް އެ ޓީމުން ކަމަށް ގަބޫލުކުރާ ކަމަށެވެ. މީގެ އިތުރުން، މިސްރުގެ ރައްޔިތުން އުފާކޮށްދޭން ކުރި އުންމީދު ފުރިހަމަ ނުވުމުން އޭނާ ވަނީ ރައްޔިތުންގެ ކިބައިން މައާފަށް އެދިފައެވެ.

މިސްރު ގަދަ 16 އަށް ދަތުރުކުރީ އޮސްޓްރޭލިއާއާ ބައްދަލުކޮށް، އިތުރު ވަގުތު ކުޅެ 1-1 އިން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 4-2 އިން މޮޅުވެގެންނެވެ. އަދި އާޖެންޓީނާ ނޮކައުޓް ބުރަށް ހޮވުނީ ކޭޕް ވާޑް އަތުން އިތުރު ވަގުތުގައި 3-2 އިން މޮޅުވެގެންނެވެ.

މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މިސްރުން ކުޅުނު ފުރަތަމަ މެޗުގައި ބެލްޖިއަމާ 1-1 އިން އެއްވަރުވިއިރު، ދެވަނަ މެޗުގައި ނިއުޒީލޭންޑް އަތުން ވަނީ 3-1 އިން މޮޅުވެފައެވެ. އެ ޓީމު ގްރޫޕް ‘ޖީ’ ގެ ދެވަނަ ހޯދީ އީރާނާ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުކޮށްގެންނެވެ.

މިރޭ ކުޅެވުނު މި މެޗުގައި ރެފްރީގެ އަމަލުތައް ހުރި ގޮތާމެދު ގިނަ އަދަދެއްގެ ދިވެހީންވެސް އަންނަނީ ފަޑުކިޔަމުންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top