ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ވަކިވާކަށް ނޭދެން – އެކާވީސްވަނަ ބައި
ފޮޓޯ: މުނިއަވަސް ގްރެފިކްސް

“އޭނަ އުސް ތަނެއްގައި ތާށިވީ.” ހެމުންހެމުން އަޔާން ބުނެލިއެވެ.

“އުސް ތަނެއްގައޭ!؟ އެކަމަކު އޭނައަކީ އުސް ތަންތަންދެކެ ބިރުގަންނަ މީހެއްނު؟” އަފްޒާގެ ޖުމްލައިން އަފްޒާއަށް ފުރަގަސްދީގެން ހުރި އަޔާންގެ މޫނުމަތީގައިވި ހިނިތުންވުން ފަނޑުވިއެވެ.

ބުނެވުނު އެއްޗެއް އަފްޒާއަށް ރޭކާލީ ބުނެވުނު ފަހުންނެވެ. އިތުރަށް ބުނާނެ އެއްޗެއް ވިސްނަން ހުއްޓާ އަޔާން ކުއްލިއަކަށް އެނބުރި ބަލާލިއެވެ. އޭނާގެ މޫނުމަތީގައިވި އަސަރުތަކުން އަފްޒާއަށް ހިންދިރުވާލެވުނެވެ.

“ފަހަރިއަށް ތިކަން އެނގުނީ ކިހިނެއް؟” އަޔާން އަފްޒާގެ މޫނަށް ބަލަން ހުރެ އެހިއެވެ.

“އަހަރެން އުސް ތަންތަން ދެކެ ވަރަށް ބިރުގަނޭ. ގިނަ އަންހެން ކުދިންނަކީ އުސް ތަންތަން ދެކެ ބިރުގަންނަ ބައެއް. އެކުއްޖާވެސް ބިރުގަންނާނެ ކަމަށް އަހަރެން ލަފާކޮށްލީ.” އަފްޒާ ބަދިގެއާ ދިމާލަށް ހިނގައިގަންނަމުން ބުނެލިއެވެ. އަޔާންވެސް ފަހަތުން ދިޔައެވެ.

“ފަހަރީ. ކޯއްޗެއްތަ ކާން ހުރީ މިރޭ؟ ވަރަށް ބަނޑުހައިވެއްޖެ.” އަޔާން ބަނޑުގައި އަތް ހާކާލަމުން ބުނެލިއެވެ.

“ހުންނާނެ ފްރައިޑް ރައިސް. ދޭ ފްރެޝް ވެލައިގެން އަންނަން.” އަފްޒާ އަޔާންގެ ކޮނޑުގައި އަތް ޖައްސާލަމުން ވަރަށް ލޯބިން ބުނެލިއެވެ.

އަޔާން އޭނާގެ ކޮޓަރިއަށް ދާން ހިނގައިގަތުމުން އަފްޒާއަށް ފުން ނޭވައެއް ބޭރުކޮށްލެވުނެވެ. ނަމަވެސް އޭނާ ހުރީ ހިތުގެ އަޑިން ވަރަށް އުފާވެފައެވެ. އަޔާންއާއި ޒޯޔާގެ ގުޅުން ރަނގަޅުވަމުން އަންނަހެން އޭނައަށް ހީވާތީއެވެ.

**********

ޒޯޔާ ކޮޓަރިއަށް ވަންއިރު ރަފިއްޔާ ޒޯޔާގެ ކޮޓަރީގައި އޭނާގެ ފޮތްތައް ތަރުތީބުކުރަން ހުއްޓެވެ. ފޮތްތައް ތަރުތީބުކުރަން ހުއްޓެއް ކަމަކު ރަފިއްޔާގެ ޚިޔާލުތައް ހުރީ މުޅިން އެހެން ދިމާލެއްގައެވެ. ޒޯޔާ ގޮވާލުމުން އޭނައަށް އަޑެއްވެސް ނީވުނެވެ.

“ރަފިއްތާ!” ޒޯޔާ ތަންކޮޅެއް ބާރަށް ގޮވާލުމުން ސިހުނު ވަރުން ރަފިއްޔާ އަތުން ޖެހިފައި އޭނާ ތަރުތީބުން ބެހެއްޓި ފޮތްތައް ތިރިއަށް ފައިބައިގަތެވެ.

“އާނ، ކީކޭ އެކޮއި؟” ރަފިއްޔާ އެހިއެވެ.

“ކޮންކަމަކާ ތިހާ ބޮޑަށް ތި ވިސްނަނީ؟ ކޮން ޚިޔާލަކަށް ގެއްލިފައި؟” ޒޯޔާ އެހިއެވެ.

“ކަމެއް ނުވޭ. ކުރީގެ ހަނދާންތަކެއް އާވީ.” ރަފިއްޔާ ތިރިއަށް ވެއްޓުނު ފޮތްތައް ނަގަން ފެށިއެވެ.

“ކޮންކަހަލަ ހަނދާންތަކެއް؟ އުފާވެރި ހަނދާންތަކެއްތަ ނޫނީ ހިތާމަވެރި ހަނދާންތަކެއްތަ؟” ޒޯޔާ އަނެއްކާވެސް އެހިއެވެ.

“ބައެއް ކަންތައްތައް ވަރަށް އުފާވެރި. އަދި ބައެއް ކަންތައްތައް ވަރަށް ހިތާމަވެރި.” ފޮތްތައް ނަގަމުން ރަފިއްޔާ ބުނެލިއެވެ.

“ރަފިއްތާ. ދައްތައަށް އަހަރެންގެ ދިރިއުޅުމުގެ ހުރިހާ ކަމެއް އެނގޭނެ.” ޒޯޔާގެ ވާހަކައަށް ރަފިއްޔާ ބޯޖަހާލިއެވެ.

“ޕްލީޒް ރަފިއްތާ. އަހަރެންގެ މާޒީއާ ބެހޭގޮތުން ކޮންމެވެސް އެއްޗެއް ބުނެދީ. އެއީ ކޮންފަދަ ބޮޑު ސިއްރެއްތަ އެންމެން އަހަރެންގެ މާޒީއާ ބެހޭގޮތުން އަހަންނަށް ސިއްރުކުރަނީ؟ އާދޭސްކޮށްފައި ބުނަން. ކޮންމެވެސް އެއްޗެއް ބުނެދީ.” ޒޯޔާ ވަރަށް އާދޭހާއެކު ރަފިއްޔާ ގާތު އެދުނެވެ.

ޒޯޔާއަށް ދިމާވެފައިވާ ނިކަމެތި ހާލަތަށް ރަފިއްޔާ ހަމްދަރުދީ ވިއެވެ. އޭނާ ވެސް ޒޯޔާއަށް ހަޤީޤަތް ކިޔައިދޭން ބޭނުންވިއެވެ. ނަމަވެސް އެކަމުގެ ސަބަބުން އޭނާއަށް ވާނެގޮތް އެނގެއެވެ. އެއަށްވުރެ ބޮޑު މައްސަލައަކީ ޒޯޔާއެވެ. ޒޯޔާގެ ސިކުނޑިއަށް ބާރުބޮޑުވާ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ޑޮކްޓަރު ސާފުކޮށް އަންގާފައި އޮތުމެވެ. އެކަމުގެ ސަބަބުން ޒޯޔާއަށް އެއްވެސް ނުރައްކަލެއް ކުރިމަތިވެއްޖެނަމަ އޭނާގެ އަމިއްލަ ނަފުސަށް މަޢާފެއް ނުކުރެވޭނެއެވެ.

“އެކޮއި. ދައްތަ އެއްވެސް ކަމެއް ސިއްރެއް ނުކުރަން.” ބޭނުން ނުވިޔަސް ރަފިއްޔާއަށް ޖެހުނީ ދޮގު ހަދާށެވެ.

“ދޮގު ނަހަދާ ރަފިއްތާ. ދައްތަ އަހަރެން ދެކެނީ އަމިއްލަ ދަރިއެއްގެ ގޮތުގައެއްނު؟ ވީއިރު އަހަންނަށްޓަކައި އެވަރު ކަމެއް ނުކޮށްދެވޭނެތަ؟” ޒޯޔާ ރަފިއްޔާގެ ގާތަށް ގޮސް އޭނާގެ އަތުގައި ހިފަހައްޓާލަމުން ބުނެލިއެވެ.

“އެކޮއި. މިއަދު ކުއްލިއަކަށް ތި ހުރިހާ ސުވާލެއް ތި ކުރަނީ ކީއްވެ؟ އެކޮޔަށް އެނގެއެއްނު ތި ވާހަކަތައް ދެއްކުން އެކޮއިގެ މަންމަ މަނާކޮށްފައި އޮތްކަން. ދައްތަ އެއްވެސް ވާހަކައެއް ދައްކައިފިކަން އެކޮއިގެ މަންމައަށް އެނގިއްޖެއްޔާ އަހަރެންގެ ވަޒީފާ ވަގުތުން ގެއްލޭނެ. އާދޭސްކޮށްފައި ބުނަން. ތި ސުވާލުތައް ދައްތައާ ނުކުރޭ.” ރަފިއްޔާ ޒޯޔާގެ މޫނަށް ބަލައިލަމުން ބުންޏެވެ.

“ރަފިއްތާ! ދައްތަގެ ވަޒީފާ ގެއްލޭކަށް އަހަރެން ދުވަހަކުވެސް ބޭނުމެއް ނުވާނެ. އެކަމަކު އަހަރެން ކީއްކުރާނީ؟ އަހަންނަށް އެއްވެސް ކަމެއް ނުވިސްނޭ. މާޒީއާމެދު ވިސްނާ ކޮންމެ ފަހަރަކު އަހަރެންގެ ސިކުނޑި ސުމަކަށް ދޭ. ނުވިސްނަން އުޅުނަސް ހަމަ ވިސްނެނީ. އެހެންވެ އަހަރެން މި މަސައްކަތް ކުރަނީ އަހަރެންގެ އަމިއްލަ ނަފުސު ހޯދަން. އެކަމަކު އަހަރެންގެ އާއިލާއިން މިދަނީ އަހަރެންގެ މާޒީ އަހަންނަށް ސިއްރުކުރަމުން.” ސޯޔާގެ ލޮލުން ކަރުނަ ހިލުނެވެ.

ރަފިއްޔާ ވެސް ދެރަވިއެވެ. އެހީވާން ބޭނުންވިއެވެ. ނަމަވެސް އެ ހުރިހާ ކަމަކަށް ހުރަސް އަޅަނީ އޭނާގެ މަޖުބޫރީ ހާލަތެވެ. އޭނާގެ ވަޒީފާއަށްވުރެ ބޮޑަށް ކުޑަކުޑައިރުއްސުރެ އޭނާ ނުހަނު ލޯބިން ގެންގުޅުނު ޒޯޔާގެ ސިއްޙީ ހާލަތެވެ.

“އެކޮއި. ރަނގަޅު ވަގުތު އައުމުން ހުރިހާ ކަމެއްވެސް ހަމަޖެހޭނެ. އުއްމީދު ކަނޑާނުލާ. މާޔޫސްނުވޭ. މާތް ﷲ އަށް ދަންނަވާ. އެކޮޔަށް އެހީވެވޭނެ ހަމައެކަނި ފަރާތަކީ އެއީ.” ރަފިއްޔާ ޒޯޔާއަށް ހިތްވަރު ދިނެވެ.

ޒޯޔާ ހިނިތުންވެލީ އެއީ ހަޤީޤަތްކަން ޤަބޫލުކުރަމުންނެވެ. ކުރިންވެސް އޭނާ އެކަން ޤަބޫލުކުރިއެވެ. ނަމަވެސް އޭނާ އުއްމީދުކުރީ އޭނާގެ އާއިލާއިން އޭނާގެ އުފަލަށްޓަކައި އެވަރު ކަމެއް ކޮށްދޭނެ ކަމަށެވެ. އޭނާގެ މަންމަ ކޮންމެ އެއްޗެކޭ ބުނި ނަމަވެސް އޭނާގެ މާޒީއާ ބެހޭގޮތުން ވާހަކަ ނުދައްކަނީ ހަމައެކަނި ޑޮކްޓަރު ދީފައިވާ އިންޒާރަކުން ނޫންކަން އޭނާއަށް އިޙުސާސްވެއެވެ. އޭގައި އެއަށްވުރެ ބޮޑު ސިއްރެއް ވާކަން އޭނައަށް އިޙުސާސް ކުރެވެން ފެށީ އަޔާންގެ އާއިލާއާ އޭނާގެ އާއިލާ ބައްދަލުވި ހިސާބުން އޭނާގެ މަންމައަށް އަންނަން ފެށި ބަދަލުންނެވެ.

**********

ފައިސަލް އިނީ އޭނާގެ ގޭގެ ސޯފާގައި އޮށޯވެލައިގެންނެވެ. އޭނާގެ ބޮލުގައި ވަރަށް ގަދައަށް ރިއްސަމުން ދިޔައެވެ. މިރޭ އާފިޔާގެ ސަބަބުން ހިނގި ކަންތައްތަކާ ދޭތެރޭ މާބޮޑަށް ވިސްނުމުގެ ނަތީޖާއެވެ. އެ ބޮޑު ގޭގައި އެކަނިމާއެކަނި ހުރިއިރު ވެސް އޭނައަށް ކުޑަކުޑަ ގުދަނެއްގައި ބަންދުވެފައިވާ ފަދަ ހޫނެއް އިޙުސާސް ކުރެވެމުން ދިޔައެވެ.

ފައިސަލްގެ ފޯނު ރިންގުވުމުން ބަލައިލިއިރު ގުޅަނީ ޒޯޔާއެވެ. އޭނާ ވަގުތުން ފޯނު ނަގަން ބޭނުންވި ނަމަވެސް ކުޑަކޮށް ވިސްނާލިއެވެ. ފޯނު ނެގުމުން ވާނީ ކިހިނެއްބާވައެވެ. ޒޯޔާގެ މޫނުމަތިން ފެންނަން ހުރި ނުރުހުން އޭނައަށް ސާފުކޮށް އެނގުނެވެ. ނަމަވެސް އޭނާ އައީ ޒޯޔާ ގާތު ރުޅި މަޑުވުމުން ގުޅަން ބުނެފައެވެ. ވީއިރު ޒޯޔާ ގުޅާނީ ރުޅި މަޑުވީމަތާއެވެ. އެހެން ހިތާ ފޯނު ނަގަން އުޅެނިކޮށް ކެނޑުނެވެ.

“ޝިޓް!” ފައިސަލްއަށް ބުނެވުނެވެ. އެވަގުތު އަނެއްކާވެސް ޒޯޔާ ގުޅިއެވެ. ފައިސަލް އަވަސްއަވަހަށް ފޯނު ނެގިއެވެ.

“އާނ ޒޯޔާ.”

“ފައިސަލް. އަހަރެން ބޭނުން ބައްދަލުކޮށްލަން. ދައްކާލަން ބޭނުންވާ ވަރަށް މުހިންމު ވާހަކައެއް އެބައޮތް.” ޒޯޔާ އިތުރު ވާހަކަތަކެއް ނުދައްކާ ސީދާ ބޭނުންވާ މައުޟޫއަށް ދިޔައެވެ.

ޒޯޔާގެ އަޑުގައި އެއްވެސް ނުރުހުންތެރިކަމެއް ނެތެވެ. އެކަމުން ފައިސަލްއަށް ހިތްހަމަޖެހުމެއް ލިބުނު ނަމަވެސް ޒޯޔާ ދައްކަން ބޭނުންވަނީ ކޮން ވާހަކައެއް ކަމާމެދު އޭނާގެ ހިތުގައި ސުވާލު އުފެދުނެވެ. ހާލު އޮޅުންފިލުވާލާފައި އިރުކޮޅަކު ވާހަކަދައްކާލާފައި ފޯނު ބޭއްވީ އަނެއް ދުވަހުގެ މެންދުރު ފަހު ބައްދަލުކުރާނެ ތަނާއި ގަޑި ހަމަޖައްސާފައެވެ.

**********

އަޔާންގެ ގޭގައި އަފްޒާ، އަޔާން އަދި ރިޔާޒް ކާ މޭޒުދޮށުގައި ތިއްބެވެ. އެމީހުންނަށް ރޭގަނޑުގެ ކެއުން ކައި ނިންމާލެވުނީ އަދި ކިރިޔާއެވެ. އާންމުކޮށް ރޭގަނޑުގެ ކުރީ ބައިގައި ކާ މީހުން މިރޭ އަޔާން ގެއަށް އައުން ލަސްވެގެން ކެއުން ފަސްކޮށްލީއެވެ. އަޔާން އެކަނި ކާން ދޫކޮށްލުމަކީ އެމީހުން އެހާ ހިތްހަމަޖެހޭ ކަމެއް ނޫނެވެ. އެކަމުން ކެއުމުގެ އުފާވެރިކަން ގެއްލޭތީއެވެ.

“ފަހަރީ. ވަރަށް ގިނަ ދުވަސް ފަހުން މިރޭ ހަމަ ފޮނި އެއްޗެއް ކާހިތްވަނީ.” އަޔާން ބުނެލިއެވެ.

“މިރޭ ތިހާވަރަށް ފޮނި އެއްޗެއް ކާން ބޭނުންވީ ކީއްވެޔޯ؟ މާ ޚާއްސަ ކަމެއް އޮތީތަ؟” ރިޔާޒް ސަމާސާ ރާގަކަށް އެހިއެވެ.

“ޚާއްސަ ކަމެއް އޮތީއެއް ނޫނޭ. ޚާއްސަ ދުވަހެއްނު މީ. އަހަރެންގެ ގެލެރީ ހުޅުވަނީއޭ މާދަމާ. އެހެން ބުނީމަ މި ހަނދާންވީ. ދޮންބެ ކީއްވެތަ ނައީ؟” އަޔާން އެހިއެވެ.

“އެއީ ތެދެއް ރިޔާޒް. ރިޔާޒްވެސް ޖެހޭނެ ގެލެރީއަށް ދާން. އަޔާން އެތަން ހަދާފައި ހުރީ ވަރަށް ފުރިހަމައަށް. އަހަންނަށް ވަރަށް ކަމުދިޔަ.” އަފްޒާ އަޔާންއާ އެއްބައިވިއެވެ.

“ދާށޭ ހުރީ. އެކަމު އެންމެ ފަހު ވަގުތު މަސައްކަތްތަކެއް ލައްވާލީ. ފާޚާނާގެ ދޮރު ރަނގަޅުކުރަން ވަޑާންކުރާ މީހާ އައީ.” ރިޔާޒް ހާމަކުރީ ހަޤީޤަތެވެ.

“ހުރޭ އަހަރެންވެސް ދާނަން. ރަނގަޅު ވަގުތު ޖެހުނީމަ.” ރިޔާޒް އިތުރުކޮށްލިއެވެ.

“އެއްކަލަ ދޮންބެ. އަނެއްކާވެސް ތި ބުނީ. ތިބުނާ ރަނގަޅު ވަގުތެއް އަންނާނީ ކޮން އިރަކުން ކަމެއްވެސް ނޭނގެ. އަދި އަންނާނެ ކަމެއްވެސް ނޭނގެ. ކޮންމެއަކަސް، އަހަރެން މިހިރީ ވަރަށް ނިދި އައިސްފައި. އަހަރެން މިދަނީ ނިދަން. ގުޑް ނައިޓް.” އަޔާން އެހެން ބުނަމުން ހިނިތުންވެލާފައި ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.

އަޔާން ގޮސް ކޮޓަރިއަށް ވަނުމުން އަފްޒާ ރިޔާޒާ ދިމާލަށް އެނބުރުނެވެ.

“ރިޔާޒް. ކޮން ރަނގަޅު ވަގުތެއްގެ ވާހަކައެއްތަ އަބަދު ތި ކިޔަނީ؟ ރިޔާޒްވެސް ގެލެރީއަށް ދިޔައިމަ އަޔާން އުފާވާނެ. އެއީއެއްނު އަހަރެމެން ބޭނުންވާ ގޮތަކީ.” އަފްޒާ ކުޑަކޮށް ހިތްހަމަނުޖެހިފައި ބުންޏެވެ.

“އަފްޒާ. އަހަންނަށްވެސް އެނގެޔޭ. އެކަމަކު..”

“ކޮން އެކަމަކުއެއް؟” ރިޔާޒްގެ ޖުމްލަ ފުރިހަމަ ނުވަނީސް އަފްޒާ އެހިއެވެ.

“އެންމެ ރަނގަޅު. މާދަމާ އަހަރެން ދާނަން.” ރިޔާޒް އެއްބަސްވިއެވެ.

**********

ހެނދުނުގެ ވަގުތެވެ. އަޔާން ގެލެރީއަށް ދާން ނުކުތް ވަގުތު ނަތާޝާ އެގެއަށް އައެވެ. އޭނާ އެ އައީ އޭނަގެ ރައްޓެއްސެއްގެ ކައިވެނީގައި ބައިވެރިވާން ވިލިނގިއްޔަށް ގޮސްލާފައެވެ. އަޔާން ގެލެރީއަށް ދާކަން އެނގުމުން އޭނާވެސް އަޔާންއާއެކު ދިޔައެވެ. ދެމީހުން ވަރަށް އަވަދިނެތި ގެލެރީ އާންމުންނަށް ހުޅުވާލުމަށް ހަވީރު ބާއްވާ ކުޑަ ރަސްމިއްޔާތަށް އެންމެ ފަހުގެ ތައްޔާރީތައް ކުރުމުގައި އުޅުނެވެ. އެންމެ ފަހުން ވަރުބަލިވެގެން އަޔާން ޖައްސާލިއެވެ.

“ނަތާ! ކަމެއް ކޮށްދެވިދާނެތަ؟” އަޔާން އެހިއެވެ.

“ކުޑަ ކަމެއްތަ ނޫނީ ބޮޑު ކަމެއްތަ؟” ސަމާސާ ރާގެއްގައި ނަތާޝާ އެހިއެވެ.

“ވަރަށް ވަރަށް ކުޑަ ކަމެއް. މިތާ ކައިރީގައި މިހިރަ ކެފޭއަށް ގޮސް ހެދިކާކޮޅެއް ގަނެގެން އާދެބަލަ. ވަރަށް ބަނޑުހައިވެއްޖެ.” އަޔާން ބުނެލިއެވެ.

“ކީކޭ؟ އަޔާން. ފިރިހެނަކީ އަހަރެންތަ ނޫނީ ތިއީތަ؟ އަސްލު މަސައްކަތުގައި މާބުރަކޮށް އުޅުނީމަ ކާއެއްޗެއް ގެނެސްދެންހޭ އަހަން ޖެހޭނީ އަޔާން. އެކަމަކު ތި ބުނަނީ އަހަރެން ކައިރީގައި ހެދިކާ ގަންނަން ދާށޭ.” ނަތާޝާ ވަރަށް ޑްރާމާ ބޮޑުކޮށްލާފައި ބުންޏެވެ.

“ނަތާ! ކޮން ފޮތެއްގައިތަ އޮތީ ހެދިކާ ގަންނަން ދާން ޖެހޭނީ ފިރިހެނުންނޭ، އަންހެނުންނަކަށް ނުދެވޭނެޔޭ؟ އަޅެ ތީތަ ނަތާގެ އެކުވެރިކަމާއި ލޯތްބަކީ؟ ދެތިން ހެދިކާ ގަނެދޭން ބުނީމަ ބޮޑު ހުރަސްތަކެއް ތި ކުރިމަތިކުރީ؟” އަޔާން ވެސް ހަމަ އެހާ ޑްރާމާ ބޮޑުކޮށްލާފައި ބުންޏެވެ. ނަތާޝާ ބޯޖަހާލިއެވެ.

“ނަތާ ޕްލީޒް. އަހަރެން އެ ސިޑިން އަރާ ފައިބާ އަރާ ފައިބާ އަހަރެންގެ ފަޔަކު ނެތް މިހާރު ހިނގާލާނެ ވަރެއް. ނޫންނަމަ އަހަރެން އަމިއްލައަށް ދިޔައިމުސް. ޕްލީޒް.” އަޔާން ޑްރާމާ ދޫކޮށްލާފައި ބުންޏެވެ.

“ހޫނ. އެންމެ ރަނގަޅޭ.” ނަތާޝާ ދާން ހިނގައިގަތުމުން އަޔާން އޭނައަށް ގޮވައި ހުއްޓުވިއެވެ. އަދި ރުފިޔާ ދީފައި ކޮންމެހެންވެސް ބަޖިޔާ ގެންނަންވާނެ ކަމަށް ބުންޏެވެ.

ނަތާޝާ ދިޔުމުން އަޔާން އެތަނަށް ބަލާލިއެވެ. އެމީހުން ތައްޔާރުކޮށްފައި ހުރި ގޮތް އިތުރަށް ފުރިހަމަ ކުރެވޭނެ ގޮތެއް އޮތްތޯ ވިސްނަމުން ދަނިކޮށް އޭނާގެ ލޮލުގައި ގިޓާ އަޅައިގަތެވެ. އޭނާ މާގިނައިން ބޭނުން ނުކުރި ނަމަވެސް އެއީ އޭނައާ ގާތް އެއްޗެކެވެ. އޭގައި އަތްލާ ކޮންމެ ފަހަރަކު އޭނައަށް އެ ގާތްކަން އިޙުސާސް ކުރެވެއެވެ. ނަމަވެސް އެ ގާތްކަމުގެ އަސްލެއް އޭނަ ހަނދާނެއް ނުވެއެވެ.

އަޔާން ގިޓާ ނެގުމާއެކު ވެސް ހީވީ އޭނާގެ ހިތުގެ އެތިކޮޅެއްގައި ބީހިލެވުނުހެންނެވެ. އޭނާ ގިޓާ ހިފައިގެން އައިސް ގޮނޑީގައި އިށީނދެލިއެވެ. އަދި މަޑުމަޑުން ނަރުތަކުގައި ކޮއްޓާލިއެވެ. މަޑުމަޑުން އެ ފުރިހަމަ ރާގަކަށް ބަދަލުވަމުން ދިޔައިރު އޭނާއަށް ބުނެދޭން ނޭނގޭ އިޙުސާސްތަކެއް ކުރެވުނެވެ. ގާތް ނަމަވެސް އޭނައަކަށް އެ ރާގުގެ ހަޤީޤަތަކަށް ވާސިލެއް ނުވެވުނެވެ.

ކެފޭއިން ނުކުތް ޒޯޔާގެ ކަންފަތުގައި އެ ރާގުގެ އަޑު ޖެހުނެވެ. އެއްވެސް އިޚްތިޔާރަކާނުލާ އޭނާ އެ ރާގު އިވޭ އަޔާންގެ ގެލެރީއާ ދިމާލަށް ހިނގައިގަނެވުނެވެ. އެ ރާގުގެ އަސަރު އެހާވެސް ގަދައެވެ. ހިތުގެ ހިމަނާރުތަކާ ކުޅެލާފަދަ ލޯބިވެތި އަސަރެއް އެ ރާގުގައި ހުއްޓެވެ. ދަގަތްފާނަށް ދަގަނޑު ދަމާހެން އިރުކޮޅެއް ވީއިރު ޒޯޔާއަށް ހުރެވުނީ އަޔާންގެ ގާތުގައެވެ. ދެލޯ މަރާލައިގެން އިން އަޔާންއަށް މީހެއްގެ ހިލަން ވެގެން ދެލޯ ހުޅުވާލިއެވެ. ކުރިމަތީގައި ހުރި ލޯގަނޑަކުން ފަހަތުގައި ހުރި ޒޯޔާ ފެނުމުން އަޔާންއަށް ޔަޤީން ނުވެފައި ފަހަތް ބަލާލިއެވެ.

(ނުނިމޭ)

5
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top