އަހަރެން މިއަދު ނިދިން ހޭލިއިރު ކަރުތެރޭގައި ކޮންމެވެސް އެއްޗެއް އޮތްހެން ހީވިއެވެ. ނޭވާލާން އުނދަގޫހެން ހީވިއެވެ. ހިންދިރުވަން އުނދަގޫވިއެވެ. ކޮށިއަރާގޮތް ވާންފެށިއެވެ. ވާހަކަދައްކަން އުނދަގޫވިއެވެ. ރީތިކޮށް ވާހަކައެއް ނުދެއްކުނެވެ. އަޑަށް ހުރީ ބަދަލެއް އައިސްފައެވެ. ވިސްނައިލުމުން އެނގުނީ މިއީ މީގެ ކުރިންވެސް އަހަންނަށް ދިމާވި ކަމެއް ކަމެވެ. އެފަހަރު ހީވީ އަނގަތެރޭގައި ރިބަން ގަނޑެއް އޮތް ހެންނެވެ. ލޯގަނޑުން ބަލައިލުމުން ފެނުނީ ގާތްގަނޑަކަށް ބޮޑުދުލުގެ ކޮޅާ ހަމައަށް ނުކުމެފައިވާ ތުނިތުނި އެއްޗެކެވެ. ޑޮކްޓަރަށް ދެއްކުމުން ސާފުވީ އެއީ ކުޑަދޫ ދިގުވެފައި ވަނީ ކަމަށެވެ. ސަބަބަކަށް ވީ އަހަރެން ނިދުމުގެ ކުރިން ކޭ ބޭހަކަށް އެލާޖިކް ވެގެން ވީ ކަމަކަށެވެ.
ކުޑަދޫ ދިގުވެ ދުލުގައި ޖެހުން: ސަބަބުތަކާއި، އަލާމާތްތަކާއި، އަދި ފަރުވާ
ކަރުތެރޭގެ ފަހަތުގައި ރަނގަބީލެއްގެ ބައްޓަމަށް އެލިފައި އޮންނަ މަޑު މަސްކޮޅު ނުވަތަ ކުޑަދުލަކީ ވާހަކަދެއްކުމުގައާއި ކަރުތެރެ ތެތްކޮށް ބެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. އަނގައިގެ ދުޅަހެޔޮކަމާ ބެހޭގޮތުން ވާހަކަދައްކާއިރު ގިނަ ފަހަރަށް ކުޑަދުލަށް މާބޮޑު ސަމާލުކަމެއް ނުދެވުނު ކަމުގައިވިޔަސް، ކުޑަދޫ ދިގުވުން ފަދަ ކަންކަމަކީ އިންސާނާގެ ދިރިއުޅުމުގެ އަރާމާއި ދުޅަހެޔޮކަމަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރުވާ ކަމެކެވެ. މި ލިޔުމުގައި ކުޑަދޫ ދިގުވުމުގެ ސަބަބުތަކާއި، ފެނިދާނެ އަލާމާތްތަކާއި، ފަރުވާގެ ގޮތްތަކާއި، ބަލި ދެނެގަންނާނެ ގޮތްތަކުގެ އިތުރުން ބަލިން ފަސޭހަވާނެ މުއްދަތުގެ މައްޗަށް ބަލާލާނަމެވެ.
ކުޑަދޫ ދިގުވުމަށް މެދުވެރިވާ ސަބަބުތައް
ކުޑަދޫ ދިގުވުމަށް މެދުވެރިވާ ތަފާތު ސަބަބުތަކުގެ ތެރޭގައި އުފަންވީއިރު ހުންނަ ސިފަތަކާއި، ދިރިއުޅުމުގެ އާދަކާދަތަކާއި، އަދި ތިމާވެށީގެ އެކި ކަންކަން ހިމެނެއެވެ:
👅 އިންފެކްޝަންތައް: ބެކްޓީރިއާ ނުވަތަ ވައިރަހުގެ ސަބަބުން ޖެހޭ އިންފެކްޝަންތަކުގެ ސަބަބުން ކުޑަދޫ ދުޅަވެ ވަގުތީގޮތުން ދިގުވެއެވެ.
👅 އެލާޖީވުން: އެލާޖީގެ ސަބަބުން ކަރުތެރޭގެ އެކި ބައިތައް ދުޅަވާއިރު، އޭގެ ތެރޭގައި ކުޑަދޫ ހިމެނެއެވެ.
👅 ހަށިގަނޑުން ފެންމަދުވުން: ހަށިގަނޑުން ފެންމަދުވުމަކީ ކުޑަދޫ ފަސޭހައިން ހިރުވައި ދުޅަވުމަށް މެދުވެރިވާ ކަމެކެވެ. މީގެ ސަބަބުން ކުޑަދޫ އާދަޔާ ހިލާފަށް ދިގުވެފައި ހުންނަހެން ހީވެއެވެ.
👅 ގިނައިރު ގުގުރިދެމުން ނުވަތަ ނިދީގައި ނޭވާލާން އުނދަގޫވުން (ސްލީޕް އެޕްނިއާ): މިފަދަ ކަންކަމުގެ ސަބަބުން ތަކުރާރުކޮށް ކުޑަދޫ ހިރުވައި ދުޅަވުމަށް މެދުވެރިވެ، ދުވަސްވުމުން ކުޑަދޫ ދިގުވެއެވެ.
👅 އާއިލީގޮތުން ވާރުތަވާ ސިފައެއްގެ ގޮތުގައި ހުރުން: ބައެއް މީހުންނަކީ އުފަންވީއިރުވެސް ވާރުތަވާ ސިފައެއްގެ ގޮތުން ކުޑަދޫ ދިގުކޮށް ހުންނަ މީހުންނެވެ.
ކުޑަދޫ ދިގުވުމުގެ އަލާމާތްތައް
ކުޑަދޫ ދިގުވުމުގެ ސަބަބުން ފެންނަ އަލާމާތްތައް ބަލީގެ ބޮޑުމިނަށާއި ދިމާވާ ސަބަބުގެ މައްޗަށް ބިނާވެގެން ތަފާތުވެއެވެ. އޭގެ ތެރޭގައި ހިމެނެނީ:
👅 ކަރުތެރޭގައި އެއްޗެއް ތާށިވެފައި ހުންނަހެން ހީވުން.
👅 އޮށޯވެ އޮންނައިރު ކަރުގައި އެއްޗެއް އަޅައިގަންނަހެން ހީވުން ނުވަތަ ނޭވާ ހާސްވާ ގޮތްވުން.
👅 ކާބޯތަކެތި ދިރުވަން އުނދަގޫވުން.
👅 ގުގުރިދެމުން.
👅 އަޑަށް ބަދަލު އައުން.
👅 ކަރުގައި ރިއްސުން.
ބަލި ދެނެގަތުން
ކުޑަދޫ ދިގުވެފައި ހުރިތޯ ބަލަނީ އާންމުކޮށް ޑޮކްޓަރުން ކަރުތެރެ ބަލައިގެންނެވެ. މިގޮތުން ބައްލަވާއިރު، އަލިކުރާ ބައްތިއާއި ދޫ ތިރިކުރާ އާލާތެއް ބޭނުންކޮށްގެން ކަރުތެރެއާއި ކުޑަދޫ ވަރަށް ރަނގަޅަށް ބަލާނެއެވެ. މީގެ އިތުރުން، ބަލިމީހާގެ ފަރާތުން ފެންނަ އަލާމާތްތަކާއި، ސިއްހީ ތާރީޚާއި، އަދި އެލާޖީއެއް ފަދަ ކަމަކަށް ހުށަހެޅިފައިވޭތޯ ޑޮކްޓަރު ސުވާލުކުރާނެއެވެ. ބައެއް ހާލަތްތަކުގައި އިންފެކްޝަނެއް ނުވަތަ އެލާޖީއެއް ހުރިތޯ ޔަގީންކުރުމަށް ކަރުން ސާމްޕަލް ނަގައިގެން ޓެސްޓުކުރުން ފަދަ ކަންކަން ކުރެއެވެ.
ފަރުވާކުރުން
ކުޑަދޫ ދިގުވުމަށް ދެވޭ ފަރުވާ ބިނާވަނީ އެކަން މެދުވެރިވި އަސްލު ސަބަބުގެ މައްޗަށެވެ:
👅 އިންފެކްޝަންތައް: ބެކްޓީރިއާ ނުވަތަ ވައިރަސް އިންފެކްޝަނެއް ނަމަ، އެންޓިބަޔޮޓިކް ނުވަތަ އެންޓިވައިރަލް ބޭސް ބޭނުންކުރަން ޖެހިދާނެއެވެ.
👅 އެލާޖީވުން: އެލާޖީއަށް ދޭ ބޭސްތައް ބޭނުންކުރުމުން ދުޅަ ތިރިވުމަށް އެހީތެރިވެދެއެވެ.
👅 ފެންމަދުވުން: ގިނައިން ފެނާއި ދިޔާ ތަކެތި ބޭނުންކުރުމަށް އިރުޝާދު ދެވެއެވެ.
👅 ގުގުރިދެމުން ނުވަތަ ނިދީގައި ނޭވާލާން އުނދަގޫވުން: ދިރިއުޅުމުގެ އާދަކާދައަށް ބަދަލު ގެނައުން (މިސާލަކަށް: ބަރުދަން ލުއިކުރުން ނުވަތަ އަރިަކަށް އޮވެ ނިދުން). ބަލި ބޮޑުނަމަ ‘ސީ-ޕެޕް’ މެޝިން ބޭނުންކުރުން ނުވަތަ އޮޕަރޭޝަނެއް ކުރަން ޖެހިދާނެއެވެ.
👅 އޮޕަރޭޝަންކޮށްގެން ކުޑަދޫ ކުޑަކުރުން: ކުޑަދޫ ދިގުވުމުގެ ސަބަބުން ވަރަށް ބޮޑަށް އުނދަގޫވާނަމަ ނުވަތަ ނޭވާ ހާސްވާނަމަ، އޮޕަރޭޝަނެއް ކޮށްގެން ކުޑަދުލުން ބައެއް އުނިކުރެވިދާނެއެވެ.
ބަލިން ފަސޭހަވުން
ކުޑަދޫ ދިގުވުމަކީ އާންމުކޮށް ރަނގަޅު ފަރުވާއެއް ދެވިއްޖެނަމަ އަވަހަށް ފަސޭހަވާ ކަމެކެވެ. ދެވޭ ފަރުވާތަކަކީ އަލާމާތްތައް ކުޑަކުރުމަށާއި އިތުރު މައްސަލަތައް ދިމާވުން ހުއްޓުވުމަށް ވަރަށް ފައިދާހުރި ފަރުވާތަކެކެވެ.
ބަލިން ފަސޭހަވާން ނަގާ މުއްދަތު
ބަލިން ފަސޭހަވާން ނަގާ މުއްދަތު ބިނާވަނީ ފަރުވާ ދެވޭ ގޮތެއްގެ މައްޗަށެވެ. އާދައިގެ އިންފެކްޝަނެއް ނުވަތަ އެލާޖީއެއް ނަމަ، އެކަށީގެންވާ ބޭސް ބޭނުންކުރުމުން މަދު ދުވަސްކޮޅެއްގެ ތެރޭގައި ނުވަތަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރަނގަޅުވެއެވެ. ނަމަވެސް އޮޕަރޭޝަނެއް ކޮށްފިނަމަ، މުޅިން ފަސޭހަވާން މަދު ހަފުތާކޮޅެއް ނަގާފާނެއެވެ. މި މުއްދަތުގައި ކަރުގައި ރިއްސުމާއި ކެއުމުގައި ވަކި ކަހަލަ ތަކެއްޗެއް ބޭނުންކުރަން ޖެހުން ފަދަ ކަންކަން ދިމާވެދާނެއެވެ.
ޚުލާސާކޮށް ދަންނަވާނަމަ، ކުޑަދޫ ދިގުވުމަކީ އުނދަގޫތަކެއް ކުރިމަތިވާ ކަމެއް ނަމަވެސް، މިއީ އެކަށީގެންވާ ފަރުވާ ދީގެން ރަނގަޅު ކުރެވޭނެ ކަމެކެވެ. މިކަން މެދުވެރިވާ ސަބަބުތަކާއި ފަރުވާގެ ގޮތްތައް ދެނެގަތުމަކީ، ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދައި ބަލި މެނޭޖުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.
