ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފިލްމު ފްލޮޕްވުމަށްވުރެ ބޮޑަށް އެއްގޮތް ރޯލުތަކެއް ކުޅެންޖެހިދާނެތީ ބިރުގަނޭ: ވިކްރާންތު މަސީ
ފޮޓޯ: ގޫގަލް

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ވިކްރާންތު މަސީ ބުނިގޮތުގައި، އޭނާގެ ފިލްމުތައް ބޮކްސް އޮފީހުގައި ނާކާމިޔާބުވުމަށްވުރެ ބޮޑަށް އޭނާ ބިރުގަންނަނީ ފަންނީގޮތުން އެއްގޮތް މަސައްކަތްތަކެއް (ރެޕެޓިޓިވް) ކުރަން ޖެހިދާނެތީއެވެ. މިކަމުގެ ސަބަބުން އޭނާ އަބަދުވެސް މަސައްކަތް ކުރަނީ ތަފާތު ރޯލުތަކުން އަމިއްލަ ނަފުސު އަލުން ދައްކާލުމަށެވެ.

ޕީ.ޓީ.އައި އަށް ދިން އިންޓަވިއުއެއްގައި ވިކްރާންތު ބުނީ، ފިލްމެއް ނާކާމިޔާބުވުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި، ކޮންމެ މީހަކުވެސް ބޭނުންވާނީ ފައިސާ ލިބި ގިނަ ބަޔަކު ފިލްމު ބަލަން ކަމަށެވެ. ނަމަވެސް އެކްޓަރެއްގެ ހައިސިއްޔަތުން އެންމެ ބިރުވެރި ކަމަކީ އެއް ކަމެއް ތަކުރާރުކޮށް ކުރަން ޖެހުން ކަމަށް އޭނާ ފާހަގަކުރިއެވެ.

“އަހަރެން ނާކާމިޔާބީއަކަށް ބިރެއް ނުގަނޭ. ސަބަބަކީ ތަފާތު ކަންކަން ތަޖުރިބާކުރާއިރު ނާކާމިޔާބީއާ ކުރިމަތިލާން ޖެހޭނެތީ.” އޭނާ ބުންޏެވެ.

މިދިޔަ 2024 ވަނަ އަހަރު ވިކްރާންތު ވަނީ މަސައްކަތުން ހަތް މަސްދުވަހުގެ ބްރޭކެއް ނަގާފައެވެ. އޭނާ ބުނިގޮތުގައި މި ބްރޭކް ނެގީ އޭނާގެ މަސައްކަތްތައް އެއްގޮތްވާން ފަށާފައިވާ ކަމަށް އިޙުސާސް ކުރެވުމުންނެވެ. މި މުއްދަތުގައި އޭނާ ވަނީ އޭނާގެ ކުރީގެ ފިލްމުތައް ދެތިން ފަހަރު ބަލައި، އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންކަން ދަސްކޮށްފައެވެ.

އުމުރުން 39 އަހަރުގެ ވިކްރާންތު މިހާރު ތައްޔާރުވަމުންދަނީ ނެޓްފްލިކްސް އިން ރިލީޒްކުރާ އޭނާގެ އަލަތް ޕްރޮޑަކްޝަން ސީރީޒް “މުސާފިރު ކެފޭ” އަށެވެ. މީގެ އިތުރުން ރޫހާނީ ގުރޫ ސްރީ ސްރީ ރަވީ ޝަންކަރްގެ ބަޔޯޕިކް “ވައިޓް” އާއި ސަނީ ސިންގްއާއެކު “ޔާރް ޖިގްރީ” ގެ މަސައްކަތްވެސް އޭނާ ދަނީ ކުރަމުންނެވެ.

“12th ފެއިލް” އިން ނޭޝަނަލް އެވޯޑް ލިބުމަށްފަހު، ބައެއް ފަރާތްތަކުން އޭނާއަށް ލަފާދިނީ އޯ.ޓީ.ޓީ ޕްލެޓްފޯމްތަކުގައި މަސައްކަތް ނުކުރުމަށެވެ. ނަމަވެސް ވިކްރާންތު ބުނީ އޭނާ ބޭނުންވަނީ ރިސްކު ނަގައިގެންވެސް ތަފާތު ވާހަކަތައް ކިޔައިދޭން ކަމަށެވެ. “ސެކްޓަރ 36” ގައި ނެގެޓިވް ރޯލެއް ކުޅުމުންވެސް ބައެއް މީހުން އެކަމާ ދެކޮޅު ހެދި ނަމަވެސް، އޭނާ ބޭނުންވީ އެކަން ކުރަން ކަމަށް އޭނާ ބުންޏެވެ.

ވިކްރާންތު ހާމަކުރި ގޮތުގައި އޭނާގެ މަޤުސަދަކީ ހަމައެކަނި މުނިފޫހިފިލުވައިދިނުމެއް ނޫނެވެ. އޭގެ ބަދަލުގައި އަޑެއް ނެތް މީހުންގެ އަޑަކަށްވެ، މުޖުތަމައަށް ފައިދާހުރި މެސެޖުތަކެއް ފޯރުކޮށްދިނުމަކީވެސް އޭނާގެ އަމާޒެކެވެ.

މި ހިނގާ ޖުލައި މަހުގެ 24 ގައި ނެޓްފްލިކްސްއިން ދައްކަން ފަށާ “މުސާފިރު ކެފޭ” އަކީ ބޯޕާލް އަދި މުސޫރީގެ މާހައުލަށް ބިނާކޮށް އުފައްދާފައިވާ ލޯބީގެ ޑްރާމާއެކެވެ. މި ސީރީޒްގައި ވިކްރާންތުގެ އިތުރުން ވޭދިކާ ޕިންޓޯ އަދި މަހީމާ މަކްވާނާ މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top