2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ޕޯޗުގަލް އަށް ކުރިމަތިވި ނާކާމިޔާބީއަށްފަހު، އުމުރުން 41 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމުން ފެންނާނެތޯ އުފެދިފައިވާ ސުވާލުތަކަށް، ޕޯޗުގަލްގެ އާ ހެޑް ކޯޗުގެ ނިންމުމާއެކު މިވަނީ ސާފު ޖަވާބެއް ލިބިފައެވެ.
2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 ގެ ބުރުގައި ސްޕެއިން އަތުން 1-0 އިން ބަލިވެ ޕޯޗުގަލް މުބާރާތުން ކެޓުމާ ގުޅިގެން، ރޮނާލްޑޯ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ކުރިއަށްދާނެތޯ ގިނަ ބަޔަކު ދިޔައީ ސުވާލު އުފައްދަމުންނެވެ. މުބާރާތަށްފަހު ވެސް ގައުމީ ޓީމަށް ކުޅެން ބޭނުންވާކަން ރޮނާލްޑޯ ހާމަކުރި ނަމަވެސް، ދެން އަންނަ ކޯޗެއްގެ ރޭވުންތަކުގައި އޭނާ ހިމެނޭނެތޯ އޮތީ ބޮޑު ސުވާލެއްގެ ތެރޭގައެވެ.
މި ސުވާލުތައް އިތުރަށް ގަދަވެގެންދިޔައީ ކުރީގެ ކޯޗު ރޮބާޓޯ މާޓިނޭޒް މަގާމުން ވަކިވުމާ ގުޅިގެންނެވެ. ނަމަވެސް، ޕޯޗުގަލްގެ އާ ކޯޗަކަށް ޖޯޖް ޖީސަސް އައްޔަންކުރުމާއެކު މިކަމަށް ވަނީ ހައްލެއް ލިބިފައެވެ.
ރޮނާލްޑޯއާ މެދު ޖޯޖް ޖީސަސްގެ ނިންމުން
ފުޓްބޯޅައިގެ ނަން މަޝްހޫރު ވެބްސައިޓް “ގޯލް” އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރޮނާލްޑޯގެ އުމުރުން 41 އަހަރު ފުރުނު ނަމަވެސް، އޭނާއަކީ އަދިވެސް ޓީމުގެ މުހިންމު ހިއްސާއެއް ކަމަށް ޖީސަސް ވަނީ ކަށަވަރުކޮށްދީފައެވެ. ތަޖުރިބާކާރު ކޯޗު ޖީސަސް ހާމަކުރި ގޮތުގައި، ފަސް ފަހަރު ބެލޮންޑިއޯ ކާމިޔާބުކޮށްފައިވާ ރޮނާލްޑޯ ފެންވަރު ރަނގަޅު ކުޅުމެއް ދައްކައި، ގައުމީ ޓީމަށް ކުޅެން ތައްޔާރަށް ހުރިހާ ހިނދަކު އޭނާ ޓީމަށް ނަގާނެއެވެ.
ޖީސަސް އިތުރަށް ފާހަގަކުރި ގޮތުގައި، ރޮނާލްޑޯގެ ބޭނުން ހިފާނީ ގައުމީ ޓީމަށް އެންމެ ފައިދާހުރި ގޮތަކަށް ބަލައިގެންނެވެ. އޭނާ ސިފަކުރި ގޮތުގައި ކުރީގެ މެންޗެސްޓާ ޔުނައިޓެޑްގެ ތަރި ރޮނާލްޑޯއަކީ ޕޯޗުގަލް ފުޓްބޯޅައިގެ ރަމްޒެކެވެ. އަދި ޑްރެސިން ރޫމުގައި ނުފޫޒުގަދަ، މުހިންމު ޝަހުސިއްޔަތެކެވެ.
ރޮނާލްޑޯ ފަދަ ވަރުގަދަ ޝަހުސިއްޔަތެއް ކޮންޓްރޯލް ކުރުމަކީ އުނދަގޫ ކަމެއް ކަމަށް ދެކެވޭ ވާހަކަތައް ވެސް އާ ކޯޗު ވަނީ ދޮގުކޮށްފައެވެ. ސައުދީ އަރަބިއްޔާގެ އަލް ނަސްރުގައި ރޮނާލްޑޯއާ އެކު ހޭދަކުރި ކާމިޔާބު ދުވަސްތަކަށް އަލިއަޅުވާލަމުން ޖީސަސް ބުނީ، ރޮނާލްޑޯއަކީ މެނޭޖްކުރަން ވަރަށް ފަސޭހަ އަދި އޭނާއާ އެކު މަސައްކަތް ކުރުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށެވެ.
ވޯލްޑް ކަޕްގެ ނާކާމިޔާބީއަށްފަހު ޕޯޗުގަލް މިހާރު ތައްޔާރުވަމުންދަނީ ކުރިއަށް އޮތް ނޭޝަންސް ލީގުގެ މެޗުތަކަށެވެ. މީގެ އިތުރުން 2030 ވަނަ އަހަރު ސްޕެއިން އަދި މޮރޮކޯއާ ގުޅިގެން ޕޯޗުގަލްގައި ބާއްވާ ވޯލްޑް ކަޕަށް ކޮލިފައިވުމަކީ ވެސް އެ ޓީމުގެ ބޮޑު އަމާޒެކެވެ.
އާ ކޯޗުގެ މި ނިންމުމާއެކު، ޕޯޗުގަލްގެ ފުޓްބޯޅައިގެ އާ ބާބެއް ފެށިގެންދާއިރު، އެންމެ ބޮޑު އެއް ސުވާލު ކަމަށްވާ ރޮނާލްޑޯގެ މުސްތަގުބަލާ މެދު މިވަނީ ސާފު ގޮތްތަކެއް ނިމިފައެވެ.
