ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފަހު 2 މެޗުން މޮޅުވި އެމްޓީސީސީ އާއި އެސްޓީއޯ ކުއާޓާރ ފައިނަލަށް
ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް

މިހާރު ކުރިޔަށްދާ ކުލަބް މޯލްޑިވްސް ކަޕް 2026 ފުޓްސަލް މުބާރާތުގެ 25 ވަނަ މެޗުން މޮޅުވި އެމްޓީސީސީ އާއި 26 ވަނަ މެޗުން މޮޅުވި އެސްޓީއޯ ކުއާޓާރ ފައިނަލަށް ދަތުރުކޮށްފިއެވެ. ރޭ ކުޅުނު ގުރޫޕް ސީގެ ފަހު ދެ މެޗު ކާމިޔާބު ކުރުމާއިއެކު ހަތް ޕޮއިންޓް ހަމަވެ މި ދެ ޓީމަށް ކުއާޓާރ ފައިނަލްގެ ފުރުސަތު ލިބުނުއިރު، ފައިދާ ލަނޑުގެ ތަފާތުން މި ގުރޫޕްގެ އެއްވަނަ ލިބުނީ އެމްޓީސީސީއަށެވެ. ރޭ ކުޅެވުނު މި ދެ މެޗަށް ބަލާލާއިރު:

މެޗު 25

ފަންސަވީސްވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް ސީގެ އެއްވަނައިގައި އޮތް އެމްޓީސީސީ އާއި ކުޅުނު ދެ މެޗުން ވެސް ބަލިވެފައިވާ ދިވެހި ސިފައިންގެ ކުލަބެވެ. މި މެޗަށް ނުކުތްއިރު ވެސް ކުއާޓާރ ފައިނަލްގެ ފުރުސަތު ދިވެހި ސިފައިންގެ ކުލަބަށް ވަނީ ގެއްލިފައެވެ. މެޗު ޑްރޯކޮށްލައިގެން ވެސް ކުއާޓާރ ފައިނަލަށް ދިއުމުގެ ފުރުސަތު އޮތް އެމްޓީސީސީން މެޗު ފެށީ ވަރުގަދަކޮށެވެ. ފުރަތަމަ މިނިޓުން ފެށިގެން އެޓޭކް ކުރަން ފެށި އެމްޓީސީސީ މި މެޗު ކާމިޔާބުކުރީ ފަސޭހަކަމާއިއެކު 7-0 އިންނެވެ. މި މެޗުގައި އެމްޓީސީސީއަށް ލަނޑުތައް ޖަހައިދިނީ، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި މުޙައްމަދު އިސާމް 4 ލަނޑު، ނައްޓަން ސޯރެސް އާއި އަޔާޒް އަޙްމަދު އަދި ޢަލީ މީސާޤް، ކޮންމެ ކުޅުންތެރިއެއް ލަނޑެކެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ މުޙައްމަދު އިސާމް / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް

މެޗު 26

ސައްބީސްވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕް ސީގެ ދެވަނައިގައި އޮތް އެސްޓީއޯ ރެކްރިއޭޝަން ކުލަބް އާއި ތިންވަނައިގައި އޮތް ޓީމް އެފްއެސްއެމްއެވެ. މި މެޗުން މޮޅުވާ ޓީމަކަށް ކުއާޓާރ ފައިނަލްގެ ޖާގަ ޔަގީންވާއިރު، މެޗު ޑްރޯކޮށްލައިގެން ވެސް ކުއާޓާރ ފައިނަލަށް ދިއުމުގެ ފުރުސަތު އެސްޓީއޯއަށް އޮތެވެ. ފުރަތަމަ މެޗު އެމްޓީސީސީއާ ބައްދަލުކޮށް އެއްވަރުވި ނަމަވެސް ދެވަނަ މެޗު ދިވެހި ސިފައިންގެ ކުލަބާއި ބައްދަލުކޮށް އެސްޓީއޯ ކާމިޔާބުކުރިއެވެ.

ބޮޑު ތަފާތަކުން އެމްޓީސީސީ މެޗުން ބަލިވި އެފްއެސްއެމްއަށް މި މެޗުގައި ވެސް މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. ހަވަނަ މިނިޓްގައި ލީޑު ނެގި އެސްޓީއޯއިން ފުރަތަމަ ހާފުގައި ދެ ލަނޑު އަދި ދެވަނަ ހާފުގައި ފަސް ލަނޑު ޖެހިއެވެ. މި ލަނޑުތައް އެސްޓީއޯއަށް ޖަހައިދިނީ، އަޙްމަދު ރާހިލް 2 ލަނޑު، އިސްމާއިލް އީސާ 2 ލަނޑު، ހުޒައިފަތު ރަޝީދު 1 ލަނޑު އަދި ހުސައިން ޝަރީފް 1 ލަނޑެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ހުސައިން ޝަރީފް / ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެސްޓީއޯގެ ހުސައިން ޝަރީފެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top