އަލަށް އުފަންވާ ތުއްތު ކުއްޖެއްގެ ހިތުގެ ބޮޑުމިނަކީ ވޯލްނަޓަކަށް ވުރެ ކުޑަ މިންވަރެކެވެ. ނޯތުވެސްޓަން ޔުނިވަރސިޓީން މިހާރު ވަނީ ހަނޑޫ ފުކަކަށްވުރެ ވެސް ކުޑަ ޕޭސްމޭކަރެއް އީޖާދުކޮށްފައެވެ. މި ޕޭސްމޭކަރަކީ އިންކެސަން ސިރިންޖެއްގެ އެހީގައި ހަށިގަނޑުގެ ތެރެއަށް ފޮނުވާލެވޭ، އަދި ހަމުގެ ބޭރުން އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭ އެއްޗެކެވެ. އެންމެ ހައިރާންކުރުވަނިވި ކަމަކީ، ކުއްޖާގެ ހިތުގެ މައްސަލަ ރަނގަޅުވުމުން މި ޕޭސްމޭކަރު އަމިއްލައަށް ހަށިގަނޑުގެ ތެރެއަށް ގިރިގެންދާ ކަމެވެ. މީގެ ސަބަބުން އިތުރު އޮޕަރޭޝަނެއް ކުރާކަށް ނުޖެހެއެވެ، ލަކުނެއް ނުއުފެދެއެވެ، އަދި ހަށިގަނޑުން ބޭރުކުރާކަށްވެސް ނުޖެހެއެވެ.
ނޯތުވެސްޓަންގެ އިންޖިނިއަރުން އުފެއްދި މި ޕޭސްމޭކަރަކީ ދުނިޔޭގައި މިހާތަނަށް އުފެއްދި އެންމެ ކުޑަ ޕޭސްމޭކަރު ކަމަށް ބެލެވެއެވެ. މީގެ ކުޑަކަމުން ސިރިންޖެއްގެ ކުރީކޮޅަށް ފިޓުކޮށްލެވޭއިރު، ހަށިގަނޑު ކަފާލުމެއް، ފަޅައިލިމެއް ނެތި (ނޮން-އިންވޭސިވްކޮށް) އެތެރެއަށް ފޮނުވާލެވެއެވެ. ހަނޑޫ ފުކަކަށްވުރެ ކުޑަ މި ޕޭސްމޭކަރު މަސައްކަތްކުރަނީ ބަލިމީހާގެ މޭމަތީގައި ހަރުކުރެވޭ، ވަޔަރލެސްކޮށް މަސައްކަތްކުރާ ކުޑަ އިލެކްޓްރޯނިކް ޑިވައިސްއަކާ ގުޅިގެންނެވެ. ހިތުގެ ވިންދު ހުންނަންޖެހޭ މިންވަރަށްވުރެ ބަދަލުވެއްޖެނަމަ، މޭމަތީގައިވާ ޑިވައިސްއިން އަމިއްލައަށް އަލީގެ ސިގްނަލެއް ފޮނުވައި ޕޭސްމޭކަރު މަސައްކަތް ކުރުވައެވެ. މި އަލީގެ ސިގްނަލްތައް ހަމާއި، ކަށިތަކާއި އަދި މަސްތަކުގެ ތެރެއިން ދަތުރުކޮށް ހިތުގެ ވިންދު ހަމަޖައްސައިދެއެވެ.
މިއީ ވަގުތީ ގޮތުން ހިތުގެ ވިންދު ހަމަޖައްސަންޖެހޭ ބަލިމީހުންނަށް ޚާއްޞަކޮށްގެން ފަރުމާކޮށްފައިވާ އެއްޗެކެވެ. ބޭނުން ނިމުމުން، މީގައި ހިމެނޭ ހުރިހާ މާއްދާތަކަކީވެސް ހަށިގަނޑާ ގުޅޭ (ބަޔޯކޮމްޕެޓިބަލް) ތަކެތި ކަމަށްވާތީ، އެއްވެސް އޮޕަރޭޝަނަކާ ނުލައި އަމިއްލައަށް ހަށިގަނޑަށް ގިރިގެންދެއެވެ.
ނޯތުވެސްޓަންގެ ބަޔޯއިލެކްޓްރޯނިކްސްގެ މާހިރު ޖޯން އޭ. ރޮޖާސް ވިދާޅުވި ގޮތުގައި، ކުޑަކުދިންގެ ހިތުގެ އޮޕަރޭޝަންތަކަށްފަހު ވަގުތީ ޕޭސްމޭކަރުތަކުގެ ބޭނުން ވަރަށް ބޮޑެވެ. މިފަދަ ހާލަތްތަކުގައި މިހާ ކުޑަ އާލަތެއް ބޭނުންކުރެވުމަކީ ވަރަށް މުހިންމު ކުރިއެރުމެކެވެ. އޮޕަރޭޝަނެއް، ލަކުނެއް، ނުވަތަ ނައްތާލުމެއް ނެތި، ހަމައެކަނި އަލީގެ އެހީގައި ތުއްތު ކުދިންގެ ހިތުގެ ވިންދު މި އާލަތުން ދަމަހައްޓައިދެއެވެ.
