މަޝްހޫރު އެކްޓަރު އަދިތުޔާ ރޯއި ކަޕޫރު، ޑައިރެކްޓަރު މިލާޕް މިލާން ޒަވޭރީގެ އާ ރޮމެންޓިކް ފިލްމަކުން ފެންނާނެކަން އިޢުލާންކޮށްފިއެވެ. ޓީ-ސީރީޒްގެ ބެނާގެ ދަށުން ބުޝަން ކުމާރު ޕްރޮޑިއުސްކުރާ މި ފިލްމަކީ “އާޝިޤީ 2″، “މަލަންގް”، “ލޫޑޯ” އަދި “މެޓްރޯ އިން ދިނޯ” ފަދަ ކާމިޔާބު ފިލްމުތަކަށްފަހު މި ޓީމުން ގުޅިގެން މަސައްކަތްކުރާ އާ މަޝްރޫއެކެވެ.
މި ފިލްމާ ގުޅޭގޮތުން ޓީ-ސީރީޒްގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުގައި ހުކުރު ދުވަހު ބުނެފައިވަނީ، މިއީ ވަރުގަދަ ލޯތްބާއި، ވަރުގަދަ އެކްޝަން އަދި ހިތްގައިމު މިއުޒިކް ހިމެނޭ ފިލްމެއް ކަމަށެވެ. މި ފިލްމުގެ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް ހަމަޖެހިފައިވާއިރު، ފިލްމު ސިނަމާތަކަށް އަންނާނީ 2027 ވަނަ އަހަރުގައެވެ.
ޕްރޮޑިއުސަރު ބުޝަން ކުމާރު ބުނިގޮތުގައި އަދިތުޔާ އާއެކު މަސައްކަތް ކުރުމަކީ އަބަދުވެސް ލިބޭ އުފަލެކެވެ. “އާޝިގީ 2 އިން ފެށިގެން މެޓްރޯ އިން ދިނޯ އާ ހަމައަށް އަހަރެމެން ކުރި ކޮންމެ މަސައްކަތަކީ ބެލުންތެރިން ބަލައިގަތް ޚާއްސަ މަސައްކަތްތަކެއް.” ބުޝަން ކުމާރު ފާހަގަކުރިއެވެ.
ޑައިރެކްޓަރު މިލާޕް ޒަވޭރީ ބުނީ، އަދިތުޔާ އަކީ ލޯބީގެ ޖަޒުބާތުތައް ވަރަށް ފުރިހަމައަށް ދައްކައިދޭ އެކްޓަރެއް ކަމަށެވެ. އަދި މި ފިލްމުގައި އަދިތުޔާ ކުޅޭ ކެރެކްޓަރަކީ ވަރަށް ފުން އަދި އެހާމެ ވަރުގަދަ އިޙުސާސްތަކެއް އެކުލެވޭ ކެރެކްޓަރެއް ކަމަށް އޭނާ ބުންޏެވެ.
މި ފިލްމުގެ ޝޫޓިން ފެށުމަށް ތާވަލުކޮށްފައިވަނީ 2026 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. އަދިތުޔާ އެންމެ ފަހުން ފެނިގެންދިޔައީ 2025 ވަނަ އަހަރު ރިލީޒްކުރި އަނޫރާގް ބާސޫގެ ފިލްމު “މެޓްރޯ… އިން ދިނޯ” އިންނެވެ. މިލާޕް ޒަވޭރީ އަކީ މީގެ ކުރިން “އޭކް ދީވާނޭ ކީ ދީވާނިއްޔަތު” އަދި “މަސްތީ 4” ފަދަ ފިލްމުތައް ޑައިރެކްޓްކޮށްފައިވާ ފަރާތެކެވެ.
