ބޮލީވުޑްގެ ފަހުގެ ތަރިން ތެރެއިން އެންމެ މަޝްހޫރު ދެ އެކްޝަން ތަރިން ކަމަށްވާ ޓައިގާ ޝްރޮފާއި ވިދްޔުތު ޖަމްވަލް އެކުގައި ފެންނާނެ ވަރުގަދަ އެކްޝަން ފިލްމެއް އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ. މިއީ މި ދެ ތަރިން އެކުގައި ފިލްމަކުން ފެންނާނެ ފުރަތަމަ ފަހަރެވެ.
މި ފިލްމު ޑައިރެކްޓް ކުރުމަށް ހަމަޖެހިފައިވަނީ މަޝްހޫރު ޑައިރެކްޓަރު އަނޫބަވް ސިންހާއެވެ. އަދި މި ފިލްމު ޕްރޮޑިއުސް ކުރަނީ ޓީ-ސީރީޒްގެ ވެރިޔާ ބޫޝަން ކުމާރެވެ. މިއީ މުޅިންވެސް އެކްޝަން މަންޒަރުތަކަށް ބިނާކޮށް އުފައްދާ “އައުޓް-އެންޑް-އައުޓް” އެކްޝަން އެންޓަޓެއިނަރ އެކެވެ.
މަސްދަރުތަކުން މަޢުލޫމާތު ދޭ ގޮތުގައި، މި ފިލްމުގެ ޚިޔާލު މިހާރު ވަނީ ފައިނަލް ކުރެވިފައެވެ. އަދި ޓައިގާ އާއި ވިދްޔުތު ވެސް ވަނީ މި ފިލްމުގައި މަސައްކަތް ކުރުމަށް އެއްބަސްވެ، ފެހި ސިގްނަލް ދީފައެވެ. ޑައިރެކްޓަރު އަނޫބަވް ސިންހާގެ އަމާޒަކީ މި ދެ ތަރިންގެ ހުނަރު އެންމެ ފުރިހަމައަށް ފެނިގެންދާނެ ފަދަ ބޮޑު ފިލްމެއް ބެލުންތެރިންނަށް ގެނެސްދިނުމެވެ.
މި މަޝްރޫއާ ގާތް ފަރާތަކުން މަޢުލޫމާތު ދިން ގޮތުގައި، ފިލްމު މިހާރު އޮތީ ޕްރީ-ޕްރޮޑަކްޝަން މަރުހަލާގައެވެ. މިވަގުތު ކުރިއަށްދަނީ ފިލްމުގެ ސްކްރީންޕްލޭ ލިޔުމާއި އެކްޝަން މަންޒަރުތައް ފަރުމާކުރުމުގެ މަސައްކަތެވެ. “މި ފިލްމު ރާވަމުންދަނީ ވަރަށް ބޮޑު ފަންތިއެއްގައި. ޓައިގާ އާއި ވިދްޔުތަކީ އެކްޝަންގެ ދާއިރާގައި ތަފާތު ދެ އުސްލޫބަކަށް މަސައްކަތްކުރާ ދެ ތަރިން ކަމަށްވުމުން، އެ ދެ ތަރިން އެކުވުމުން ފިލްމަށް ވަރަށް ޝައުޤުވެރި ދިރުމެއް ލިބޭނެ.” އެ ފަރާތުން ބުންޏެވެ.
ޓައިގާ ޝްރޮފަކީ އޭނާގެ ހަލުވި ހަރަކާތްތަކާއި ނުރައްކާތެރި ސްޓަންޓްތަކަށް މަޝްހޫރު ތަރިއެކެވެ. އަނެއްކޮޅުން ވިދްޔުތު ޖަމްވަލަކީ މާޝަލް އާޓްސްގެ ހުނަރުތަކަށް ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ތަރިއެކެވެ. އެހެންކަމުން މި ދެ ތަރިންގެ ކުރިމަތިލުމެއް ނުވަތަ އެކުވުމެއް ފިލްމީ އިންޑަސްޓްރީގައި ވެގެންދާނީ ގިނަ ބަޔަކު އިންތިޒާރުކުރާނެ ކަމަކަށެވެ.
މި ފިލްމުގެ ޝޫޓިން މިއަހަރުގެ ފަހުކޮޅު ފެށުމަށް މަސައްކަތް ކުރަމުންދާއިރު، ފިލްމާ ބެހޭ އިތުރު ތަފްސީލުތައް ކުރިއަށް އޮތް ތަނުގައި ހާމަކުރާނެ ކަމަށް ބެލެވެއެވެ.
