ބޮލީވުޑްގެ މަޝްހޫރު ބިރުވެރި ފިލްމު ސިލްސިލާ “1920” ގެ ހަވަނަ ފިލްމު ކަމަށްވާ “1920: ކޯލްޑް ވިންޓަރ” އަށް ޒުވާން އެކްޓަރު އަހާން ޝެޓީ ސޮއިކޮށްފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މި ފިލްމަކީ މަޝްހޫރު ޑައިރެކްޓަރު ވިކްރަމް ބަޓް އުފައްދާ ފިލްމެކެވެ. މިއީ އަހާން ޝެޓީ ބިރުވެރި ޖޯންރާގެ ފިލްމަކުން ފެންނާނެ ފުރަތަމަ ފަހަރެވެ. “ތަޅަޕް” އިން ބޮލީވުޑަށް ތައާރަފްވި އަހާން މިހާރު މަސައްކަތް ކުރަމުންދަނީ އޭނާގެ ފިލްމީ މަސައްކަތްތައް ތަފާތު ދާއިރާތަކަށް ފުޅާކުރުމަށެވެ. އެގޮތުން މިއަހަރު ކުރީކޮޅު އޭނާ ވަނީ “ބޯޑަރ 2” އިން ވެސް ފެނިގެން ގޮސްފައެވެ.
ޚަބަރުތައް ބުނާގޮތުން މި ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އަދި ފިލްމުގެ ލީޑް ރޯލަށް މަޝްހޫރު ބަތަލާއަކު ހޯދުމުގެ މަސައްކަތް ޑައިރެކްޓަރު ވިކްރަމް ބަޓް އާއި ޕްރޮޑިއުސަރު އާނަންދު ޕަންޑިތު ދަނީ ކުރަމުންނެވެ.
މި ފިލްމުގެ ޝޫޓިންގ އަންނަ ނޮވެމްބަރު މަހު ފެށުމަށް ވަނީ ތާވަލުކުރެވިފައެވެ. ޝޫޓިންގ ފެށުމުގެ ކުރިން ފިލްމު އުފައްދާ ޓީމުން ލޮކޭޝަންތައް ބެލުމަށް ސްކޮޓްލޭންޑަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އިންޑިއާގެ ޝިމްލާގައި ވެސް ފިލްމުގެ ބައެއް މަންޒަރުތައް ނެގުމަށް ވަނީ ނިންމާފައެވެ.
2008 ވަނަ އަހަރު ފެށި “1920” ސިލްސިލާގެ ތެރޭގައި މީގެ ކުރިން “1920: އީވިލް ރިޓާންސް”، “1920: ލަންޑަން”، “1921” އަދި “1920: ހޮރޯސް އޮފް ދަ ހާޓް” ވަނީ ރިލީޒްކޮށްފައެވެ. “ކޯލްޑް ވިންޓަރ” ވެގެންދާނީ މި ސިލްސިލާގެ ހަވަނަ ފިލްމަށެވެ.
މި ފިލްމާ ބެހޭގޮތުން އަހާން ނުވަތަ ފިލްމު އުފައްދާ ފަރާތުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ. މި ފިލްމުގެ އިތުރުން އަހާން ދެން އެންމެ އަވަހަށް ފެންނާނީ ޑައިރެކްޓަރު ތިނޫ ދޭސާއީގެ ފިލްމު “ސަންކީ” އިންނެވެ.
