މުސްކުޅިވުން ހުއްޓުވުމަށް މަސައްކަތްކުރާ މަޝްހޫރު ވިޔަފާވެރިޔާ ބްރަޔަން ޖޯންސަން، އޭނާގެ އަމިއްލަ ލޭގެ ސެލްތައް ބޭނުންކޮށްގެން ލެބޯޓްރީގައި އުފައްދާފައިވާ “ޖެނެޓިކަލީ މެޗްޑް” ސެލްތަކަކަށް “ބޭބީ ބްރަޔަން” ގެ ނަން ދިނުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތަކާއި ސުވާލުތައް އަމާޒުވެއްޖެއެވެ. މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ތަފާތު ޚަބަރުތައް ފެތުރެމުން ދިޔަ ނަމަވެސް، މިއީ އިންސާނަކު ކްލޯން ކުރުން ނުވަތަ ދިރިހުރި ތުއްތު ކުއްޖަކު އުފެއްދުން ނޫންކަން ކަމާބެހޭ މާހިރުން ވަނީ ކަށަވަރުކޮށްދީފައެވެ.
މި މަޝްރޫޢުގައި ބޭނުންކޮށްފައިވަނީ “އިންޑިއުސްޑް ޕްލޫރިޕޮޓެންޓް ސްޓެމް ސެލްސް” އެވެ. މިއީ ބޮޑެތި މީހުންގެ ހަށިގަނޑުގައި ހުންނަ ސެލްތައް، ކުޑަކުދިންގެ ނުވަތަ ތުއްތު ކުދިންގެ ހަށިގަނޑުގައި ހުންނަ ފަދަ “އެމްބްރިއޮނިކް” ފެންވަރަށް އަލުން ޕްރޮގްރާމްކޮށްގެން އުފައްދާ ސެލްތަކެކެވެ. މި ސެލްތަކަކީ ހަށިގަނޑުގެ އެކި ބާވަތްތަކުގެ ޓިޝޫތަކަށް ބަދަލުވުމުގެ ޤާބިލުކަން ލިބިގެންވާ ސެލްތަކެއް ކަމަށްވާއިރު، މިހާރު މި ސެލްތައް ބޭނުންކުރަމުންދަނީ ލެބޯޓްރީތަކުގައި ކުރެވޭ ސައިންޓިފިކް ދިރާސާތަކަށެވެ.
ޖޯންސަން މި ސެލްތަކަކީ އޭނާގެ “ތުއްތު އިސްދަރު” (ނިއުބޯރން ވާރޝަން) އެއްގެ ގޮތުގައި ސިފަކުރުމުން އާންމުންގެ މެދުގައި ވަނީ އޮޅުންބޮލުންތަކެއް އުފެދިފައެވެ. ނަމަވެސް، ސައިންސްވެރިން ހާމަކުރާ ގޮތުގައި މިއީ ހަމައެކަނި އަލުން ޕްރޮގްރާމް ކުރެވިފައިވާ ސެލްތަކަކާއި ޓިޝޫގެ މޮޑެލްތަކެކެވެ. މިއީ މުޅިން ވަކި އިންސާނެއް ނޫނެވެ.
ޖޯންސަންގެ ދުރު ރާސްތާ އަމާޒަކީ މި ސެލްތައް ބޭނުންކޮށްގެން އޭނާގެ ހަށިގަނޑުގެ ގުނަވަންތައް (މިސާލަކަށް ފުރަމޭ، ކިޑްނީ އަދި ފުއްޕާމޭ) މަރާމާތު ކުރުމަށްޓަކައި ޓިޝޫތައް އުފެއްދުމާއި ތަފާތު ފަރުވާތައް ތަޖުރިބާ ކުރުމެވެ. އެހެންނަމަވެސް، ލެބޯޓްރީގައި މިފަދަ ފުރިހަމަ ގުނަވަންތައް އުފެއްދުމަކީ އަދިވެސް ތަޖުރިބާގެ މަރުހަލާގައި އޮތް ކަމެކެވެ.
މި މަޝްރޫޢާ ގުޅިގެން އަޚްލާޤީ ގޮތުން ގިނަ ކަންބޮޑުވުންތަކެއް ވަނީ ފާޅުކޮށްފައެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި ޖޯންސަން ބޭނުންކުރާ ބަސްމަގުގެ ސަބަބުން، ހަޤީޤީ ސައިންސާއި އާންމުންގެ ސަމާލުކަން ހޯދުމަށް ދައްކާ ވާހަކަތަކާ ދެމެދު އޮންނަ ފަރަގު އޮޅިގެންދެއެވެ. ނަމަވެސް، މިކަމަށް ތާއީދުކުރާ ފަރާތްތަކުން ދެކޭ ގޮތުގައި މިއީ ކޮންމެ މީހަކަށް ވަކިން ދެވޭ ޚާއްސަ ބޭސްވެރިކަން (ޕާރސަނަލައިޒްޑް މެޑިސިން) ކުރިއެރުވުމަށް ލިބޭ ބޮޑު ފުރުސަތެކެވެ.
އިސްލާމްދީނުގައި ބަލިތަކަށް ފަރުވާ ހޯދުމާއި، ބޭސްވެރިކަމުގެ އިލްމު ކުރިއެރުވުމަށް ބާރުއަޅުއްވައެވެ. މިއީ އިންސާނާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ މަތިވެރި މަޤުސަދުތަކުގެ (މަޤާޞިދުއް ޝަރީޢާ) ތެރޭގައި ހިމެނޭ ކަމެކެވެ. ސްޓެމް ސެލް ބޭނުންކޮށްގެން ބަލިތަކަށް ފަރުވާ ހޯދުމާއި ދިރާސާކުރުމަކީ، އަޚްލާޤީ މިންގަނޑުތަކުގެ ތެރެއިން އަދި އިންސާނީ ކަރާމާތަށް އުނިކަން ނުލިބޭނެހެން ކުރެވޭނަމަ ހުއްދަ ކަމެއްގެ ގޮތުގައި ބެލެވިދާނެއެވެ. ނަމަވެސް، ފުރިހަމަ އިންސާނަކު ކްލޯން ކުރުމަކީ ނުވަތަ ﷲ ހެއްދެވި ގޮތް (ފިޠުރަތު) ބަދަލުކުރުމަށް މަސައްކަތް ކުރުމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން މަނާކުރައްވާފައިވާ ކަމެކެވެ.
ޖޯންސަންގެ މި މަޝްރޫޢަކީ ފުރިހަމަ އިންސާނަކު އުފެއްދުމުގެ ބަދަލުގައި، ސިއްޙީ ފައިދާއަށްޓަކައި ސެލްތައް ދިރާސާކުރުން ކަމަށްވާތީ، ގިނަ އިލްމުވެރިންގެ ނަޒަރުގައި މިއީ ހުއްދަ ދާއިރާގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެހެންނަމަވެސް، މިފަދަ ކަންކަމުގައި ދީނީ އަދި އަޚްލާޤީ އިމުން ބޭރުނުވުމަށާއި، ދެފުށް ފެންނަ ގޮތަށް އަމަލުކުރުމަށް ސަމާލުކަން ދޭންޖެހެއެވެ.
މިއީ އިންސާނަކު ކްލޯން ކުރުން ކަމުގައި ނުވި ނަމަވެސް، މި ބަހުސުން ހާމަވަނީ ހަލުވިކަމާއެކު ކުރިއަރަމުންދާ ސައިންސީ ހޯދުންތަކުގެ ސަބަބުން އާންމުންގެ ވިސްނުމަށާއި، އަޚްލާޤީ އަދި ދީނީ މިންގަނޑުތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކެވެ.
