އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން، ނޯވޭގެ ފޯވާޑް އާލިން ހާލަންޑަކީ “މެޝިނެއް” ފަދަ ކުޅުންތެރިއެއްގެ ގޮތުގައި ސިފަކުރި ނަމަވެސް، ހޮނިހިރު ދުވަހު އޮންނަ ވޯލްޑް ކަޕް ކުއާޓާ ފައިނަލް މެޗުގެ ކުރިން ބުނީ އޭނާ އާއި “ބީސްޓް”ގެ ނަމުން މަޝްހޫރުވެފައިވާ ހާލަންޑަކީ މުޅިން ތަފާތު ދެ ކުޅުންތެރިން ކަމަށެވެ.
ބޮޑު މުބާރާތެއްގައި ހާލަންޑް ކުޅޭ ފުރަތަމަ ފަހަރު ކަމަށްވީ ނަމަވެސް، އޭނާ ވަނީ ފުރަތަމަ ހަތަރު މެޗުގައި ހަތް ލަނޑު ޖަހާފައެވެ. މީގެ ތެރޭގައި ބްރެޒިލް މުބާރާތުން ކަޓުވާލުމަށް އޭނާ ކާމިޔާބުކުރި ދެ ލަނޑު ހިމެނެއެވެ. ހާލަންޑްގެ މި ލަނޑުތަކާއެކު ނޯވޭ ވަނީ ފުރަތަމަ ފަހަރަށް މުބާރާތުގެ ގަދަ އަށަކުން ޖާގަ ހޯދާފައެވެ.
މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޭން ބުނީ،
“އާލިން އަކީ އާދަޔާ ހިލާފު ކުޅުންތެރިއެއް. އޭނާގެ ލަނޑު ޖެހުމުގެ ރެކޯޑާއި ހަށިގަނޑުގެ ވަރުގަދަކަމަށް ބަލާއިރު އޭނާއަކީ މެޝިނެއް، ބީސްޓެއް. އޭނާގެ ނިންމާލުންތައް ހުރީ އެންމެ މަތީ ފަންތީގަ. އޭނާގެ ރެކޯޑުތަކުން އެކަން ސާފުކޮށް ފެންނަން އެބައޮތް،” ކޭން ބުންޏެވެ.
މި މުބާރާތުގައި މެންޗެސްޓާ ސިޓީގެ ފޯވާޑަށްވުރެ ކޭން ފަހަތުގައި އޮތީ އެންމެ ލަނޑަކުންނެވެ. މިހާތަނަށް ކޭން ވަނީ ވޯލްޑް ކަޕްގައި ޖުމްލަ 14 ލަނޑު ހަމަކޮށްފައެވެ.
ކޭން އިތުރަށް ބުނީ،
“އަހަރެމެންނަކީ މުޅިން ތަފާތު ދެ ކުޅުންތެރިން ކަމަށް އަހަރެން ދެކެނީ. ދެމީހުންނަކީވެސް ފޯވާޑުން ކަމަށްވިޔަސް، އަހަރެމެން ކުޅެނީ ދެ މަގާމެއްގައި ކަހަލަ ގޮތަކަށް. އަހަރެން ގަބޫލުކުރާ ގޮތުގައި އަހަންނަކީ ތަފާތު ކުޅުންތެރިއެއް. އަހަރެން ލަނޑު ޖެހި ނަމަވެސް، ބޯޅައިގައި ޖަހާ މިންވަރު އިތުރުކޮށް، ކުޅުމުގެ ތެރޭގައި ބޮޑަށް ބައިވެރިވާން ބޭނުންވޭ. އެކަމަކު ހަމައެއާއެކު، ސާފު ނަންބަރު ނުވައެއްގެ ގޮތުގައިވެސް އަހަންނަށް ކުޅެވިދާނެ.”
“އަހަރެމެން ދެމީހުން އަޅާކިޔުމަކީ ރަނގަޅު ގޮތެއް ކަމަކަށް އަހަރެން ނުދެކެން. ކުޅުންތެރިއެއްގެ ގޮތުންނާ ޕްރޮފެޝަނަލެއްގެ ގޮތުން އަހަރެން އޭނާއަށް ވަރަށް އިހުތިރާމް ކުރަން. އުންމީދަކީ މާދަމާގެ މެޗުގަ އޭނާއަށް މާ ބޮޑު ކަމެއް ނުކުރެވުން. އެކަމަކު އޭނާގެ ކުޅުން ވަރަށް ފުރިހަމަ. އޭނާއަކީ މޮޅު ކުޅުންތެރިއެއް،” ކޭން ބުންޏެވެ.
ލަނޑު ޖެހުމުގެ ރެކޯޑުތައް ރަނގަޅު ނަމަވެސް، 2026ގެ މި މުބާރާތުގައި އެންމެ ގިނަ ލަނޑު ޖަހައިގެން ދޭ ‘ގޯލްޑަން ބޫޓް’ ގެ ރޭހުގައި ހާލަންޑާއި ކޭން އުޅެނީ ލިއޮނަލް މެސީ އާއި ކީލިއަން އެމްބާޕޭއަށް ވުރެ ފަހަތުގައެވެ. މެސީ އާއި އެމްބާޕޭ ވަނީ މިހާތަނަށް އަށް ލަނޑު ކާމިޔާބުކޮށްފައެވެ.
2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގޯލްޑަން ބޫޓް ކޭން ކާމިޔާބުކުރި ނަމަވެސް، އެ ފަހަރު އިންގްލެންޑް ސެމީ ފައިނަލުން ކްރޮއޭޝިއާ އަތުން ބަލިވެ މުބާރާތުން ވަނީ ކަޓާފައެވެ. ކޭންގެ އެންމެ ބޮޑު އަމާޒަކީ 60 އަހަރުގެ މެދުކެނޑުމަކަށްފަހު އިންގްލެންޑަށް ބޮޑު ތަށްޓެއް ހޯދައިދިނުމެވެ.
ބަޔާން މިއުނިކްގެ ފޯވާޑް ބުނީ،
“މިފަހަރުގެ ވޯލްޑް ކަޕަކީ ހުރިހާ މޮޅު ފޯވާޑުންނާލަނޑު ޖަހާ ކުޅުންތެރިން ލަނޑު ޖަހާ، މެޗުތަކަށް ނަތީޖާ ނެރެދޭ ފޯރިގަދަ މުބާރާތެއް. ބޮޑެތި މުބާރާތްތަކުގަ އަބަދު މިހެންނެއް ނުވޭ. މިއީ ވަރަށް ވާދަވެރި މުބާރާތެއް. މިކަމުގެ ސަބަބުން އަހަރެންގެ އެންމެ މަތީ ފަންތީގަ ކުޅުމަށް އިތުރު ހިތްވަރެއް ލިބޭ.”
“އަހަރެންގެ މައިގަނޑު މަގްސަދަކީ ގޯލްޑަން ބޫޓަކަށްވުރެ ބޮޑަށް ވޯލްޑް ކަޕް ކާމިޔާބުކުރުން. އެކަމަކު އަހަންނަކީ ލަނޑު ޖަހާ ކުޅުންތެރިއަކަށްވެފަ، ޓީމުގެ ނަންބަރު ނުވައަކަށް ވުމުން، އަހަރެން ލަނޑު ޖެހުމަކީ ޓީމަށް ލިބޭނެ ވަރަށް ބޮޑު އެހީއެއްކަން އެނގޭ.”
1966 ވަނަ އަހަރުގެ ފަހުން އިންގްލެންޑަށް ތަށްޓެއް ހޯދައިދިނުމަށް އެންމެ ބޮޑަށް މަސައްކަތްކުރާ ޖީލުގެ އިސް ކުޅުންތެރިއަކީ ކޭންއެވެ. ގަރެތު ސައުތުގޭޓްގެ އިރުޝާދުގެ ދަށުން އިންގްލެންޑް ވަނީ ފާއިތުވި ދެ ޔޫރޯ ފައިނަލުގައި ކުޅެ، ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލާއި ސެމީ ފައިނަލާ ހަމައަށް ދަތުރުކޮށްފައެވެ.
މީގެ އިތުރުން ކޭން ބުނީ،
“އަހަރެމެން ތަށްޓެއް ހޯދަންދެން އިންގްލެންޑާ ބެހޭގޮތުން އެކި ވާހަކަތައް ދެކެވޭނެ. އެކަމަކު މިހާރު އަހަރެމެން މިތިބީ ވަރަށް ރަނގަޅު ހާލަތެއްގަ. މީގެ ހަ ހަފުތާ ކުރިން ތައްޔާރުވާން ފެށިއިރު އަހަރެމެން ބޭނުންވި ހިސާބުގަ މިހާރު މިތިބީ. އަހަރެމެން ވަނީ އުނދަގޫ ގިނަ މެޗުތަކަކާ ވަގުތުތަކެއް ކަނޑަތުކޮށްފަ. މިހާރު މިއޮތީ ފަހު އަށް ދުވަހުގެ ގަދަ ހިތްވަރުލާންޖެހޭ ވަގުތު. އަހަރެމެންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށްޓަކާ ކޮންމެ ކުޅުންތެރިއަކުވެސް އެންމެ މަތީ ފަންތީގަ ކުޅެންޖެހޭނެ.”
