2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ތިންވަނަ ހޮވި މެޗުގައި ފޯރިގަދަ ކުޅުމަކަށްފަހު ވަރުގަދަ ފްރާންސް ބަލިކޮށް، އިންގްލެންޑުން މުބާރާތުގެ ތިންވަނަ މަގާމު ކަށަވަރުކޮށްފިއެވެ. އެމެރިކާގެ މެޓްލައިފް ދަނޑުގައި ކުޅުނު މި މެޗު އިންގްލެންޑުން ކާމިޔާބުކުރީ 6-4 ގެ ނަތީޖާއަކުންނެވެ.
އިންގްލެންޑުގެ އާދަޔާ ޚިލާފު މޮޅު ކުޅުމެއް ފެނިގެންދިޔަ ފުރަތަމަ ހާފުގެ ތިންވަނަ މިނެޓުގައި، ޑެކްލަން ރައިސް ވަނީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ގޯލަށް ވައްދާލައި އިންގްލެންޑަށް ލީޑު ނަގައިދީފައެވެ. އޭގެ ފަހުން 19 ވަނަ މިނެޓުގައި އެޒްރީ ކޮންސާ ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.
މި މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު ބުކާޔޯ ސަކާގެ ފާހަގަކޮށްލެވޭފަދަ މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 37 ވަނަ މިނެޓުގައި އޭނާ ވަނީ އިންގްލެންޑުގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އޭނާ ވަނީ އިތުރު ލަނޑެއް ޖަހައި ނަތީޖާ 4-0 އަށް ބަދަލުކޮށްލާފައެވެ.
ބަދަލުތަކަކާއެކު ދެވަނަ ހާފު ފެށި ފްރާންސުން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން މެޗުގެ 48 ވަނަ މިނެޓުގައި ކީލިއަން އެމްބާޕޭ އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހައިދިނެވެ. 54 ވަނަ މިނެޓުގައި ބާކޯލާ ވަނީ އިތުރު ލަނޑެއް ޖަހައިދިންއިރު، މެޗުގެ 67 ވަނަ މިނެޓުގައި އެމްބާޕޭގެ ދެވަނަ ލަނޑާއެކު ނަތީޖާ 3-4 އަށް ބަދަލުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.
ގިނަ ހަމަލާތަކެއް ފެނިގެންދިޔަ މި މެޗުގައި ނަތީޖާ ހަމަހަމަކުރަން ފްރާންސުން މަސައްކަތްކުރަމުން ދަނިކޮށް، 85 ވަނަ މިނެޓުގައި ޖެޑް ސްޕެންސްއަށް އޭރިއާ ތެރެއިން ކުރި ފައުލްއަކާ ގުޅިގެން އިންގްލެންޑަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ވަރަށް ހިތްގައިމުކޮށް ކާމިޔާބުކޮށްދިން މި ޕެނަލްޓީއާއެކު ސާކާ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މެޗުގެ 96 ވަނަ މިނެޓުގައި ޑެމްބެލޭ ވަނީ ފްރާންސަށް ހަތަރުވަނަ ލަނޑެއް ޖަހައިދީފައެވެ. ނަމަވެސް އޭގެ ދެ މިނެޓު ފަހުން މެޗުގެ ފަހު މިނެޓުގައި ޖޫޑް ބެލިންހަމް ވަނީ އިންގްލެންޑްގެ ހަވަނަ ލަނޑު ޖަހައިދީ މެޗުގެ ނަތީޖާ ކަށަވަރުކޮށްދީފައެވެ.
ފްރާންސް މެޗުން ބަލިވި ނަމަވެސް މި މެޗުގައި އެމްބާޕޭ ކާމިޔާބުކުރި ލަނޑުތަކާއެކު އޭނާ ވަނީ ވޯލްޑް ކަޕް ތާރީޚުގައި ޖުމްލަ 22 ލަނޑު ހަމަކޮށް، މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. އަދި މި މެޗުގައި ދެ އެސިސްޓް ކުރި ފްރާންސްގެ މައިކަލް އޮލީސޭ ވަނީ 7 އެސިސްޓާއެކު އެއް ވޯލްޑް ކަޕެއްގައި އެންމެ ގިނަ އެސިސްޓް ކުރި ޕެލޭގެ ރެކޯޑް މުގުރާލާފައެވެ.
މި މެޗުގައި ހެދި ހެޓްރިކާއެކު ސާކާ ވެފައިވަނީ ޖެފް ހަރސްޓް، ގޭރީ ލިނެކާ އަދި ހެރީ ކޭންގެ ފަހުން ވޯލްޑް ކަޕެއްގައި ހެޓްރިކް ހެދި އިނގިރޭސި ހަތަރުވަނަ ކުޅުންތެރިޔާއަށެވެ. މިއީ 1966 ވަނަ އަހަރު ތަށި ހޯދި ފަހުން ވޯލްޑް ކަޕެއްގައި އިންގްލެންޑުން ހޯދި އެންމެ ރަނގަޅު ނަތީޖާއެވެ.
