ދިވެހި ބެލުންތެރިންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ “ހުވާ” ސިލްސިލާގެ ތިންވަނަ ސީޒަންގެ ފުރަތަމަ ޕޯސްޓަރު، މިރޭގެ ވަގުތެއްގައި ބައިސްކޯފުން ރަސްމީކޮށް ދައްކާލައިފިއެވެ.
ޑިޖިޓަލް ސްޓްރީމިންގ ޕްލެޓްފޯމް ކަމަށްވާ “ބައިސްކޯފު” ގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި މިރޭ އާންމުކުރި މި ޕޯސްޓަރާއެކު ޖަހާފައިވާ ކެޕްޝަން ގައި ބުނެފައިވަނީ “ކަމިން ސޫން” ނުވަތަ ވަރަށް އަވަހަށް މި ސީޒަން ބެލުންތެރިންނާ ހަމައަށް އަންނާނެ ކަމަށެވެ. މިއީ މި ސިލްސިލާގެ އާ ސީޒަނެއްގެ އިންތިޒާރުގައި ތިބި ގިނަ ބަޔަކަށް ލިބުނު ވަރަށް އުފާވެރި ޚަބަރެކެވެ.
ކާމިޔާބު ޕްރޮޑިއުސަރު ފާތިމަތު ނަހުލާ ޕްރޮޑިއުސްކުރާ މި ސިލްސިލާގެ ތިންވަނަ ސީޒަން ޑައިރެކްޓްކުރީ ހުނަރުވެރި ޑައިރެކްޓަރު އާއިޝަތު ރިޝްމީއެވެ. މި ފަހަރުގެ ސީޒަނުން ވެސް ރާއްޖޭގެ ފިލްމީ ދާއިރާގެ މަޤުބޫލު ތަރިން ކަމަށްވާ މަރިޔަމް އައްޒަ އާއި އާމިނަތު ރިޝްފާ އަދި ވޭތުވެދިޔަ 2 ސީޒަންގައި ފެނިގެން ދިޔަ އިތުރު ފަންނާނުންތައް ފެނިގެންދާނެއެވެ.e>
“ހުވާ” އަކީ އާއިލީ މައްސަލަތަކާއި، ލޯތްބާއި، ކެހިވެރިކަމުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ވަރަށް އަސަރުގަދަ ޑްރާމާ ސިލްސިލާއެކެވެ. ކުރީގެ ސީޒަންތަކަށް ލިބުނު ބޮޑު ތަރުހީބާއެކު، އާ ޑައިރެކްޓަރަކާއެކު ގެނެސްދޭ މި ސީޒަނަކީ ކުރިއަށްވުރެ ވެސް ފޯރިގަދަ އަދި ފެންވަރު ރަނގަޅު އުފެއްދުމަކަށް ވާނެކަމަށް ފިލްމީ ދާއިރާގެ މީހުން ލަފާކުރެއެވެ.
View this post on Instagram
ބައިސްކޯފުން އަދި މި ސިލްސިލާ ދައްކަން ފަށާނެ ސީދާ ތާރީޚެއް ހާމަކޮށްފައި ނުވި ނަމަވެސް، މިރޭ ޕޯސްޓަރު އާންމުކުރުމާއެކު ސިލްސިލާގެ ޕްރޮމޯޝަނަލް މަސައްކަތްތައް މިވަނީ ރަސްމީކޮށް ފެށިފައެވެ. އާ ސީޒަން ވަރަށް އަވަހަށް ބައިސްކޯފު އެޕްލިކޭޝަން މެދުވެރިކޮށް ބަލާލެވޭނެއެވެ.
