ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ބިސްބުރު ބަލިކޮށް ވެމްކޯ އެއްވަނައިގައި ހަމަޖެހިލައިފި
ފޮޓޯ: ކުލަބް މޯލްޑިވްސް ފޭސްބުކް ޕޭޖް

ކުލަބް މޯލްޑިވްސްއިން ބާއްވާ އެއިޓީން ތާރޓީ އަންހެން ފުޓްސަލް މުބާރާތުގެ ފަސްވަނަ މެޗު ކާމިޔާބުކޮށް، ވެމްކޯ އެއްވަނައިގައި ހަމަޖެހިލައިފިއެވެ. ތިން ޓީމު ވާދަކުރާ މި މުބާރާތުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު މިއީ މި ދެ ޓީމުގެ ދެވަނަ ކުރިމަތިލުމެވެ. ލީގު ބުރުން އެއްވަނަ އާއި ދެވަނަ ހޯދާ ޓީމު ފައިނަލަށް ދާގޮތަށް ހަމަޖެހިފައިވާ މި މުބާރާތުގެ ލީގު ބުރުގައި މިއީ ވެމްކޯގެ ފަހު މެޗެވެ.

ފައިނަލްގެ ޖާގައެއް ހޯދުމަށްޓަކައި މޮޅެއް ހޯދަން މަޖުބޫރު މި މެޗުގައި ބިސްބުރުގެ ފަރާތުން، ކުރިން ކުޅުނު މެޗުތަކަށްވުރެ ރަނގަޅު ކުޅުމެއް ފެނިފައިވެއެވެ.

މެޗު ފަށައިގެން ރަނގަޅަށް ކުޅުނު ވެމްކޯއިން ތިންވަނަ މިނިޓްގައި ލީޑު ނެގިއިރު، ފަސްވަނަ މިނިޓްގައި ބިސްބުރުން ނަތީޖާ ހަމަހަމަކުރިއެވެ. އަދި އަށްވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ފަހަތުން އަރައި ލީޑު ނެގިއެވެ. ބިސްބުރުން ނެގި ލީޑަށް މާގިނައިރެއް ނުވެ ވެމްކޯއިން ނަތީޖާ ހަމަހަމަ ކުރިއެވެ. އޭރިޔާ ބޭރުން ލިބުނު ފްރީކިކް ގޯލުގެތެރެއަށް ވައްދާލައި ދެވަނަ ފަހަރަށް ބިސްބުރުން ލީޑު ނެގިއިރު، ފުރަތަމަ ހާފުގެ ފަހުކޮޅު ވެމްކޯއިން ނަތީޖާ ހަމަހަމަކުރިއެވެ. ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށް ވެސް ލިބުނު މި މެޗުގައި ވެމްކޯއިން ދެވަނަ ފަހަރަށް ލީޑު ނެގީ ނަތީޖާ ހަމަހަމަކުރިތާ އިރުކޮޅެއް ފަހުންނެވެ. ފުރަތަމަ ހާފުގެ ފަހު ސިކުންތުކޮޅުތެރޭ ވެމްކޯއިން އެ ޓީމުގެ ލީޑު ފުޅާކުރިއެވެ.

ފުރަތަމަ ހާފު މި ނަތީޖާއާއެކު ނިމުނުއިރު، ދެވަނަ ހާފުގައި ވެސް ފެނުނީ ވާދަވެރިކަން ބޮޑު ހަމަހަމަ ކުޅުމެކެވެ. ދެވަނަ ހާފުގެ ކުރީކޮޅު ބިސްބުރުން ލަނޑެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކުރި ނަމަވެސް، އޭގެ އިރުކޮޅެއް ފަހުން ވެމްކޯއިން އެ ޓީމުގެ ހަވަނަ ލަނޑު ޖެހިއެވެ. 12 ވަނަ މިނިޓްގައި ވެމްކޯއިން އެ ޓީމުގެ ހަތްވަނަ ލަނޑު ޖެހިއިރު، 14 ވަނަ މިނިޓްގައި ބިސްބުރުން ފަސްވަނަ ލަނޑު ޖެހިއެވެ. ބިސްބުރުން ޖެހި ހަވަނަ ލަނޑާއިއެކު އުންމީދު އާކުރިއިރު، މެޗު ނިމެން ހަތަރު މިނިޓަށް ވެފައި ވަނިކޮށް ނަތީޖާ ހަމަހަމަކުރިއެވެ. ބިސްބުރުން ނަތީޖާ ހަމަހަމަކުރި މިނިޓްގައި އަނެއްކާ ވެސް ވެމްކޯއިން ލީޑު ނެގިއެވެ. އަދި މެޗުގެ ފަހު މިނިޓްގައި އެ ލީޑު ފުޅާކުރިއެވެ. ދެ ލަނޑުގެ ތަފާތުން ވެމްކޯ މޮޅުވެގެން ނިމިދާނެހެން ހީވި މި މެޗު ނިމެން 39 ސިކުންތަށް ވެފައި ވަނިކޮށް ބިސްބުރުން ލަނޑެއް ޖަހައި ނަތީޖާ ފަރަގު ކުޑަކުރިއެވެ.

8-9 އިން ވެމްކޯ ކާމިޔާބު ކުރި މި މެޗާއިއެކު ނުވަ ޕޮއިންޓް ހަމަކޮށް ވެމްކޯ ވަނީ ގުރޫޕްގެ އެއްވަނައިގައި ހަމަޖެހިލައިފައެވެ. މި މެޗުން ވީ ބައްޔާއިއެކު ބިސްބުރަށް ވަނީ ފައިނަލްގެ ޖާގަ ގެއްލިފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ އާމިނަތު ފަޒްލާއެވެ.

މި މުބާރާތުގެ މެޗެއް ދެން އޮންނާނީ މި މަހުގެ 20 ވަނަ ދުވަހުއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top