ދަތުރަށް އަރައި ހަމަޖެހިލިތާ އިރުކޮޅެއްގެ ތެރޭގައި ކެބިން ކްރޫން ވާހަކަދައްކަން ފެށިއެވެ. ފަސިންޖަރުންނާ މުޚާތަބުކޮށް ވާހަކަދައްކަން ފެށުމާއެކު ބުނީ “މޯލްޑިވިންގެ ފްލައިޓަށް މަރުޙަބާ” ކަމަށެވެ. ދެއްކި ހުރިހައި ވާހަކައެއް ދައްކައި، ދޭންޖެހޭ ބްރީފިންތައް ދީ ނިންމިއިރުވެސް، ފަސިންޖަރުންނަށް މަރުޙަބާއެއް ނުކިޔިއެވެ.
އަހަރެން މިހެން ބުނުމުން ހައިރާންވެއްޖެ ދޯ އެވެ. އެކަމަކުވެސް ކަން ހިނގީ މި ދެންނެވި ގޮތަށެވެ. ފަސިންޖަރުންނަށް މަރުޙަބާއެއް ނުކިޔައެވެ. މަރުޙަބާ ކިޔީ މޯލްޑިވިއަންގެ ފްލައިޓަށެވެ.
“މޯލްޑިވިންގެ ފްލައިޓަށް މަރުޙަބާ” – މިހެން ބުނުމުން މަރުޙަބާ އެ ކިޔެނީ ފްލައިޓަށެވެ. ފަސިންޖަރުންނަކަށް ނޫނެވެ. “މޯލްޑިވިއަންގެ މި ފްލައިޓުން ދަތުރުކުރައްވާ އެންމެހައި ދަތުރުވެރިންނަށް މަރުޙަބާ” އޭ ބުނި ނަމަ ރަނގަޅުވީހެވެ. އޭރުން މަރުޙަބާ އެ ކިޔެނީ ފަސިންޖަރުންނަށެވެ. ފްލައިޓަކަށް ނޫނެވެ.
“………… ޕްރޮގްރާމަށް މަރުޙަބާ” – މިއީ ޓީވީ އަދި ރޭޑިއޯ ޕްރޮގްރާމްތައް ހުށައަޅާ ހުށައެޅުންތެރިންވެސް ވަރަށް ގިނައިން ބޭނުންކުރާ ޖުމުލައެކެވެ. ނަމަވެސް، މި ހާލަތުގައިވެސް މަރުޙަބާ އެ ކިޔެނީ ޕްރޮގްރާމަށެވެ. ޕްރޮގްރާމްގެ ބެލުންތެރިން ނުވަތަ އަޑުއެހުންތެރިންނަކަށް ނޫނެވެ. “………… ޕްރޮގްރާމު ބައްލަވާ / އަޑުއައްސަވާ ބޭފުޅުންނަށް މަރުޙަބާ” އޭ ބުނާނަމަ ރަނގަޅުވީހެވެ. އޭރުން މަރުޙަބާ އެ ކިޔެނީ އިންސާނުންނަށެވެ.
މަރުހަބާ ކިޔަންވީ އިންސާނުންނަށެވެ. ދިރުމެއް ނެތް މަތިންދާބޯޓަކަށް ނޫނެވެ. ދިރުން ނެތް ޕްރޮގްރާމަކަށް ނޫނެވެ.
މި ލިޔުމާމެދު ކޮންމެވެސް ބަޔަކު ހިތްހަމަނުޖެހިވެސްދާނެއެވެ. އެކަމަކު މިވާހަކަވެސް ލިޔެލެވިއްޖެއެވެ. އަދި އެވެސް، ކައްދޫން މާލެއަށް ކުރި ދަތުރުމަތީގައި އިނދެގެންނެވެ.
