ދެކުނު އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި އައްލޫ އަރުޖުން، ކާމިޔާބު ޑައިރެކްޓަރު އެޓްލީއާއެކު އުފައްދާ އާ ފިލްމު “ރާކާ” ދެ ބަޔަކަށް ބަހާލައިގެން ސިނަމާތަކަށް ގެނައުމަށް ތައްޔާރުވަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނަން ފަށައިފިއެވެ.
ބޮޑު ބަޖެޓަކުން އުފައްދާ މި ފިލްމާ ގުޅޭގޮތުން “އިންޑިއާ ޓުޑޭ” އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ ތަފާތު ދެ ޒަމާނެއްގެ މައްޗަށެވެ. އެގޮތުން އެއްބައި ގަދީމީ ޒަމާނުގެ ގަބީލާ ދިރިއުޅުމަކަށް ބިނާކޮށްފައިވާއިރު، އަނެއްބައި ފެނިގެންދާނީ މިހާރުގެ ޒަމާނީ މާހައުލަކުންނެވެ.
މި ފިލްމުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ބޮލީވުޑްގެ ރަސްގެފާނު ޝާހްރުކް ޚާންގެ ޚާއްސަ ފެނިލުމެއް މި ފިލްމުން ފެނިގެންދާނެ ކަމަށް ދެކެވޭ ވާހަކައެވެ. ރިޕޯޓްތައް ބުނާގޮތުން ޝާހްރުކްގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވަނީ އިންޑިއާއިން ބޭރުގައެވެ.
ފިލްމުގެ ތަރިންނަށް ބަލާއިރު، ޒަމާނީ ބައިގެ ބަތަލާގެ ރޯލުން މުރްނާލް ޓާކޫރު ފެނިގެންދާނެ ކަމަށް ބެލެވޭއިރު، ގަދީމީ ބައިން ދީޕިކާ ޕަދުކޯން، ޖާންވީ ކަޕޫރު އަދި ރަޝްމިކާ މަދަންނާ ފެނިގެންދާނެ ކަމަށް ބެލެވެއެވެ. ނަމަވެސް، ފިލްމު އުފައްދާ ފަރާތުން މިހާތަނަށް ރަސްމީކޮށް ކަށަވަރުކޮށްދީފައިވަނީ ހަމައެކަނި ދީޕިކާ ޕަދުކޯންގެ ނަމެވެ.
“ރާކާ” އަކީ ޕެރަލަލް ޔުނިވާސްއެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. ފިލްމުގެ ފަސްޓް ލުކް ޕޯސްޓަރުން އައްލޫ އަރުޖުން ފެނިގެންދަނީ އިންސާނަކާއި ވަލު ޖަނަވާރެއް މަސްހުނިވެފައިވާ ފަދަ ސިފައެއްގައެވެ. މި ފިލްމަކީ ގިނަ އަދަދެއްގެ ސީޖީއައި އަދި ވީއެފްއެކްސް ބޭނުންކޮށްގެން އުފައްދާ ފިލްމެކެވެ.
މީގެ އިތުރުން، އައްލޫ އަރުޖުން ދަނީ ލޯކޭޝް ކަނަގަރާޖްއާއެކު “AA23” ގެ މަސައްކަތް ކުރުމަށްވެސް ތައްޔާރުވަމުންނެވެ. މި ފިލްމުގެ މިއުޒިކް ތައްޔާރުކުރަނީ އަނިރުދު ރަވިޗަންދަރުއެވެ. އަދި ބަތަލާގެ ރޯލަށް ޕޫޖާ ހެގްޅޭއާ ވާހަކަދެކެވެމުންދާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. މީގެ އިތުރުން “މިންނަލް މުރަލީ” ގެ ޑައިރެކްޓަރު ބާސިލް ޖޯސެފްއާއެކުވެސް އައްލޫ އަރުޖުން އާ މަޝްރޫއެއް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް މީޑިއާތަކުން ބުނެއެވެ.
