ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ރޯމާދުވާލު ކުރި ވައްކަމެއް” – މިސްރު އާޖެންޓީނާ މެޗަށް ދުނިޔޭގެ ފާޑުކިޔުން

ވޯލްޑް ކަޕްގައި މިޞްރުން ކުރަމުން އައި ހިތްވަރުގަދަ ދަތުރު އަންގާރަ ދުވަހު ނިމުމަކަށް އައީ ހިތްދަތި ގޮތަކަށެވެ. ގަދަ 16ގެ ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާ ބައްދަލުކޮށް، މެޗުގެ ފަހުވަގުތު އާޖެންޓީނާއިން ކާމިޔާބުކުރި ލަނޑުތަކާއެކު 3-2 އިން މިޞްރު ބަލިވީއެވެ. ނަމަވެސް، މި މެޗު ތާރީޚުގައި ބަޔާންވެގެންދާނީ އާޖެންޓީނާގެ ކުޅަދާނަކަމަށްވުރެ ބޮޑަށް، ރެފްރީގެ ނިންމުންތަކާމެދު އުފެދުނު ބޮޑު މައްސަލަގަނޑުގެ ސަބަބުންނެވެ. މިކަމުގެ ސަބަބުން ކުޅުންތެރިންނާއި، ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުގެ އިތުރުން ސަޕޯޓަރުން ވެސް ދަނީ މެޗުގެ އިންސާފުވެރިކަމާމެދު ސުވާލު އުފައްދަމުންނެވެ.

މިޞްރުގެ ޔާސިރު އިބްރާހީމާއި މުޞްޠަފާ ޒީކޯ ޖެހި ލަނޑުތަކުން 2-0 އިން ކުރީގައި އޮވެ، ވޯލްޑް ކަޕްގެ ތާރީޚުގައި ފެނިގެންދާނެ އެންމެ ބޮޑު ސިހުން ދިނުމާ ގާތަށް މިޞްރު ދިޔައެވެ. ނަމަވެސް، މެޗުގެ ފަހުކޮޅު ކްރިސްޓިއަން ރޮމޭރޯ، ލިއޮނަލް މެސީ އަދި އެންޒޯ ފެނާންޑޭޒް ޖެހި ލަނޑުތަކުން އާޖެންޓީނާ މޮޅުވީއެވެ.

އެހެނަސް، މެޗަށްފަހު އެންމެ ބޮޑަށް ދެކެވުނު ވާހަކައަކީ އާޖެންޓީނާ މޮޅުވި ވާހަކައެއް ނޫނެވެ. އެއީ ފްރާންސްގެ ރެފްރީ ފްރާންސުވާ ލެޓެކްސިއޭގެ ނިންމުންތަކުގެ ވާހަކައެވެ. ޒީކޯ ޖެހި ދެވަނަ ލަނޑު، ވީއޭއާރު އިން ގިނަ އިރުތަކެއް ވަންދެން ބެލުމަށްފަހު ބާތިލުކުރީ، އެ ލަނޑު ޖެހުމުގެ ކުރިން ކުޑަ ފައުލެއް ހިނގާފައިވާ ކަމަށް ބުނެއެވެ. ނަމަވެސް، އާޖެންޓީނާގެ އޭރިއާ ތެރެއިން މިޞްރުގެ ކުޅުންތެރިންނަށް ދިމާވި ދެ ހާދިސާއެއް ވީއޭއާރުން ބަލާފައި ނުވާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރިއެވެ.

ޙަސަން: “މިއީ މާކެޓިންގްގެ ކަމެއް”

މިޞްރުގެ ކޯޗު ޙުސާމް ޙަސަން މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ބުނީ، މި މުބާރާތް ބައްޓަންކޮށްފައިވަނީ “އާޖެންޓީނާއަށް ކާމިޔާބުވާނެ ގޮތަށް” ކަމަށް ހީވާ ކަމަށެވެ. އަދި އޭނާގެ ޓީމު ބަލިވީ ދަނޑުމަތީގައި ދިމާވި ކަންތައްތަކާއި ދަނޑުން ބޭރުގެ ނުފޫޒުތަކުގެ ސަބަބުން ކަމަށް އޭނާ ތުހުމަތުކުރިއެވެ.

“އަހަރެމެންނަކީ މޮޅަށް ކުޅުނު ޓީމު. އަހަރެމެންގެ ރޭވުންތެރިކަން އިދިކޮޅު ޓީމުގެ މައްޗަށް އިސްކުރިން. މިއީ އިންސާފެއް ނޫން. އަހަރެމެންގެ ލަނޑު ބާތިލުކުރި ސަބަބެއް ނޭނގޭ،” ޙަސަން ބުންޏެވެ. އޭނާ އިތުރަށް ބުނީ ވޯލްޑް ކަޕަކީ ވިޔަފާރިއެއް ކަމަށާއި، ކަމާބެހޭ ފަރާތްތަކުން ބޭނުންވަނީ މެސީ ވީހާވެސް ގިނަ ދުވަހު މުބާރާތުގައި ބެހެއްޓުމަށް ކަމަށެވެ.

މިޞްރުގެ ކުޅުންތެރިޔާ މުޞްޠަފާ ޒީކޯ ވެސް ހުރީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ. އޭނާ ބުނީ ރެފްރީގެ ނިންމުންތަކުގެ ސަބަބުން އިންސާފު ގެއްލި، މެޗުން ބަލިވީ ކަމަށެވެ. އަދި އާޖެންޓީނާއަށް މުބާރާތް ކާމިޔާބުވާނެކަން ޔަގީންވާތީ، މިހާރުން ފެށިގެން އެ ޓީމަށް މަރުޙަބާ ކިޔާ ކަމަށް ބުނެ އޭނާގެ ހިތްހަމަނުޖެހުން ފާޅުކުރިއެވެ.

ވީއޭއާރުގެ ހަމަހަމަކަމާމެދު ސުވާލު އުފެދުން

މިޞްރު މުބާރާތުން ކަޓައިގެން ދިއުމާއެކު، ސޯޝަލް މީޑިއާ އާއި ޓީވީ ޗެނަލްތަކުގައި ފުޓްބޯޅަ ތަޖުރިބާކާރުން ދަނީ ވީއޭއާރު ބޭނުންކުރުމުގައި ގެންގުޅޭ ތަފާތުކުރުންތަކަށް ފާޑުކިޔަމުންނެވެ. އިންގްލެންޑްގެ ކުރީގެ ފޯވާޑް އެލަން ޝިއަރާ ބުނި ގޮތުގައި، ދެ ހާދިސާގައި ވެސް އޮންނަންވާނީ އެއް އުސޫލެކެވެ. ނަމަވެސް ފެނިގެންދިޔައީ އާޖެންޓީނާއަށް ފައިދާވާ ގޮތަށް ކަންކަން ނިމިގެންދިޔަ ތަނެވެ.

ރެއާލް މެޑްރިޑްގެ ކޯޗު ހޯސޭ މޮރީނިއޯ މި މެޗު ސިފަކުރީ “ދުވާލު އިރު ފެންނަން ހުއްޓާ ކުރި ވައްކަމެއް” ގެ ގޮތުގައެވެ. އޭނާ ބުނީ އާޖެންޓީނާއާ ދެކޮޅަށް ކުޅޭއިރު 2-0 އިން ކުރީގައި އޮތުމަކީ ފުދޭވަރެއް ނޫން ކަމަށެވެ. ސަބަބަކީ ހަމައެކަނި ދަނޑުމަތީގައި ތިބި 11 ކުޅުންތެރިން ބަލިކުރުމުގެ އިތުރުން، ރެފްރީގެ ކަށިގަނޑާއި، ވީއޭއާރު ރޫމާއި، މުޅި މުބާރާތުގެ “ސްކްރިޕްޓް” އާ ދެކޮޅަށް ވެސް ކުޅެން ޖެހޭތީ ކަމަށް އޭނާ ބުންޏެވެ.

ރެފްރީންގެ ތަޖުރިބާކާރުންގެ ބަސް

ކުރީގެ ވޯލްޑް ކަޕް ރެފްރީ ފެނާންޑޯ ގުއެރޭރޯ ބުނި ގޮތުގައި، ވީއޭއާރުން މިޞްރުގެ ލަނޑު ބާތިލުކުރީ އުސޫލާ ޚިލާފަށެވެ. އޭނާ ބުނީ އެ ހާދިސާގައި ފައުލެއް ނެތް ކަމަށާއި، ފައުލެއް އޮތް ކަމަށް ބެލިޔަސް، އެއީ ވީއޭއާރުން ބަލަންޖެހޭ ވަގުތެއް ނޫން ކަމަށެވެ. ސަބަބަކީ އާޖެންޓީނާގެ ކުޅުންތެރިންނަށް ބޯޅަ ހޯދުމުގެ ފުރުސަތު ތިން ފަހަރަށް ލިބި، އެކަން ނުކުރެވި އޮއްވައި މިޞްރުން ލަނޑު ޖެހުމުން، އެއީ އާ ހަމަލާއެއްގެ ގޮތުގައި ބެލެވޭނެތީއެވެ.

ބީބީސީގެ ފުޓްބޯޅަ ރިޕޯޓަރު ޑޭލް ޖޯންސަން ވެސް ބުނީ، މިޞްރުގެ ލަނޑު ބާތިލުކުރީ މި މުބާރާތުގެ އެހެން މެޗުތަކުގައި ރެފްރީން ކަންކަން ނިންމި އުސޫލާ މުޅިން ޚިލާފަށް ކަމަށެވެ.

ދުނިޔޭގެ މީޑިއާގެ ސަމާލުކަން

ސްޕެއިންގެ “މާކާ” އާއި އިނގިރޭސިވިލާތުގެ “ދަ ގާޑިއަން” ފަދަ ނޫސްތަކުން ވެސް ވަނީ މި މައްސަލައަށް ބޮޑު ސަމާލުކަމެއް ދީފައެވެ. އެ ނޫސްތަކުން ފާހަގަކޮށްފައިވާ ގޮތުގައި، މިޞްރުގެ ލަނޑު ބާތިލުކުރަން ވީއޭއާރުން ދެއްކި ސަބަބަށްވުރެ މާ ބޮޑު ފައުލެއް އާޖެންޓީނާގެ އޭރިއާ ތެރޭގައި މިޞްރުގެ ކުޅުންތެރިޔާ ޙަމްދީ ފަތުޙީއަށް ކުރި ނަމަވެސް، އެކަން ބަލާފައި ނުވާތީ އިންސާފާމެދު ބޮޑެތި ސުވާލުތަކެއް އުފެދެއެވެ.

2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top