އަލަށް ކުރެވުނު ދިރާސާތަކުން ދައްކާގޮތުގައި، ދިރިއުޅުމުގެ ޒަރޫރީ ބޭނުންތަކަށް ހަކަތަ ހޯދުމަށްޓަކައި ޕްލާސްޓިކް އެންދުމަކީ ކުރިން ހީކުރެވުނަށްވުރެ ބޮޑަށް އާންމުވެފައިވާ ކަމެކެވެ. މިއީ ސިއްހީ ގޮތުންނާއި، އިޖުތިމާއީ ހަމަހަމަކަމުގެ ގޮތުންނާއި، އަދި ތިމާވެށީގެ ގޮތުން ދުނިޔެއަށް އޮތް ބޮޑު ކަންބޮޑުވުމެކެވެ.
ބައެއް އާއިލާތަކުން ދެކޭގޮތުން ޕްލާސްޓިކް ކުންޏަކީ ހަމައެކަނި އުކާލަންޖެހޭ އެއްޗަކަށް ނޫނެވެ. ރައްކާތެރި ހަކަތައިގެ ވަސީލަތްތަކުގެ އަގުބޮޑުވުމާއި، ކުނި އުކާލުމުގެ ނިޒާމު ހަރުދަނާ ނޫން ތަންތަނުގައި، ކެއްކުމަށާއި، ހޫނު ހޯދުމަށާއި، އަލިފާން ރޯކުރުމުގެ އިތުރުން މަދިރި ފަދަ ސޫފިތައް ދުރުކުރުމަށްވެސް ޕްލާސްޓިކް ބޭނުންކުރެއެވެ.
ކާޓިން ޔުނިވަރސިޓީން އިސްނަގައިގެން ކުރިއަށްގެންދިޔަ ދިރާސާއަކުން ދައްކާގޮތުގައި، ތަރައްގީވަމުން އަންނަ ގައުމުތަކުގައި މި އާދަ ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ. ‘ނޭޗަރ ކޮމިއުނިކޭޝަންސް’ މަޖައްލާގައި ޝާއިޢުކޮށްފައިވާ މި ދިރާސާގައި، ދުނިޔޭގެ 26 ގައުމަކުން 1000 އަށްވުރެ ގިނަ މީހުންގެ މަޢުލޫމާތު އެއްކުރެވުނެވެ. މީގެ ތެރޭގައި ދަށް އާމްދަނީ ލިބޭ ސަރަހައްދުތަކުގައި މަސައްކަތްކުރާ ދިރާސާވެރިންނާއި، ސަރުކާރުގެ މުވައްޒަފުން އަދި މުޖުތަމައުގެ އިސް ފަރާތްތައް ހިމެނެއެވެ.
މި ދިރާސާގައި ބައިވެރިވި ކޮންމެ ތިން މީހަކުން އެކަކު ބުނިގޮތުގައި، އެމީހުން ދަންނަ ގޭބިސީތަކުގައި ޕްލާސްޓިކް އަންދައެވެ. އަދި ގިނަ ބަޔަކު ވަނީ އަވަށްޓެރިން ނުވަތަ މުޖުތަމައުގެ އެހެން މީހުން މިކަން ކުރަނިކޮށް އަމިއްލައަށް ދެކެފައެވެ.
ގޭބިސީތަކުގެ ހަކަތައެއްގެ ގޮތުގައި ޕްލާސްޓިކް ބޭނުންކުރުން
ކާޓިން އިންސްޓިޓިއުޓް ފޯ އެނާޖީ ޓްރާންސިޝަން (ސީ.އައި.އީ.ޓީ) ގެ ޑރ. ބިޝާލް ބަރަދްވާޖް ވިދާޅުވި ގޮތުގައި، މި ދިރާސާއަކީ ގޭބިސީތަކުން ޕްލާސްޓިކް އަންދަނީ ހަމައެކަނި ކުނި ނައްތާލުމަށް ނޫންކަމާއި، ދުވަހުން ދުވަހަށް ބޭނުންވާ ހަކަތަ ހޯދުމަށްކަން ދުނިޔޭގެ ފެންވަރުގައި ސާބިތުކޮށްދޭ ފުރަތަމަ ހެއްކެވެ.
“މިއީ މުޖުތަމައުތަކުގެ ތެރޭގައި ސިއްރުން ހިނގަމުންދާ ކަމެއް ކަމުން، މީގެ ސައްހަ މަޢުލޫމާތު ހޯދުން ވަނީ ވަރަށް އުނދަގޫ ކަމަކަށް ވެފަ. ނަމަވެސް މި ސަރވޭއިން މިކަން ހިނގާގޮތުގެ ފުން މަޢުލޫމާތުތަކެއް ލިބިއްޖެ،” ޑރ. ބަރަދްވާޖް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ސާފު ހަކަތަ ގަންނާނެ މާލީ ތަނަވަސްކަން ނެތުމާއި، ކުނި އުކާލުމުގެ އެކަށީގެންވާ ނިޒާމެއް ނެތް ހާލަތްތަކުގައި، ޕްލާސްޓިކަކީ އެންމެ ފަހުގެ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރެވޭ އެއްޗަކަށް ވެފައިވާ ކަމަށެވެ. މީހުން ޕްލާސްޓިކް ކޮތަޅާއި، ފުޅި އަދި އެކި ބާވަތްތަކުގެ ކަވަރުތައް އަންދާކަމުގެ ހެކި ވަނީ ލިބިފައެވެ.
ވިހަ ދުން: ނާޒުކު ފަރާތްތަކަށް އޮތް ބޮޑު ނުރައްކަލެއް
ޕްލާސްޓިކް އަންދަނީ އާދައިގެ އުނދުނާއި، ބޯޓުދެލި ބޭނުންކުރާ އުނދުނުގެ އިތުރުން އަމިއްލައަށް ހަދާފައި ހުންނަ ވަގުތީ އުނދުނުގައެވެ. މީގެ ސަބަބުން ގޭތެރޭގައާއި ތޮއްޖެހިފައިވާ އަވަށްތަކުގައި ނުރައްކާތެރި ވިހަ ދުން ފެތުރިގެންދެއެވެ. މިކަމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރަނީ އަންހެނުންނާއި، ކުޑަކުދިންނާއި، ދުވަސްވީ މީހުންގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށެވެ.
ޕްރޮފެސަރ ހަރީ ވުތަލޫރް ވިދާޅުވި ގޮތުގައި، މަސްހުނި ޕްލާސްޓިކާއި ޕީ.ވީ.ސީ އެންދުމަކީ އިންތިހާއަށް ނުރައްކާތެރި ކަމެކެވެ. ސަބަބަކީ އެއިން ބޭރުވާ ‘ޑިއޮކްސިން’ އަދި ‘ފިއުރަންސް’ ފަދަ ކެމިކަލްތަކަކީ ދުނިޔޭގައިވާ އެންމެ ނުރައްކާތެރި ވިހަ މާއްދާތަކުގެ ތެރޭގައި ހިމެނޭ ތަކެއްޗަށް ވުމެވެ. މީގެ ސަބަބުން ކެންސަރާއި، ދަރިމައިވުމުގެ މައްސަލަތަކާއި، އަދި ދިފާއީ ނިޒާމަށް ބޮޑެތި ގެއްލުންތައް ލިބެއެވެ.
ކާބޯތަކެއްޗާއި ފެން ތަޣައްޔަރުވުން
މި ނުރައްކަލަކީ ހަމައެކަނި ދުމުގެ ސަބަބުން ކުރިމަތިވާ ކަމެއް ނޫނެވެ. ޑރ. ޕްރަމޭޝް ދުންގާނާ ވިދާޅުވި ގޮތުގައި، ޕްލާސްޓިކް އެންދުމުން ބޭރުވާ ވިހަ މާއްދާތައް ގަސްގަހާގެއްސަށާއި، ފެން އުފައްދާ ވަސީލަތްތަކަށް ވާސިލުވެ، ކާބޯތަކެތީގެ ޒަރީއާއިން އިންސާނާގެ ހަށިގަނޑަށް ފޯރައެވެ. މިއީ މިހާރުވެސް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލަމުންދާ މުޖުތަމައުތަކަށް ކުރިމަތިވެފައިވާ ފޮރުވިފައިވާ ސިއްހީ ކާރިސާއެކެވެ.
ރައްކާތެރި ބަދަލުތަކެއްގެ ބޭނުންތެރިކަން
ޕްރޮފެސަރ ޕެޓާ އޭޝްވޯތު ވިދާޅުވި ގޮތުގައި، މި މައްސަލައަކީ ހަމައެކަނި ޕްލާސްޓިކް ނުއެދުމަށް އިންޒާރު ދީގެން ހައްލުކުރެވޭނެ ކަމެއް ނޫނެވެ. މިކަން ގުޅިފައިވަނީ ފަގީރުކަމާއި، ހަކަތައިގެ ވަސީލަތްތަކުގެ އަގުބޮޑުވުމާއި، އަދި ކުނި މެނޭޖްކުރުމުގެ ނިޒާމު ނެތުމާއެވެ.
2060 ވަނަ އަހަރާ ހަމައަށްދާއިރު ޕްލާސްޓިކް ބޭނުންކުރާ މިންވަރު ތިންގުނަ އިތުރުވާނެ ކަމަށް ލަފާކުރެވޭތީ، މިއީ އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ކަމެކެވެ. ހައްލަކީ ސާފުތާހިރުކަން އިތުރުކުރުމާއި، ޒަމާނީ ހަކަތައިގެ ވަސީލަތްތައް ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމެވެ. މި ދިރާސާއަކީ ދުނިޔޭގެ އެންމެ ނާޒުކު ހާލަތުގައި ދިރިއުޅޭ މީހުންނަށް އެހީތެރިވުމަށް ބޭނުންވާ ފިޔަވަޅުތައް އެޅުމަށް ލިބުނު މުހިންމު ބިންގަލެކެވެ.
