އަޅުގަނޑުމެން ބޭނުންކުރާ ބަސްތަކަކީ އަޅުގަނޑުމެން ހީކުރާ ވަރަށްވުރެ ބާރުގަދަ އެއްޗެކެވެ. އެކަކަށް އާދައިގެ ބަހަކަށް ވެދާނެ ބަހެއް، އަނެކާއަށް އިހުމާލުވުން ނުވަތަ އިޙުތިރާމު ކުޑަކުރުން ކަމުގައި ވެދާނެއެވެ. މުއާމަލާތްކުރުމާ ބެހޭ މާހިރުން ފާހަގަކުރާ ގޮތުގައި، މަސައްކަތުގެ މާހައުލުގައާއި އާއިލީ ގުޅުންތަކުގައި ޖެހޭ ގިނަ މައްސަލަތަކަކީ ނުބައި ނިޔަތެއް އޮވެގެން ދިމާވާ ކަންކަމަށްވުރެ ބޮޑަށް، ބަސްތައް މާނަކުރެވޭ ގޮތުން ދިމާވާ ކަންކަމެވެ. އެހެންކަމުން، އެހެން މީހުންނަށް ނޭދެވޭ އަސަރެއް ކޮށްފާނެ ބައެއް ބަސްތަކަށް ސަމާލުވުމަކީ ދުޅަހެޔޮ ގުޅުމެއް ބޭއްވުމަށް މުހިންމު ކަމެކެވެ. ތިރީގައި މިވަނީ މަސައްކަތުގެ މާހައުލުގައި ބޭނުންކުރުމުން ނޭދެވޭ އަސަރުކޮށްފާނެ ފަސް ބަހަކާއި، އެ ބަސްތަކުގެ ބަދަލުގައި ބޭނުންކުރެވިދާނެ ރީތި ގޮތްތަކެވެ.
1 – “ހަމަޖެހޭ” ނުވަތަ “މައިތިރިވޭ”
މިއީ ވާހަކަދައްކާއިރު މަސްލަހަތު އިތުރަށް ގޯސްވާން ދިމާވާ އެންމެ އާންމު އެއް ބަހެވެ. މި ބަސް ބޭނުންކުރާ މީހާގެ މަޤުސަދަކީ މަސްލަހަތު ފިނިކުރުން ކަމުގައި ވިޔަސް، އަނެކާއަށް އިޙުސާސް ކުރެވެނީ އޭނާގެ ޝުއޫރުތަކަށް ޤަދަރު ނުކުރާ ކަމަށެވެ. މީގެ ބަދަލުގައި “ތިޔަ ކަމާ ތިބާ ވަނީ ކަންބޮޑުވެފައިކަން އަހަންނަށް އެނގޭ” ނުވަތަ “މި މައްސަލައާ ބެހޭގޮތުން އަހަރެމެން މަޝްވަރާ ކުރަމާ ހިނގާ” ފަދަ ބަސްތައް ބޭނުންކުރުން ރަނގަޅެވެ.
2 – “ގޯސް އެއްޗެކޭ ހީނުކުރާތި، އެކަމަކު..”
މި ބަސް ބޭނުންކުރުމުން އަނެކާއަށް އިޙުސާސް ކުރެވެނީ ދެން އަންނަން އުޅެނީ ފާޑުކިޔުމެއް ނުވަތަ ހިތްހަމަނުޖެހޭ ވާހަކައެއް ކަމަށެވެ. އަދި ބަސް ބޭނުންކުރާ މީހާ އަމިއްލައަށްވެސް އެ ބުނަން އުޅެނީ އަނެކާ ހިތްހަމަނުޖެހޭނެ ވާހަކައެއްކަން ޤަބޫލުކުރާކަން މީގެން ދޭހަވެއެވެ. އެހެންކަމުން، މިފަދަ ބަސްތައް ބޭނުންކުރުމުގެ ބަދަލުގައި ބުނަން އުޅޭ ވާހަކައެއް އިޙުތިރާމާއެކު ސީދަލަށް ބުނުން މާ ބުއްދިވެރިއެވެ.
3 – “ވާނީ އެހެން” ނުވަތަ “ކުރާނެ ކަމެއް ނެތް”
މިއީ ބައެއް ހާލަތްތަކުގައި ޤަބޫލުކުރަންޖެހޭ ހަޤީޤަތަކަށް ވިޔަސް، މީހަކު އޭނާގެ މައްސަލައެއް ނުވަތަ ދެރަވި ކަމެއްގެ ވާހަކަ ދައްކާއިރު މިހެން ބުނުމަކީ އަޅާނުލާކަން ދޭހަވާ ކަމެކެވެ. މީގެ ބަދަލުގައި އަނެކާއަށް އަޅާލާކަން ހާމަކުރުމަށް “މިއީ ވަރަށް އުނދަގޫ ކަމެއްކަން އެނގޭ” ނުވަތަ “އުއްމީދު ކުރަނީ މިކަން ރަނގަޅުވާނެ ކަމަށް” ފަދަ ބަސްތައް ބޭނުންކުރެވިދާނެއެވެ.
4 – “ކަލޭ އަބަދުވެސް…” ނުވަތަ “ކަލޭ ދުވަހަކުވެސް…”
“ކަލޭ އަބަދުވެސް ހަނދާން ނެތޭ” ނުވަތަ “ކަލޭ ދުވަހަކުވެސް އަޑެއް ނާހާ” ފަދަ މުޅި މީހާއަށް ނިސްބަތްކޮށް ބުނާ ބަސްތަކުން އެއްވެސް މައްސަލައެއް ހައްލެއް ނުވެއެވެ. މިފަދަ ބަސްތަކުން އަނެކާ އަމިއްލަ ނަފުސު ދިފާޢުކުރަން މަސައްކަތްކޮށް، ގުޅުން ގޯސްވެއެވެ. އޭގެ ބަދަލުގައި ވަކި ހާލަތަކަށް ނިސްބަތްކޮށް “މިއަދު ވާހަކަދެއްކިއިރު އަހަރެން ދެއްކި ވާހަކަ އަޑުއިވުނުހެން ހިއެއްނުވޭ” ފަދަ ގޮތަކަށް ބުނުން މާ ރަނގަޅެވެ.
5 – “އެންމެ ރަނގަޅު” ނުވަތަ “ކޮންމެ ގޮތެއްވިޔަސް ވަރިހަމަ”
ވާހަކަދައްކަމުންދާއިރު ފަރުވާކުޑަ ގޮތަކަށް މިފަދަ ބަސްތައް ބޭނުންކުރުމަކީ އިޙުތިރާމު ކުޑަކުރުމާއި، ޝައުޤުވެރިކަން ނެތްކަން ހާމަކޮށްދޭ ކަމެކެވެ. މިއީ މަސައްކަތުގެ މާހައުލުގައި ވަރަށް ނޭދެވޭ މަސްލަހަތެއް އުފައްދާ ކަމެކެވެ. މިފަދަ ބަސްތަކުގެ ބަދަލުގައި “މި ވާހަކަ ފަހުން ކުރިއަށް ގެންދަމާ” ނުވަތަ “މިކަމާމެދު ވިސްނާލަން އަހަންނަށް ވަގުތުކޮޅެއް ބޭނުންވޭ” ފަދަ ބަހެއް ބޭނުންކުރުން މާ ރީއްޗެވެ.
މުއާމަލާތްކުރުމުގެ އުސޫލުތައް އެކި މީހުންގެ މެދުގައި ތަފާތުވެދާނެއެވެ. ނަމަވެސް، މަތީގައިވާ ކަންކަމަށް ސަމާލުކަން ދިނުމަކީ މަސައްކަތުގެ މާހައުލުގައާއި އާންމު ދިރިއުޅުމުގައި އެހެން މީހުންނާ އޮންނަ ގުޅުން ބަދަހިވެ، ކުރެވޭ މުއާމަލާތްތަކަކީ ފައިދާހުރި މުއާމަލާތްތަކަކަށް ހެދުމަށް އެހީތެރިވެދޭނެ ކަމެކެވެ.
