ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކަސްރަތުކުރާ ވަގުތު ހަންގަނޑު ފިނިކޮށްދޭ، ބަރުދަން ލުއި އައު މާއްދާއެއް ސައިންސްވެރިން އުފައްދައިފި

ފާއިތުވި އަހަރުތަކުގައި ސިއްހީ ދާއިރާގެ ޓެކްނޮލޮޖީއަށް އައި އެންމެ ބޮޑު އެއް ކުރިއެރުމަކީ، ހަށިގަނޑަށް އަންނަ ބަދަލުތައް މެދުނުކެނޑި ބަލައިދޭ “ވެއަރަބަލް” ނުވަތަ ހަށިގަނޑުގައި ހަރުކުރެވޭ ސިއްހީ ސެންސަރުތަކެވެ.

މިފަދަ އާލާތްތަކާއި، ބޭސްވެރިކަމުގައި ބޭނުންކުރާ ޕެޗްތަކާއި ފާރުގަނޑުތަކުގައި އަޅާ ބެންޑޭޖް ފަދަ ތަކެތި ގިނަ ވަގުތުތަކެއް ވަންދެން ހަންގަނޑުގައި ހަރުކޮށްފައި ބަހައްޓަން ޖެހެއެވެ. ނަމަވެސް، މިފަދަ އުފެއްދުންތަކުގައި އާންމުކޮށް ބޭނުންކުރާ “ހައިޑްރޯޖެލް” އަކީ ފެން ގިނަ މާއްދާއަކަށް ވުމުން، އޭގެ ސަބަބުން ހޫނާއި ދާ ހިފެހެއްޓި، ހަންގަނޑު ކަހައި ނުވަތަ ސެންސަރުގެ ރީޑިންގްސްތަކަށް ބުރޫއަރާ ގޮތް ދިމާވެއެވެ.

“ނޭޗަރ” މަޖައްލާގައި ޝާއިޢުކޮށްފައިވާ ދިރާސާއެއްގައި، މެސެޗޫސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމް.އައި.ޓީ) ގެ އިންޖިނިއަރުން ވަނީ ވައި ދައުރުވުމަށް މަގުފަހިކޮށްދޭ، ކުދިކުދި ޗެނަލްތަކެއް އެކުލެވޭ ހާއްސަ ހައިޑްރޯޖެލްއެއް އުފައްދާފައިވާކަން ހާމަކޮށްފައެވެ.

މީގެ ކުރިން 2024 ވަނަ އަހަރު “ސައިންސް އެޑްވާންސަސް” ގައި ޝާއިޢުކުރި ދިރާސާއެއްގައި، 10 މައިކްރޯމީޓަރުގެ ބޯމިން ހުންނަ، ވައި ދައުރުވާ ހައިޑްރޯޖެލް ސެންސަރެއް ބޭނުންކޮށްގެން އަށް ދުވަސް ވަންދެން މެދުނުކެނޑި ހަންގަނޑު މޮނިޓަރ ކުރެވޭކަން ވަނީ ދައްކައިދީފައެވެ. ނަމަވެސް، އެމް.އައި.ޓީ ގެ މި އައު ދިރާސާގައި ބޭނުންކޮށްފައިވަނީ ތަފާތު އުކުޅެކެވެ. އެއީ ހައިޑްރޯޖެލްގެ ތެރޭގައި %70 ފެން ހުރި ނަމަވެސް، އޭގެ އެތެރޭގައި ވައި ދައުރުވާނެ ދާއިމީ ނިޒާމެއް ގާއިމުކުރުމެވެ.

މި މާއްދާގައި %70 ފެން ހުރި ނަމަވެސް، ލެބޯޓްރީ ތަހުލީލުތަކުން ދެއްކި ގޮތުގައި މީގެ ތެރެއިން އޮކްސިޖަން ދައުރުވާ މިންވަރު 185 ‘ބަރާ’ އަށް އަރައެވެ. މިއީ އާންމު ހައިޑްރޯޖެލްތަކަށް ވުރެ ގާތްގަނޑަކަށް 10 ގުނަ އިތުރު މިންވަރެކެވެ.

މިވެސް ކިޔާލަން:  އެނެޓޮމޭޖް ޓޭބަލް - ސީޓީ ސްކޭން، އެމްއާރްއައި އަދި އެކްސްރޭ ތާރީޚްގެ ތެރެއަށް!

އިންސާނާގެ ފުއްޕާމޭގައި ވައި ދައުރުވާ ގޮތުން އިންސްޕަޔާވެގެންް، ސައިންސްވެރިން ވަނީ އާންމު ހައިޑްރޯޖެލް ތައްޔާރުކުރާ ސާމާނުގެ ތެރެއަށް “ސިލިކާ އެއިރޯޖެލް”ގެ ކުދިކުދި ތިކިތަކެއް އެއްކޮށްފައެވެ. މިއީ ފެނަށް ނުގިރޭ، ވައި ހަރުލާފައި ހުންނަ މާއްދާއެކެވެ. މި މާއްދާގެ ސަބަބުން ހައިޑްރޯޖެލްގެ ތެރޭގައި ވައި ދައުރުވާނެ ކުދިކުދި ހުސްޖާގަތައް އުފެދި، އެ ޖާގަތައް ބެދުމުގެ ފުރުސަތު ކުޑަވެގެންދެއެވެ.

މި އައު ހައިޑްރޯޖެލް އަކީ ސިލިކޯން އަދި ޕޮލިއުރެތިން ފަދަ މާއްދާތަކަށް ވުރެ 10 އާއި 100 ގުނައާ ދެމެދުގެ މަތީ މިންވަރަކަށް އާވި ބޭރުކޮށްދޭ އެއްޗެކެވެ. މީގެ ސަބަބުން ހަންގަނޑުން ބޭރުވާ ދާތައް ފަސޭހައިން ހިކުމަށް މަގުފަހިވެއެވެ. މީގެ އިތުރުން، މިއީ މަޑު އަދި ދެމޭ މާއްދާއެކެވެ. ގާތްގަނޑަކަށް 10,000 ފަހަރު ދަމާލުމުންވެސް އޭގެ ވައި ދައުރުވުމުގެ ގާބިލުކަމަށް ބަދަލެއް ނާދެއެވެ.

މި އައު އުފެއްދުމުގެ ފައިދާ ސާބިތުކުރުމަށްޓަކައި، ކަސްރަތު ކުރާ ވަގުތު ހަންގަނޑަށް އަންނަ ބަދަލުތައް ސައިންސްވެރިން ބެލިއެވެ. 20 މިނެޓުގެ ކަސްރަތަކަށް ފަހު، އާންމުކޮށް ބޭނުންކުރާ ސިލިކޯން ޕެޗްގެ ދަށުގައި ހުރި ހަންގަނޑުގެ ހޫނުމިން 6.5 ޑިގްރީ ސެލްސިއަސްއަށް މަތިވިއެވެ. ނަމަވެސް، އައު ހައިޑްރޯޖެލް ޕެޗް ބޭނުންކުރި މީހުންގެ ހަންގަނޑުގެ ހޫނުމިން ގާތްގަނޑަކަށް 1 ޑިގްރީ ދަށްވިއެވެ. މިއީ އެ މާއްދާގެ ތެރެއިން ހޫނު ބޭރުވުމަށް ފަސޭހަވުމުން ދިމާވި ކަމެއް ކަމަށް ބެލެވެއެވެ.

ހަމައެއާއެކު، މި ހައިޑްރޯޖެލް ބޭނުންކޮށްގެން ހިތުގެ ވިންދު ބަލާ އިލެކްޓްރޯޑެއް ވެސް ވަނީ ތައްޔާރުކޮށްފައެވެ. ކަސްރަތު ކުރާއިރު ދާހިތްލުމުގެ ސަބަބުން އާންމު އިލެކްޓްރޯޑްތަކުން ލިބޭ ސިގްނަލްތައް ފުސްވި ނަމަވެސް، މި އައު ހައިޑްރޯޖެލް ބޭނުންކޮށްގެން ތައްޔާރުކުރި އިލެކްޓްރޯޑުން ސާފު ސިގްނަލްތައް ލިބެމުންދިޔައެވެ. އަދި ނިދުމާއި، ހިނގުމާއި، މަސައްކަތުގައި އުޅޭއިރު 10 ދުވަސް ވަންދެން މެދުނުކެނޑި މި އިލެކްޓްރޯޑް ބޭނުންކުރެވޭކަން ވަނީ ސާބިތުވެފައެވެ.

މިވެސް ކިޔާލަން:  40 ޕްލަސް: ގެ ޝޫޓިން މިމަހު 15 ހިސާބުގައި ނިމޭނެ

އެމް.އައި.ޓީ ގެ މެކޭނިކަލް އިންޖިނިއަރ ޝުއާންހޭ ޖާއޯ ވިދާޅުވި ގޮތުގައި، މި އައު މާއްދާގެ ސަބަބުން މިހާރު ހުރި ހައިޑްރޯޖެލްތަކަށް ދިމާވާ ހޫނާއި ތެތްކަން ހިފެހެއްޓުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެއެވެ. ނަމަވެސް، މިއީ އަދި ސިއްހީ ފަރުވާގައި ބޭނުންކުރަން ފެށޭ ވަރަށް ވުރެ ކުރީ މަރުހަލާއެއްގައި އޮތް އުފެއްދުމެކެވެ. މީގެ ރައްކާތެރިކަމާއި، ގިނަ ދުވަހު ބެހެއްޓުމުން ވާގޮތާއި، އަދި ބޮޑެތި ޖަނަވާރުތަކަށް މީގެން ކުރާ އަސަރު ބެލުމަށް އިތުރު ދިރާސާތައް ބޭނުންވާނެއެވެ.

މިހާތަނަށް ކުރެވުނު ތަހުލީލުތަކަކީ ވަރަށް މަދު ބަޔަކު ބޭނުންކޮށްގެން ކުރެވުނު ކުދި ތަހުލީލުތަކެކެވެ. އެހެންކަމުން، މި ހޯދުންތައް ކަށަވަރުކުރުމަށްޓަކައި ގިނަ ބަޔަކު ހިމަނައިގެން އިތުރު ދިރާސާތައް ކުރަން ޖެހެއެވެ. ކުރިމަގުގައި މި އުފެއްދުން ހަށިގަނޑުގެ އެތެރޭގައި ހަރުކުރާ އާލާތްތަކުގައި ބޭނުންކުރެވިދާނެ ކަމަށްވެސް ސައިންސްވެރިން އުންމީދު ކުރެއެވެ. އެއީ ހަށިގަނޑުގެ އެތެރޭގައިވާ ސެލްތަކަށް އޮކްސިޖަން ފޯރުކޮށްދިނުމަކީ މިހާރުވެސް ދިމާވާ ބޮޑު ގޮންޖެހުމަކަށް ވާތީއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top