ކުލަބް މޯލްޑިވްސްއިން ބާއްވާ އެއިޓީން ތާރޓީ އަންހެން ފުޓްސަލް މުބާރާތުގެ، ލީގު ބުރުގެ ފަހު މެޗު ކާމިޔާބުކޮށް، ދިވެހި ސިފައިންގެ ކުލަބް އެއްވަނައަށް ޖެހިލައިފި އެވެ.
ލީގު ބުރުގެ ފަހު މެޗުގައި ބައްދަލުކުރީ ބިސްބުރު ސްޕޯރޓްސް ކުލަބާއި ދިވެހި ސިފައިންގެ ކުލަބެވެ. މި މެޗަށް ނުކުތްއިރު ވެސް ބިސްބުރަށް ވަނީ ފައިނަލްގެ ފުރުސަތު ގެއްލިފައެވެ. ކުޅުނު ތިން މެޗުގެ ތެރެއިން ފުރަތަމަ މެޗުން ބަލިވި ނަމަވެސް ދެވަނަ މެޗާއި ތިންވަނަ މެޗު ކާމިޔާބުކޮށް ހަ ޕޮއިންޓާއިއެކު ލީގު ބުރުގެ ދެވަނައިގައި އޮތް، ދިވެހި ސިފައިންގެ ކުލަބަށް އެއްވަނައަށް އެރުމުގެ ފުރުސަތު އޮތީ ހުޅުވިފައެވެ.
ލީގު ބުރުގެ އެއްވަނައިގައި އޮތް ވެމްކޯއަށް ފައިނަލްގެ ޖާގަ ޔަގީންވެފައިވާއިރު މި މެޗުން މޮޅުވެއްޖެ ނަމަ ދިވެހި ސިފައިންގެ ކުލަބަށް ވެސް ވެމްކޯއާ އެއްވަރަށް ޕޮއިންޓް ލިބޭނެއެވެ. ފައިދާ ގޯލެއް ވެމްކޯގެ ނެތްއިރު، އެންމެ ލަނޑެއްގެ ތަފާތުން މޮޅުވިޔަސް ދިވެހި ސިފައިންގެ ކުލަބަށް އެއްވަނަ ލިބޭނެއެވެ.
ފަސޭހަކަމާއިއެކު ދިވެހި ސިފައިންގެ ކުލަބް ކާމިޔާބުކުރި މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ބިސްބުރުންނެވެ. 3 ވަނަ މިނިޓްގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަގްނެސް މަޓުލަޕެލްވާ އެވެ. 12 ވަނަ މިނިޓްގައި އާމިނަތު މަލްދާ ޖަހައިދިން ލަނޑުން ބިސްބުރުން ލީޑު ފުޅާކުރިއެވެ. ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތް ކުރަމުންދިޔަ ދިވެހި ސިފައިންގެ ކުލަބުން ފުރަތަމަ ލަނޑު ޖެހީ 17 ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖަހައިދިން ސުމައްޔާ މަޓްސުޝިމާ އޭގެ އިރުކޮޅެއް ފަހުން ދިވެހި ސިފައިންގެ ކުލަބަށް ނަތީޖާ ހަމަހަމަކޮށްދިނެވެ.
ފުރަތަމަ ހާފުގެ ކުޅުން މި ނަތީޖާއާއެކު ނިމުނުއިރު، ދެވަނަ ހާފުގައި ދިވެހި ސިފައިންގެ ކުލަބުން ވަނީ މެޗުގެ ކޮންޓްރޯލް ހޯދައި މޮޅު ކުޅުމެއް ދައްކާފައެވެ. 24 ވަނަ މިނިޓްގައި މައިސާ އަބްދުލް ހަންނާނުގެ ލަނޑުން ދިވެހި ސިފައިންގެ ކުލަބް ލީޑު ނެގިއެވެ. ހަމަ އެ މިނިޓްގައި ކަހަލަ ގޮތަކަށް ރާނިޔާ އިބްރާހިމް ދިވެހި ސިފައިންގެ ކުލަބަށް އިތުރު ލަނޑެއް ޖަހަދިންއިރު، އެ ލަނޑަށް ގިނައިރެއް ނުވެ ސަބީނާ ފަސްވަނަ ލަނޑު ޖަހައިދިނެވެ. ގާތްގާތުގައި ގިނަ ލަނޑުތަކެއް ފެނިގެންދިޔަ މި މެޗު ދިވެހި ސިފައިންގެ ކުލަބް ކާމިޔާބު ކުރީ 3-11 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދިވެހި ސިފައިންގެ ކުލަބަށް ފަސް ލަނޑު ޖަހައިދިން ސަބީނާ ކަތުން އެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ވެމްކޯ އާއި ދިވެހި ސިފައިންގެ ކުލަބަށް ވަނީ ނުވަ ޕޮއިންޓް ލިބިފައެވެ. ދިވެހި ސިފައިންގެ ކުލަބަށް ލީގު ބުރުގެ އެއްވަނަ ލިބުނީ ފައިދާ ލަނޑުގެ ތަފާތުންނެވެ.
މި މުބާރާތުގައި ކުރިޔަށް އޮތީ ފައިނަލް މެޗެވެ. ދިވެހި ސިފައިންގެ ކުލަބާއި ވެމްކޯ ބައްދަލުކުރާ މި ފައިނަލް މެޗު އޮންނާނީ މި މަހުގެ 23 ވަނަ ދުވަހުގެ ރެއެވެ.
