އއ. ތޮއްޑޫ ރިދަން އެކަޑަމީން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި 17 އަހަރުން ދަށު ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެފްއެފްއެފްއޭ އެކަޑަމީ 17 އަހަރުން ދަށު ޓީމު ހޯދައިފިއެވެ.
މި މަހުގެ 18 އިން މިއަދުގެ ނިޔަލަށް ކުރިޔަށް ގެންދިޔަ މި މުބާރާތުގައި، ރާއްޖޭގެ އެކި ސަރަހައްދުތަކުން ފަސް ޓީމެއް ބައިވެރިވެފައި ވެއެވެ. އަދި އަވަށްޓެރި ސްރީލަންކާގެ ޓީމެއް ވެސް ބައިވެރިވެފައި ވެއެވެ. މި އަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކަކީ އެފްއެފްއެފްއޭ، އުކުޅަސް ސްޕޯރޓްސް އެކަޑަމީ، ނިއު ސްޓާރ ސްޕޯރޓްސް ކުލަބް، ޔުނައިޓެޑް ވިކްޓަރީ، ރިދަން ސްޕޯރޓްސް އެކަޑަމީ އަދި ސްރީލަންކާގެ ޖެޓްލައިނާ އެކަޑަމީ އެވެ.
މި މުބާރާތް ރާވާލެވިފައިވަނީ ހަ ޓީމުގެ މެދުގައި ލީގު ބުރެއް ކުޅެ އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ޓީމަށް ސެމީ ފައިނަލުން ޖާގަ ލިބޭ ގޮތަށެވެ. ސެމީ ފައިނަލަށް ދަތުރުކުރި ޓީމުތަކަށް ބަލައިލާއިރު، އެފްއެފްއެފްއޭ އަކީ ލީގު ބުރުގެ އެއްވަނަ ޓީމެވެ. ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އެފްއެފްއެފްއޭ އާއި ބައްދަލުކުރި ނިއު ސްޓާރ ސްޕޯރޓްސް ކުލަބަކީ ލީގު ބުރުގެ ތިންވަނަ ޓީމެވެ. ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރި އުކުޅަސް ސްޕޯރޓްސް އެކަޑަމީ އާއި ޔުނައިޓެޑް ވިކްޓަރީ އެވެ. އުކުޅަސް ސްޕޯރޓްސް އެކަޑަމީ ލީގު ބުރުގެ ދެވަނަ ހޯދިއިރު، ޔުނައިޓެޑް ވިކްޓަރީ އަކީ ލީގު ބުރުގެ ހަތަރުވަނަ ޓީމެވެ.
ސެމީ ފައިނަލްގެ ފުރަތަމަ މެޗު، އެފްއެފްއެފްއޭ ކާމިޔާބުކުރީ ފަސޭހަކަމާއިއެކު 4-0 އިންނެވެ.
ސެމީ ފައިނަލްގެ ދެވަނަ މެޗުން އުކުޅަސް ސްޕޯރޓްސް މޮޅުވީ ވާދަވެރި ކުޅުމަކަށްފަހު 1-0 އިންނެވެ.
މުބާރާތުގައި އެންމެ ރަނގަޅު ކުޅުމެއް ދައްކަމުން އައި އެފްއެފްއެފްއޭ އާއި އުކުޅަސް ސްޕޯރޓްސް ވާދަކުރި ފައިނަލް މެޗު ވެގެން ދިޔައީ ވާދަވެރިކަން ބޮޑު ފޯރިގަދަ މެޗަކަށެވެ. ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގައި ލަނޑު ޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އުކުޅަސް ސްޕޯރޓްސް އަށެވެ. މެޗުގެ ކުރީކޮޅު އެފްއެފްއެފްއޭގެ އޭރިޔާތެރޭގައި ހުސްކޮށް ހުއްޓައި އުކުޅަސް ސްޕޯރޓްސްގެ ކުޅުންތެރިޔާއަށް ލިބުނު ބޯޅަ ރަނގަޅަށް ފޮނުވާލެވޭ ގޮތެއް ނުވިއެވެ.
މަޑުމަޑުން މެޗުގެ ކޮންޓްރޯލް ހޯދި އެފްއެފްއެފްއޭ އަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުން ނުކުރެވި ގޮސްފައެވެ. ގިނަ ވަގުތު އުކުޅަސް ސްޕޯރޓްސްގެ ހާފު ތެރޭގައި ކުޅުނުއިރު، އެފްއެފްއެފްއޭ ޓީމުން އުފެއްދި ހަމަލާތައް ދިފާއު ކުރުމުގައި އުކުޅަސް ސްޕޯރޓްސްގެ ކުޅުންތެރިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. އަދި އެ ޓީމުގެ ކީޕަރު ވަނީ ގިނަ ބޯޅަތަކެއް ސަލާމަތް ކޮށްފައެވެ.
މެޗުގައި ފެނުނު ހަމައެކަނި ލަނޑު އެފްއެފްއެފްއޭ އިން ކާމިޔާބުކުރީ މެޗުގެ 10 ވަނަ މިނިޓްގަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ، ޔޫތު ޗެމްޕިއަންޝިޕް 19 އަހަރުން ދަށު މުބާރާތުގެ ދެވަނަ ހޯދި ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބް ޓީމުގެ އެޓޭކްގައި މުހިންމު ދައުރެއް އަދާކުރި ޒާކީ މުޖުތަބާ ޒާހިރު އެވެ.
މި ލަނޑަށްފަހު ވެސް ރަނގަޅަށް ކުޅުނީ އެފްއެފްއެފްއޭ އިންނެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް އެ ޓީމަށް ލިބި ބޭނުން ނުކުރެވި ދިޔައިރު، އުކުޅަސް ސްޕޯރޓްސްއަށް ލިބުނު މަދު ފުރުސަތުތަކުގެ ބޭނުން އެ ޓީމަށް ވެސް ހިފިފައެއް ނުވެއެވެ. ލިބުނު ފުރުސަތުތަކުގެ ބޭނުން ދެ ޓީމަށް ވެސް ނުހިފުނު މި ހާފު ނިމުނީ މި ނަތީޖާއާއެކުއެވެ.
ދެވަނަ ހާފުގައި ވެސް ރަނގަޅަށް ކުޅުނީ އެފްއެފްއެފްއޭ އެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް މި ހާފުގައި ވެސް އެ ޓީމުން ހޯދި އެވެ. ލިބުނު ފުރުސަތު މަދު ނަމަވެސް، އުކުޅަސް ސްޕޯރޓްސް ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ހޯދާފައެވެ. އެފްއެފްއެފްއޭ އިން އެ ޓީމަށް ލިބިފައިވާ ލީޑާއިއެކު މެޗު ނިންމާލުމަށް މަސައްކަތް ކުރަމުން ދިޔައިރު، މެޗުގެ ފަހުކޮޅު އުކުޅަސް ސްޕޯރޓްސް އިން ވަނީ ގިނަ ފުރުސަތުތަކެއް ހޯދާފައެވެ. ލިބުނު ފުރުސަތުތަކުގެ ބޭނުން ދެ ޓީމުންކުރެ ޓީމަކަށް ނުހިފުނު މި މެޗު ނިމުނީ 1-0 އިން އެފްއެފްއެފްއޭ މޮޅުވެގެންނެވެ.
އެފްއެފްއެފްއޭ ޗެމްޕިއަންކަން ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ ޒާކީ މުޖުތަބާ ޒާހިރު އެވެ.
މުބާރާތުގެ އެންމެ މޮޅު 11 ކުޅުންތެރިންނަކީ އުކުޅަސް ސްޕޯރޓްސްގެ އަލާއު ބިން އާދަމް ނަސީރު، އެފްއެފްއެފްއޭގެ އަނާން އިބްރާހީމް، ޔުނައިޓެޑް ވިކްޓަރީގެ މުޙައްމަދު އައިކު އަދުދާން، އުކުޅަސް ސްޕޯރޓްސްގެ އިސްމާއިލް ޝާޒް ޝަރީފް، ނިއުސްޓާރ އެކަޑަމީގެ މޫސާ މިކިއަލް ޝަކީބް، ނިއުސްޓާރ އެކަޑަމީގެ މުޙައްމަދު ހަމީޝް ހަސަން، އެފްއެފްއެފްއޭގެ މުޙައްމަދު ޒައިދާން ޒައިން، އެފްއެފްއެފްއޭގެ އަބްދުލް ހާލިގު އާނިސް، އެފްއެފްއެފްއޭގެ ތާއިއު އަބްދުލް ހަކީމް، އުކުޅަސް ސްޕޯރޓްސްގެ ޒީކް ބިން ޝަޒްލީން އަދި އެފްއެފްއެފްއޭގެ މުޙައްމަދު ސިމްރަން ސާމިރު އެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ އުކުޅަސް ސްޕޯރޓްސްގެ އަލާއު ބިން އާދަމް ނަސީރު އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ އެފްއެފްއެފްއޭގެ މުޙައްމަދު ޒައިދާން ޒައިން އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކީ އެފްއެފްއެފްއޭގެ އަޙްމަދު ޝަރީފް އެވެ.
