ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ވަކިވާކަށް ނޭދެން – ވިހިވަނަ ބައި
ފޮޓޯ: މުނިއަވަސް ގްރެފިކްސް

“ފައިސަލް. ކޮންމެ އަންހެން ކުއްޖަކަށްވެސް ކައިވެނިކުރާނެ އުމުރެއް އޮންނާނެ. އަހަރެން ބޭނުމެއް ނޫން ޒޯޔާގެ ކައިވެނި އިތުރަށް ލަސްވާކަށް.” އާފިޔާ އަސްލު ސަބަބު ހާމަނުކޮށް ބަހަނާއަކުން ހަމަޖައްސާލިއެވެ.

“ކައިވެނިކުރުވަން ތި އުޅެނީ އަހަންނާ ޒޯޔާއާ. އެހެންވީމަ މިއީ އަހަންނާ ޒޯޔާ ނިންމަންޖެހޭ ނިންމުމެއް. ދައްތަ ނިންމަންޖެހޭ ކަމެއް ނޫން.” އާފިޔާއަށް ފުރަގަސްދީގެން ހުރި ފައިސަލް އެހެން ބުނުމަށްފަހު އާފިޔާއާ ދިމާލަށް އެނބުރުނު ގޮތަށް ހުއްޓުން އެރިއެވެ. އާފިޔާ ވެސް ފަސްއެނބުރި ބަލައިލިއެވެ. ސިޓިންރޫމު ދޮރުން ތަންކޮޅެއް އެތެރެއަށް ވަންގޮތަށް ބަލަން ހުރި ޒޯޔާ ފެނުމުން އާފިޔާގެ ދެލޯ ބޮޑުވިއެވެ.

ޒޯޔާއަށް ހުރިހާ ވާހަކައެއް އިވުނީބާވައެވެ. ޒޯޔާގެ މޫނުމަތިން ފެންނަން ހުރި އަސަރުތަކުން އާފިޔާއަށް ހިންދިރުވާލެވުނެވެ. އެތައް ދުވަހެއް ވަންދެން އޭނާ ސިއްރުކުރަމުންދިޔަ ހަޤީޤަތާއި ރާވަމުންދިޔަ ކަންތައްތައް ޒޯޔާއަށް އެނގުމުން ޒޯޔާ ރުޅިއަންނާނެވަރު އޭނާއަށް އަންދާޒާ ކުރެވުނެވެ.

“ޒޯޔާ! ކޮންއިރަކު އައީ؟” ފައިސަލް ހަމަޖެހެން މަސައްކަތްކުރަމުން އެހިއެވެ. ޒޯޔާ ޖަވާބެއް ނުދިނެވެ. ބަލަހައްޓައިގެން ހުރީއެވެ. އޭނާގެ މޫނުމަތިން ހިތްހަމަނުޖެހުން ފާޅުވާން ހުއްޓެވެ.

“ދައްތާ. މިވަގުތު ޒޯޔާ އެހުރީ ވަރަށް ރުޅިއައިސްފައި. އޭނަގެ ރުޅިދެކެ އަހަރެން ވަރަށް ބިރުގަނޭ. އެހެންވީމަ އަހަރެން މިވަގުތު ދެން ގޮސްލަނީ.” ފައިސަލް އާފިޔާއަށް ބަލާލަމުން ބުނެލިއެވެ. އާފިޔާ ހިނިތުންވެލަމުން ބޯޖަހާލިއެވެ.

ފައިސަލް ދާން ހިނގައިގަތެވެ. އަދި ޒޯޔާއާ އަރައި ހަމަވެފައި ބުނެލިއެވެ. “ރުޅި މަޑުވީމަ ފޯނުކޮށްލާތި.” އެހެން ބުނުމަށްފަހު ހިނިތުންވެލަމުން ފައިސަލް ނުކުމެގެން ހިނގައްޖެއެވެ.

ފައިސަލް ގެއިން ނުކުންނަތަން ބަލަން ހުރުމަށްފަހު ޒޯޔާ އާފިޔާއާ ދިމާލަށް އެނބުރުނެވެ. އޭނާގެ މޫނުމަތިން ފެންނަން ހުރި ނުރުހުން އާފިޔާގެ ހިތުގައި ފިނިކަމެއް އުފެއްދި ނަމަވެސް އޭނާ ހުރީ އޭނާގެ ގޮތުގައެވެ.

“ޒޯޔާ! ދަރިފުޅު އައީ ކޮންއިރަކު؟” އާފިޔާ ވަރަށް ހަމަޖެހޭ ގޮތް ދައްކަމުން އެހިއެވެ.

“މަންމަ އަހަންނާ ފައިސަލްގެ ކައިވެނީގެ ކަންތައްތައް ރާވަން މާ ބިޒީވެގެން އުޅުނު ގަޑީގައި ކަމަށް ބެލެވެނީ.” ޒޯޔާގެ އަޑު ގަދައެއް ނޫނެވެ.

“އޭގެ މާނައަކީ ދަރިފުޅަށް ހުރިހާ ވާހަކައެއް އަޑުއިވުނީއޭ ދޯ؟” އާފިޔާ ބުންޏެވެ.

“މަންމާ. ކީއްވެ؟ މަންމައަށް ކިހިނެއް މިހެން ހެދޭނީ؟” ޒޯޔާ ދެރައާއި ރުޅި އެކުލެވިފައިވާ އަޑަކުން އެހިއެވެ.

“މަންމަ ކުރީ ކޮން ގޯސް ކަމެއް؟ މިއީ ދަރިފުޅުގެ މަންމައެއްނު. މަންމަ އަބަދުވެސް ވިސްނާނީ ދަރިފުޅުގެ މުސްތަޤުބަލަށް އެންމެ ރަނގަޅު ގޮތަކަށް.” އާފިޔާ މަޑުމައިތިރިކަމާއެކު ބުންޏެވެ.

ޒޯޔާ އައިސް އޭނާގެ ކޮނޑުގައި އަޅުވާފައިވާ އަތްދަބަސް ސޯފާމައްޗަށް ވައްޓާލިއެވެ. އަދި އާފިޔާގެ ކުރިމަތީގައި ހުއްޓުނެވެ.

“މަންމަ އަހަންނާމެދު ވިސްނާނަމަ..” ޒޯޔާ އެހެން ބުނެލުމަށްފަހު އާފިޔާ ފަސްދީ ތަންކޮޅެއް ދުރުގައި މަޑުކޮށްލިއެވެ.

“މަންމަ އަހަންނާމެދު ހަޤީޤަތުގައިވެސް ކަންބޮޑުވާނަމަ، އަހަރެންގެ ދިރިއުޅުމުގެ މިހާ ބޮޑު ނިންމުމެއް އަމިއްލައަކަށް ނުނިންމީސް. މަންމާ. މިއީ އަހަރެންގެ ކައިވެނީގެ ވާހަކައޭ. އެކަމަކު މިކަމުގައި އަހަރެންގެ ރުހުން އޮތްތޯ ނުވަތަ ނޫންތޯ އެނެމް ފަހަރަކުވެސް އަހާލުމަކީ މުހިންމު ކަމެއް ކަމަކަށް މަންމައަކަށް ނުފެނުނު.” ޒޯޔާގެ އަޑު ތަންކޮޅެއް ބާރުވިއެވެ.

“މާތް ﷲ އަށް ޝުކުރުހުރި! ޒޯޔާއަށް އަޑުއިވުނީ ހަމައެކަނި ކައިވެނީގެ ވާހަކަ. އިތުރު ކަމެއް ނޭނގޭ.” އާފިޔާ ފުން ނޭވައެއް ދޫކޮށްލަމުން ހިތާހިތުން ބުނެލިއެވެ.

ޒޯޔާ އާފިޔާއާ ދިމާލަށް އެނބުރުނެވެ. އަދި އައިސް އޭނާގެ ގާތަށް ހުއްޓުނެވެ.

“މަންމާ. އަހަންނަކީ ދިރިއުޅުމުގެ ނިންމުންތައް އަމިއްލައަށް ނުނިންމޭވަރުގެ ކުޑަކުއްޖެއް ނޫން. ރަނގަޅާއި ނުބައި ވަކިކުރަން އަހަންނަށް އެނގޭ. މަންމަ އަހަރެންގެ އަމިއްލަ ކަންކަން ނިންމަން ފުރުސަތު ނުދެނީ ކީއްވެ؟” ޒޯޔާ ސާބިތުކަމާއެކު އެހިއެވެ.

އާފިޔާ އެއްވެސް އެއްޗެއް ނުބުނެއެވެ. އޭނާ ބުނާނެ ބައިވަރު އެއްޗެހި ހުއްޓެވެ. ނަމަވެސް ބޭނުން ނުވާ ވާހަކައެއް ބުނެވިދާނެތީ އެއްޗެކޭ ނުބުނީއެވެ.

“އެއްދުވަހު މަންމަ ނިންމަނީ އަހަރެން ކެފޭއަށް ގޮސްގެން ނުވާނެ ކަމަށް. އަނެއް ދުވަހު ތިޔަ ނިންމަނީ އަހަރެން ފައިސަލްއާ ކައިވެނިކުރަން ޖެހޭނެ ކަމަށް.” ޒޯޔާ އިތުރުކޮށްލިއެވެ.

“ދަރިފުޅު ތި ވިސްނަނީ ގޯސްކޮށް. މަންމަ ދުވަހަކުވެސް ކަމެއް ދަރިފުޅުގެ މައްޗަށް މަޖުބޫރެއް ނުކުރަން. ހަމައެކަނި ރަނގަޅު ގޮތް އިޚްތިޔާރު ކުރުމުގައި އެހީތެރިވެދެނީ. މަންމަ ދަރިފުޅު ކެފޭއަށް ދިޔުން މަނާކުރި ދުވަހު، ދަރިފުޅަށް އެކަން މުހިންމުވާ މިންވަރު ކިޔައިދިނީމަ މަންމަ އެކަމަށް ހުއްދަ ދިނީމެއްނު. މަންމަ ބޭނުންވަނީ ހަމައެކަނި ދަރިފުޅު އުފަލުގައި ހުންނަން.” އާފިޔާ ވަރަށް އޮމާންކޮށް އޭނާގެ ވާހަކަ ހަމަޖައްސާލިއެވެ.

ޒޯޔާ ވިސްނާލިއެވެ. އާފިޔާއަށް އުންމީދެއް ލިބުނެވެ. އޭނާއަށް ވަރަށް ފަސޭހައިން ޒޯޔާގެ ބޮލަށް އޭނާ ބޭނުންވާ ވިސްނުން ވެއްދިދާނެ ކަމަށް އޭނާ ހީކުރިއެވެ. ނަމަވެސް އޭނާއަށް ނޭނގުނީ އެއީ ވޭތުވެދިޔަ އެއް އަހަރު ދުވަހު ހުރިހާ ހަނދާނެއް ގެއްލިފައިވާ ޒޯޔާ ނޫންކަމެވެ. އޭނާގެ ބައެއް ހަނދާންތައް އައިސް އަދި އާފިޔާ ދުވަހަކުވެސް ޒޯޔާގެ ހަނދާނަށް އަންނަން ބޭނުންނުވާ ހަނދާންތައް ކޮންމެވެސް ސިފައެއްގައި ޒޯޔާއަށް ވަމުންދާ ކަމެވެ.

“ދެން މިހާރު މަންމައަށް ހީވަނީ އަހަރެންގެ އުފާ އޮތީ ފައިސަލްއާ އެކުގަޔޭތަ؟” ޒޯޔާ އާފިޔާއަށް ބަލާލަމުން އެހިއެވެ.

“އާނ. ހަމައެކަނި ފައިސަލްއާއެކު.” އާފިޔާ ޔަޤީންކަމާއެކު ބުންޏެވެ. އޭނާއަށް ހީވީ ޒޯޔާގެ އޭނާގެ ވާހަކަ ޤަބޫލުކުރީ ކަމަށެވެ.

“މަންމާ. ފައިސަލްއަކީ އަހަރެންގެ ވަރަށް ގާތް އެކުވެރިއެއް. މިހާރު އަހަރެންގެ ހުރި ހަމައެކަނި އެކުވެރިޔާ. އޭނައާއެކު ވަގުތު ހޭދަކުރުމަކީ އަހަންނަށް ލިބޭ ހިތްހަމަޖެހުމެއް. އެކަމަކު އަހަރެން އޭނަދެކެ ލޯބިވޭތޯ ނޫނީ ނޫންތޯ ޚުދު އަހަންނަކަށްވެސް ނޭނގޭ. ދެން ކިހިނެއް؟” ޒޯޔާ ވާހަކަ މެދުކަނޑާލިއެވެ. އަދި ފުން ނޭވައެއް ދޫކޮށްލިއެވެ.

“މަންމާ. އަހަންނަށް އަހަރެންގެ އަމިއްލަ ނަފުސާ ބެހޭގޮތުން އެނގެނީ ކޯއްޗެއް؟ ކުރިން އަހަރެން އުޅުނީ ކިހިނެއްކަމެއް، ކުރީ ކޮން ކަންތައްތަކެއް ކަމެއް އަދި ވާހަކަދެއްކީ ކިހިނެއް ކަމެއްވެސް އަހަރެން ހަނދާނެއް ނެތް. މިފަދަ ހާލަތެއްގައި ހުރެ، މަންމަ ތި ބޭނުންވަނީ އަހަރެން އެހެން މީހަކު ދަސްކޮށް، އެމީހަކާ ކައިވެނިކުރަން. ނޫން މަންމާ. އަހަންނަކަށް ތިކަމެއް ނުވާނެ. އަހަރެންގެ މުސްތަޤުބަލަށްވުރެ މިވަގުތު އަހަންނަށް މުހިންމީ އަހަރެންގެ މާޒީ.” ޒޯޔާ ވާހަކަދައްކަމުން އަނެއްކާވެސް އާފިޔާއާ ފުރަގަސްދީ ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން ހުއްޓެވެ.

ޒޯޔާގެ ވާހަކަތަކުން އާފިޔާގެ މޫނުމައްޗަށް އަންނަމުންދިޔަ ކުލަވަރުތައް ޒޯޔާއަށް ނުފެނުނީ އެހެންވެއެވެ. މިވަގުތު އާފިޔާގެ މޫނުމައްޗަށް އަރާ ކުލަވަރުތައް ފެނުނުނަމަ ޒޯޔާއަށް އިތުރު ކަންތައްތަކެއް ވިސްނައިގަންނަން އެނގުނީހެވެ.

“މަންމާ. އަހަރެންގެ ދިރިއުޅުމުގައި ވީ ކަންތައްތައް ނޭނގި ހުރެ، މުސްތަޤުބަލުގެ ހުވަފެންތައް ދެކޭނީ ކިހިނެއް؟ އަހަރެން މިއަދު މިހުރީ ޒޯޔާއަށް ބަދަލުވީ ކިހިނެއް؟ ކެފޭއެއް ހުޅުވުމަކީ އަހަރެން ކުރީއްސުރެ ދެކެމުން އައި ހުވަފެނެއްތަ؟ ނޫނީ ކުއްލިއަކަށް ވީ ކަމެއްތަ؟ އަހަންނަށް ބައެއް ފަހަރު މިހާ ބޮޑަށް ރުޅިއާދެވެނީ ކީއްވެ؟ އާ ގުޅުންތަކެއް އުފައްދަން އަހަންނަށް އުނދަގޫވަނީ ކީއްވެ؟” ޒޯޔާގެ ކޮންމެ ސުވާލަކުން އާފިޔާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެއެވެ. ޒޯޔާ އާފިޔާއާ ދިމާއަށް އެނބުރުނެވެ.

“މަންމާ. އަދި އެނގޭތަ މިއަދު އަހަންނަށް ވީގޮތެއް؟ މިއަދު ކެފޭ ކައިރިން އަހަންނަށް ފެނުނު ގިޓައެއްގައި ގަސްތަކާނުލާ އަހަންނަށް އަތްލެވުނު. އޭގައި އަތްލެވުމާއެކު ހިތަށް ބުނެދޭން ނޭނގޭ ކަހަލަ އިޙުސާސެއް ކުރެވުނު. ހީވީ އަހަރެންގެ މާޒީގެ ސޮފުޙާއެއްގައި އަތްލެވުނުހެން. މަންމާ. އަހަރެން އަހަރެންގެ މާޒީ ހޯދަން ބޭނުން. އެ ހޯދުމުގެ ތެރޭގައި، މާޒީގައި އަހަންނާ ގުޅުމެއް އޮތް މީހަކާ ބައްދަލުވެއްޖެނަމަ، އަހަންނާ ފައިސަލްގެ ގުޅުމަށް ވާނީ ކިހިނެއް؟” ޒޯޔާ އެބުނި ވާހަކައަކުން އާފިޔާއަށް ސިހުމެއް ލިބިއްޖެއެވެ.

ގިޓައަކީ ޒޯޔާގެ މާޒީއާ ގުޅިފައިވާ ވަރުގަދަ ހަނދާނެކެވެ. އެއީ އަޔާންއޭ ކިޔުނު މުސީބާތް ޒޯޔާގެ ހިތް ފަތަހަކުރުމަށް ކޮންމެ ޚާއްސަ ދުވަހެއްގައި ބޭނުންކުރި ހަތިޔާރެކެވެ. އާފިޔާ ދަތްކުނޑި ވިކާލިއެވެ. އޭނާ އެ މާޒީއާ ޒޯޔާ ދުރަށް ގެންދަން މަސައްކަތްކުރާ ވަރަކަށް ތަޤުދީރު އޭނައާ ދެކޮޅަށް މަސައްކަތްކުރާތީއެވެ.

“ޒޯޔާ. ކުޑައިރުއްސުރެ ވެސް ތިއީ ދަރިފުޅުގެ މައްސަލައަކީ. މާ ބޮޑަށް ވިސްނުން. ނުވާ ކަންތައްތަކާމެދު ވިސްނައިގެން މިއަދުގެ އުފާވެރިކަން ތި ނަގާލަނީ ކީއްވެ؟” އާފިޔާ ކަންބޮޑުވެފައި އެހިއެވެ.

އޭނާގެ ކަންބޮޑުވުމަކީ ޒޯޔާގެ އުފާވެރިކަން ގެއްލުމެއް ނޫނެވެ. އޭނާ ސިއްރުކުރަމުންދާ ހަޤީޤަތް ޒޯޔާއަށް އެނގި ޒޯޔާ އޭނާދެކެ ރުޅިއަންނާނެތީއެވެ. ނަމަވެސް އޭނާ އެންމެ ފަހު ވަގުތާ ޖެހެންދެންވެސް އެކަން ހުއްޓައެއް ނުލާނެއެވެ. ދެވަނަ ފަހަރަށް އަޔާން ޒޯޔާގެ ދިރިއުޅުމަށް އަޔަނުދޭން ކުރެވުނު ހުރިހާ މަސައްކަތެއް އޭނާ ކުރާނެއެވެ.

“އަދި އެކަން ނުވިޔަސް، ވެދާނެއެއްނު މަންމާ؟ ވިސްނާލަބަލަ. އަހަރެން ކުރިން ލޯބިވި ނޫނީ ކައިވެނިކުރަން އުޅުނު މީހަކާ ބައްދަލުވެއްޖެއްޔާ ވާނީ ކިހިނެއް؟” ޒޯޔާ ސުވާލު އުފެދިފައި އެހިއެވެ.

“ޒޯޔާ! ތީ ކޮންކަހަލަ ސުވާލެއް؟” އާފިޔާ އެހިއެވެ.

“މަންމާ. އަހަރެން ދުވަހަކުވެސް މީހަކުދެކެ ލޯބިވިންތަ؟ މަންމަ ގާތު އެކަހަލަ ވާހަކައެއް ދެއްކިންތަ؟ ނޫނީ މަންމައާ އެއްވެސް މީހަކާ ބައްދަލުކުރުވިންތަ؟” ޒޯޔާ އޮޅުންފިލުވަން ބޭނުންވެފައި ހުރެ ޝައުޤުވެރިކަމާއެކު އެހިއެވެ.

ޒޯޔާގެ ސުވާލުތަކުން އާފިޔާގެ ހިތުގައިވާ ބިރުވެރިކަން އިތުރަށް ބޮޑުވިއެވެ. ޒޯޔާގެ ހަނދާންތައް އަންނަނީބާވައެވެ؟ ކުރިން ނުކުރާ ކަހަލަ ސުވާލުތަކެއް ކުއްލިއަކަށް ކުރަން ފެށީ ކީއްވެބާވައެވެ؟ އަދި އެހާ ސީދާކޮށް އެ ސުވާލުތައް ކުރުމުން އާފިޔާ ކަންބޮޑުވިއެވެ. އެކަން ފޮރުވުމަށް މަސައްކަތްކުރަމުން އޭނާ އަޑަށް ކުޑަ ހިތްހަމަނުޖެހުމަކާއެކު ކަންބޮޑުވުމުގެ އަސަރެއް ގެނައެވެ.

“ޒޯޔާ! ދަރިފުޅަށް ކިހިނެއްތަ ތި ވަނީ؟ ކޮންކަހަލަ ވާހަކައެއް ތި ދައްކަނީ؟ ތިކަހަލަ ކަންކަމާމެދު ވިސްނަންޏާ، ދިރިއުޅުމުގައި ކުރިއަށް ދާނީ ކިހިނެއް؟”

“އަހަންނަށްވެސް އެނގޭ މަންމާ، އެކަހަލަ ކަމެއް އޮތްނަމަ މަންމަ އަހަންނަށް ކިޔައިދޭނެކަން. އެކަމަކު ކީއްކުރާނީ މަންމާ؟ އަހަރެންގެ ހިތުގައި މިކަހަލަ ސުވާލުތައް އަބަދު އުފެދެނީ.” ޒޯޔާ އާފިޔާއަށް ބަލާލަމުން ބުނެލިއެވެ.

“ޒޯޔާ، ތިކަހަލަ އެއްވެސް ކަމެއް ނެތް. މާޒީގެ ވާހަކަތައް ދަރިފުޅަށް ކިޔައިދިނުން ޑޮކްޓަރު ވަނީ މަނާކޮށްފައި. އެކަމުގެ ސަބަބުން ދަރިފުޅު ސްޓްރެސްވެ ގެއްލުންވެދާނެތީ. އެހެންވެ މަންމަ އެއްވެސް ރިސްކެއް ނަގަން ބޭނުން ނުވަނީ. ފައިސަލްއަކީ ކުޑައިރުއްސުރެ ދަރިފުޅު ދަންނަ މީހެއް. ދަރިފުޅުގެ ހުރިހާ ކަމެއް އެނގިހުރެ، އޭނާ ބޭނުންވަނީ ދަރިފުޅާއެކު ދިރިއުޅުމެއް ފަށަން. ހުރިހާ އަންހެން ކުދިންނަކަށް އެކަހަލަ ބައިވެރިއެއް ނުލިބޭނެ. ދަރިފުޅަކީ ވަރަށް ނަސީބުގަދަ ކުއްޖެއް. އެކަމަކު މަންމަ އެއްވެސް ނިންމުމެއް ނިންމާކަށް ދަރިފުޅަށް މަޖުބޫރެއް ނުކުރާނަން. މަންމަގެ ވާޖިބަކީ ވިސްނައިދިނުން. ފައިސަލްއާ ދިމާލަށް ފުރަތަމަ ފިޔަވަޅު އަޅާނީތޯ ނޫނީ ނޫންތޯ ނިންމާނީ ދަރިފުޅު އަމިއްލައަށް.” އާފިޔާ ވަރަށް އޯގާތެރިކަމާއެކު ބުންޏެވެ.

ފަހު ވަގުތުވެސް އޭނާގެ މަޤުސަދަށް އިސްކަން ދިނެވެ. އެއްގޮތެއް ނެތިއްޔާ އަނެއް ގޮތަކުންވެސް ޒޯޔާ ރުއްސަން އޭނާ ހުރީ އަތުކުރި އޮޅާލައިގެންނެވެ. ނަމަވެސް ކުރީ ފަހަރާ ޚިލާފަށް މިފަހަރު އޭނާ އިޚްތިޔާރުކުރީ މަޑުމައިތިރިކަމެވެ. ހަރުކަށިކަމާއި އަމުރުވެރިކަމާއެކު ގޮތް ނިންމުމުން އޭނާއަށް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ. އެ އަޔާން ކުރިމަތީގައި ދަރިފުޅުގެ ފުރާނައަށްޓަކައި އާނބަސް ބުނާށެވެ. ނަމަވެސް މިފަހަރު އެހެނެއް ނުވާނެއެވެ.

ޒޯޔާ ކޮޓަރިއަށް ދާންވެގެން ސިޑިއާ ދިމާލަށް ދާން ހިނގައިގަތްއިރު މަތީގައި އެމީހުންގެ ދޭތެރޭ ދެކެވުނު ހުރިހާ ވާހަކައެއް އަޑުއަހަން މީހަކު ހުރިކަމެއް އެއިން އެކަކަށްވެސް ނޭނގެއެވެ. އެމީހާ އަވަސްއަވަހަށް އެތަނުން ދިޔައީ އޭނާ އެތާ ހުރިކަން އެނގިއްޖެނަމަ ކަންތައްތައް ވަރަށް ގޯސްވާނެކަން އެނގޭތީއެވެ.

**********

އަޔާން ގެޔަށް ދިޔައިރު އަފްޒާ އުޅެނީ ބަދިގެ ތެރޭގައި އަނެއް ދުވަހަށް ފޮނި ކާއެއްޗެއް ހަދާށެވެ.

“ތި އައީ ދޯ؟” ބަދިގެ ދޮރު ކައިރިން ހުރަސްކޮށްލި އަޔާން ފެނުމުން އަފްޒާ ބުނެލިއެވެ.

“ފަހަރި އަދިވެސް ނުނިދަނީތަ؟” އަފްޒާގެ އަޑު އިވުމުން ބަދިގެއަށް ވަންނަމުން އަޔާން އެހިއެވެ.

“ނިދާފައި އޮތްނަމަ މިތާކު ނުހުންނާނެއެއްނު.” ސަމާސާ ރާގަކަށް އަފްޒާ ބުނެލިއެވެ.

“ކޯއްޗެއް ތި ހަދަނީ؟”

“ނޭނގެ. ދެން ފާޑެއްގެ އެއްޗެއް ހަދަނީ މި ދެން އޭތިމީތި އެއްކޮށްގެން.” ހެމުން އަފްޒާ ބުނެލިއެވެ. އަޔާންވެސް ހީނލަމުން ބޯހޫރާލީ ފަހަރި ދުވަހަކުވެސް ބަދަލެއް ނުވާނެޔޭ ބުނާފަދަ ގޮތަކަށެވެ.

“އަޔާން. އެހެރަ ހަކުރު ދަޅު ނަގައިދީބަލަ.” މަތީގައި ހުރި ކަބަޑަށް އިޝާރާތް ކޮށްލަމުން އަފްޒާ ބުނެލިއެވެ.

އަޔާން އައިސް ކަބަޑުން ހަކުރު ދަޅު ނެގިތަނާ އޭނާގެ ކަނާއަތަށް ތަދެއް އެރިއެވެ. އޭނާއަށް އަނގައިން “އާހް” ގެ އަޑު ބޭރުވިއެވެ.

“އަޔާން. ކިހިނެއްވީ؟ ކަމެއްވީތަ؟” އަފްޒާ ކަންބޮޑުވެފައި އެހިއެވެ.

“ކަމެއް ނުވޭ. ކުޑަކޮށް އަތަށް ތަދުވީ.” އަޔާން ވަރަށް އާދައިގެ ގޮތަކަށް ބުންޏެވެ.

“މަޑުކުރޭ. އެބަ އަންނަން ބޭހެއް ހިފައިގެން. އެ އުނގުޅާލަނިކޮށް ރަނގަޅުވެދާނެ.” އަފްޒާ ދާން ހިނގައިގަތެވެ. އަޔާން އޭނާ ހުއްޓުވިއެވެ.

“ފަހަރީ. ކަމެއް ނުވެޔޭ. އަހަރެން ރަނގަޅޭ. މިއީ ހަމަ ކުޑަކުޑަ ތަދެއް.” އަޔާން ބުނެލިއެވެ.

“އެކަމަކު ކިހިނެއްވީ ތަދެއް؟ ބުނެބަލަ.” އަފްޒާ އެހިއެވެ.

“ރޭގައި ނިދުނު ގޮތަކުން ތަދުވެފައި ހުއްޓާ، މިއަދު އެ ފޮނި އަންހެން ކުއްޖާ ސަލާމަތްކުރަން އުޅުމުގެ ތެރޭގައި އިތުރަށް ތަދުވީ.” އަޔާން ބަދިގެއިން ނުކުންނަމުން ބުނެލިއެވެ. އަފްޒާ ވެސް އޭނާގެ ފަހަތުން އައެވެ.

“އަޔާން. މިއަދުވެސް އޭނައާ ޒުވާބުކުރީތަ؟ އެކަމަކު އަތަށް ތަދުވާވަރުގެ ކަމެއް ހިނގީ ކިހިނެއް؟” އަފްޒާ ހައިރާންވެފައި އެހިއެވެ.

“އޭނަ އުސް ތަނެއްގައި ތާށިވީ.” ހެމުންހެމުން އަޔާން ބުނެލިއެވެ.

“އުސް ތަނެއްގައޭ!؟ އެކަމަކު އޭނައަކީ އުސް ތަންތަންދެކެ ބިރުގަންނަ މީހެއްނު؟” އަފްޒާގެ ޖުމްލައިން އަފްޒާއަށް ފުރަގަސްދީގެން ހުރި އަޔާންގެ މޫނުމަތީގައިވި ހިނިތުންވުން ފަނޑުވިއެވެ.

ބުނެވުނު އެއްޗެއް އަފްޒާއަށް ރޭކާލީ ބުނެވުނު ފަހުންނެވެ. އިތުރަށް ބުނާނެ އެއްޗެއް ވިސްނަން ހުއްޓާ އަޔާން ކުއްލިއަކަށް އެނބުރި ބަލާލިއެވެ. އޭނާގެ މޫނުމަތީގައިވި އަސަރުތަކުން އަފްޒާއަށް ހިންދިރުވާލެވުނެވެ.

(ނުނިމޭ)

4
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top