ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ރިހި ރޫޙް – ޗެޕްޓަރ 5
ފޮޓޯ: މުނިއަވަސް ގްރެފިކްސް

ސިޓީއުރައެއް

ކިޔާރާ ސިޑިން އަރައިގެން ގޮސް ތިންވަނަ ފަންގިފިލައަށް ފޯރިއެވެ. އަތްދަބަސް ހުޅުވައި، ތަޅުދަނޑި ނަގަން އުޅެފައި ކުއްލިއަކަށް ހުއްޓުނެވެ. އޭނާގެ އެޕާޓްމަންޓް ދޮރުމަތީގައި ހުދުކުލައިގެ ސިޓީއުރައެއް ބާއްވާފައި އޮތެވެ.

އޭގައި ސްޓޭމްޕެއް ނެތެވެ. އެޑްރެހެއް ނެތެވެ. އޮތީ ހަމައެކަނި އޭނާގެ ނަމެވެ. “ޢާއިޝަތު ކިޔާރާ.” ވަރަށް ފަރުވާތެރިކަމާއެކު ލިޔެފައެވެ.

ކިޔާރާގެ ހަށިގަނޑުން ހީބިހި ނަގައިގެން ދިޔައެވެ. ކޮރިޑޯ އޮތީ ހިމޭނުންނެވެ. އޭނާ ދެކޮޅު ބަލައިލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އިރުކޮޅަކު ޖެހިލުންވެފައި ހުރުމަށްފަހު، އޭނާ އެ ސިޓީއުރަ ނެގިއެވެ. އޭގެ އެތެރޭގައި އޮތީ ފަތްޖަހާފައިވާ އެންމެ ގަނޑެކެވެ. އިތުރު އެއްވެސް އެއްޗެއް ނެތެވެ. ސޮޔެއް، އިތުރު ތަފްސީލެއް ނެތެވެ. އޮތީ ހަމައެކަނި އެންމެ ޖުމްލައެކެވެ.

“ކަލޭ ނުބަލައި ދާންވީ.”

ކިޔާރާ އެ ސިޓީއުރަ ހިފައިގެން އެތެރެއަށް ވަނީ އެ ނުހުޅުވައެވެ. އޭނާ އެ ސިޓީއުރަ ބޭއްވީ އޭނާގެ ނޫޓްބުކްގެ ދޭތެރޭގައެވެ. ހީވަނީ އެ ކިޔުން ލަސްކޮށްލުމުން، އޭގައި ލިޔެފައިވާ އެއްޗެއް ބަދަލުވެދާނެހެންނެވެ.

އެޕާޓްމަންޓް ތެރޭގައި އޮތީ އާދަޔާ ޚިލާފު ހިމޭންކަމެކެވެ. ކުރިމަތީ ގޭގެ މީހުން މިހާރު ތިބީ ނިދާފައެވެ. ތިރީ ފަންގިފިލާގައި ހުރި ޓީވީގެ އަޑު މަޑުމަޑުން އިވެމުން ދިޔައެވެ. ހުރިހާ ކަމެއްވެސް ފެންނަނީ ވަރަށް އާދައިގެ ކަންކަމުގެ ގޮތުގައެވެ.

އޭނާ ދޮރު ތަޅުލިއެވެ. އެއްފަހަރު، އަދި ދެވަނަ ފަހަރަށެވެ. އެއަށްފަހު ދޮރުގައި ލެނގިލައިގެން ހުރެ ލޯ މަރާލިއެވެ. “މިވަނީ ކީއް؟” އޭނާ މަޑުމަޑުން އަމިއްލަ ނަފުސާ ސުވާލުކުރިއެވެ.

އޭނާ ހުރީ ބިރުގެންފައެއް ނޫނެވެ. އޭނާ ހުރީ ވަރުބަލިވެފައެވެ. އެއީ މުޅި ހަށިގަނޑަށް އިޙުސާސްވާ ވަރުބަލިކަމެކެވެ. ކޮންމެ އާދަޔާ ޚިލާފު ކަމަކީ ބޮޑު ކަމެއްގެ ގޮތުގައި ފެންނަނީ އެ ވަރުބަލިކަމުގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ.

އޭނާ ބަދިގެއަށް ވަދެ ސައި ކައްކަން އުޅުނެވެ. ސައިތަށްޓެއް ބޯލުމުން ހުރިހާ ކަމެއްވެސް ހަމައަކަށް އެޅޭނެ ކަމަށް އޭނާ އުންމީދު ކުރިއެވެ. ފެން ކެކެމުން ދިޔައިރު އޭނާ އައިސްއަލަމާރި ހުޅުވާލިއެވެ. ދެބައިކުޅަ އެއްބައި ކިއުކަމްބާ އެކެވެ. ރިހާކުރު ފުޅިއެކެވެ. ތިން ބިހެވެ. އަދި މާދަމާ މުއްދަތު ހަމަވާ ކިރު ޕެކެޓެކެވެ.

މިވެސް ކިޔާލަން:  ލިޔެވިފައިވާ ތަޤުދީރު - ހަތްވަނަ ބައި

އޭނާ އަމިއްލައަށް ހިނިތުންވެލިއެވެ. “މިހާރު ހަމަ ހަޤީޤަތުގައިވެސް ބާޒާރުކުރަން އެބަޖެހޭ.”

އޭނާ ވަރަށް އާދައިގެ ކެއުމެއް ތައްޔާރުކޮށްގެން، ކުޑަދޮރު ކައިރީގައި ހުރި ކުޑަ މޭޒުދޮށުގައި އިށީނދެ ކާން ފެށިއެވެ. ބޭރުން ފެންނަނީ މާލޭގެ މަގުބައްތިތަކުގެ އަލިތަކެވެ. ބަނދަރުގައިވާ އުޅަނދުފަހަރު މަޑުމަޑުން ހެލެމުން ދިޔައެވެ. އޭނާގެ ހިތުގައި އުފެދިފައިވާ ސުވާލުތަކުގެ އެއްވެސް ޚަބަރެއް ނެތި، މުޅި ސިޓީ އޭގެ އަމިއްލަ ހަލަބޮލިކަމުގައި އޮތެވެ.

ނަރުސް ސަމީހާ ބުނި ބަސްތައް މަތިން ހަނދާންވިއެވެ. “ކޮންމެ ބަލިމީހަކު އަމިއްލަ ގެއަށް ގެންގޮސްގެން ނޫޅެވޭނެ.”

އެ ވަގުތު ކިޔާރާ އެކަމާ ހީނލި ނަމަވެސް، މިހާރު އޭނާއަށް އެކަން އެބަ ކުރެވެއެވެ. ހަށިގަނޑުން ނޫނަސް, އަމިއްލަ ރޫޙުންނެވެ. އިޙުސާސްތަކުންނެވެ. ބައެއް ބަލިމީހުން ހަނދާނުން ފޮހެލަން އުނދަގޫވެއެވެ. ބޭސްކުރާއިރު ކުލަ ޖައްސަން އިންނަ އުމުރުން ދުވަސްވީ އަންހެން މީހާއާއި، ކޮންމެ އިންޖެކްޝަނަކަށް ސްޓިކާއެއް ބޭނުންވާ ކުޑަ ފިރިހެން ކުއްޖާއެވެ. އަދި ބޭރުވުމުގެ ކުރިން ކޮންމެ ނަރުހަކަށް ވަކިން ޝުކުރު އަދާކުރި މަސްވެރިޔާއެވެ.

އަދި މިހާރު.. ބަހުން ދިމާވި އެ ބީރައްޓެހި މީހާއެވެ. އެއީ އޭނާ ދަންނަ މީހަކަށް ވާތީއެއް ނޫނެވެ. އޭނާއަށް އެ މީހާގެ އެއްވެސް ކަމެއް ނޭނގެއެވެ. އެކަމަކު ޖަވާބު ނުލިބޭ ކޮންމެ ސުވާލެއް ގުޅިފައިވަނީ އެ މީހާގެ މޫނާއެވެ. ކިޔާރާއަކީ ޖަވާބު ނުލިބޭ ސުވާލުތައް ދެކެ ރުޅިއަންނަ މީހެކެވެ.

**********

ޖެހިގެން އައި ދުވަހު އިރުއެރީ ވަރަށް ރީތިކޮށް، ސާފުކޮށެވެ. ކިޔާރާ ނިންމީ ހިނގާފައި މަސައްކަތަށް ދިއުމަށެވެ. ކަނޑުގެ ތާޒާ ވައިރޯޅިތަކާއެކު، ކައިރި ކެފޭއަކުން ފިހަމުންދިޔަ ރޮށީގެ މީރުވަސް ދުވަމުން ދިޔައެވެ. ޔުނީފޯމްގައި ތިބި ކުޑަކުދިން ސަކަރާތްޖަހަމުން ދިޔައެވެ. އެކުދިންގެ ހިތުގައި ހޮސްޕިޓަލެއްގެ ނުވަތަ ފުލުހުންގެ އެއްވެސް ފިކުރެއް ނެތެވެ. ކިޔާރާގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ފަހަރެއްގައި މި ހުރިހާ ކަމަކީ އޭނާގެ ހީއަކަށް ވެދާނެއެވެ. އެ ސިޓީއުރައަކީވެސް މީހަކު ކުރި ސަމާސާއަކަށް ވެދާނެއެވެ.

މިވެސް ކިޔާލަން:  އިވްރިޝާ – އެޕިސޯޑް 14

ހޮސްޕިޓަލަށް ފޯރަންދެން އޭނާ ހުރީ އެގޮތަށް ޤަބޫލުކޮށްގެންނެވެ. ނަމަވެސް ހޮސްޕިޓަލަށް ވަނުމާއެކު ކަންކަން ތަފާތުވިއެވެ. ސެކިއުރިޓީ އޮފިސަރުން ކުރިއަށްވުރެ ބޮޑަށް އައިޑީ ކާޑު ޗެކްކުރަމުން ދިޔައެވެ. އިމަޖެންސީ ޑިޕާޓްމަންޓުގެ ދޮރުމަތީގައި އާ ކެމެރާތަކެއް ހަރުކޮށްފައި ހުއްޓެވެ. ބަލިމީހުންގެ ގާތަށް އަންނަ މީހުންނާވެސް އިތުރު ސުވާލުތައް ކުރަމުން ދިޔައެވެ. މިއީ މަޑުމަޑުން އައި ބަދަލުތަކެކެވެ. އެކަމަކު ބޭނުންތެރި ބަދަލުތަކެކެވެ. އެ ހަމަލާގެ އަސަރު އެންމެންނަށްވެސް ވަނީ ކޮށްފައެވެ. އެކަމާ ބެހޭގޮތުން މިހާރު އެއްވެސް މީހަކު ވާހަކަ ނުދެއްކި ނަމަވެސްމެއެވެ.

ނަރުހުންގެ މޭޒުދޮށުގައި އިން ސަމީހާ، ބޭސް ލިޔެފައިވާ ޗާޓަކުން ނަޒަރު ވަކިކޮށްލާފައި ކިޔާރާއަށް ބަލައިލިއެވެ. “މިއަދު މާ ތާޒާކޮށް ފެނޭ.”

“ރޭގައި ނިދިިއްޖެ.”

“ތިއީ މުޢުޖިޒާތެއް!”

ކިޔާރާ ހީނލިއެވެ. “ގާތްގަނޑަކަށް ހަތް ގަޑިއިރު ނިދިން.”

“އަހަރެން ހައިރާންވެއްޖެ.” ސަމީހާ ބުންޏެވެ.

ޑޮކްޓަރު މަހުމޫދު ފައިލްތަކެއް ހިފައިގެން ހިނގާފައި ދިޔައެވެ. “ބާއްޖަވެރި ހެނދުނެއް އެންމެންނަށް.”

ޑިޕާޓްމަންޓްގެ މަސައްކަތްތައް ހަލުވިކަމާއެކު ފެށުނެވެ. އެމްބިއުލާންސްގެ ރޭޑިއޯގެ އަޑާއި، މޮނިޓަރުތަކުގެ ބީޕް އަޑުން މުޅި ތަން ގުގުމާލިއެވެ. އެންމެންވެސް އެމީހެއްގެ އާދައިގެ މަސައްކަތުގައި މަޝްޣޫލުވިއެވެ. ކިޔާރާވެސް އޭނާގެ ގޭ ދޮރުމަތީ އޮތް ސިޓީއުރައިގެ މަތިން އިރުކޮޅަކަށް ހަނދާން ނެތުނެވެ. މެންދުރު ކެއުމުގެ ވަގުތު ޖެހެންދެނެވެ.

ޖޫނިއާ ނަރުހަކު މަޑުމަޑުން އައިސް ކިޔާރާއާ ގާތްވިއެވެ. “ކިޔާރާ..”

“އާނ، ކީކޭ؟”

“މިއަދު ކިޔާރާ ޑިއުޓީގައި އުޅޭތޯ މީހަކު އައިސް އެހި.”

ކިޔާރާގެ ހިނިތުންވުން ފިލައިގެން ދިޔައެވެ. “ކާކު؟”

“އަހަރެންނަކަށް ނޭނގެ.”

“ކޮން ބޭނުމަކު؟”

“އެއެއް ނުބުނޭ.”

“އެއީ ފިރިހެނެއްތަ؟ އަންހެނެއްތަ؟”

“ފިރިހެނެއް.”

“ކުރިން ދަންނަ މީހެއްތަ؟”

އެ ނަރުސް ކުއްޖާ ބޯ ހޫރާލިއެވެ. “އޭނާ ޝުކުރު އަދާކޮށްފައި ހިނގައްޖެ.”

ކިޔާރާގެ ހިތް ބާރަށް ތެޅެން ފެށިއެވެ. އޭނާ މަޑުމަޑުން ބޯޖަހާލިއެވެ. “ޝުކުރިއްޔާ ބުނެލަދިނީތީ.”

މަސައްކަތުގެ ބާކީ އޮތް ބައި އަމާންކަމާއެކު ދިޔައެވެ. އެހެނަސް، އޭނާއަށް އިރުއިރުކޮޅާ ދޮރާ ދިމާއަށް ބަލައިލެވެއެވެ. އެއީ މީހަކަށް އިންތިޒާރުކުރާތީއެއް ނޫނެވެ. އޭނާ ހޯދަން އައީ ކާކުބާވައޭ ހިތަށްއަރާތީއެވެ. އެ ވިސްނުމުން އޭނާއަށް ނުތަނަވަސްކަން ވެރިވިއެވެ.

މިވެސް ކިޔާލަން:  ރިހިރަންފުށި - ޗެޕްޓަރ 21

**********

ރަށުގެ އަނެއް ފަރާތުގައި، ޒިމާން ހުރީ ކަނޑު ފެންނަން އޮތް ކުޑަދޮރެއްގެ ކައިރީގައެވެ. އޭނާގެ ހާލަތު މަޑުމަޑުން ރަނގަޅުވަމުން ދިޔައެވެ. އަދިވެސް ހަލުވިކޮށް ހަރަކާތްތެރިވުމުން ޒަޚަމުގައި ރިއްސައެވެ. އެކަމަކު މިހާރު ކުޑަކޮށް ހިނގާލަން ޑޮކްޓަރު ވަނީ ހުއްދަ ދީފައެވެ.

އެންޒޯ ފައިލެއް ހިފައިގެން ވަނެވެ. “އިތުރު ހާދިސާއެއް ނުހިނގާ.”

“ނަރުސް ކުއްޖާގެ ހާލަކީ ކޮބާ؟”

“އޭނާ މަސައްކަތަށް ނުކުމެ އުޅެނީ.” އެންޒޯ ކުޑަކޮށް މަޑުކޮށްލިއެވެ. “އިއްޔެ މީހަކު އޭނާގެ މަޢުލޫމާތު އޮޅުންފިލުވަން އުޅުނު.”

ޒިމާންގެ މޫނުމަތިން އެއްވެސް އަސަރެއް ނުފެނެއެވެ. “އެއީ ކާކުކަން އެނގޭތަ؟”

“އަދި ނޭނގެ.”

ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ޒިމާން ބުންޏެވެ. “އެއީ ކީއްވެގެންކަން ހޯދާ.”

“އަހަރެމެން އޭނާއާ ވާހަކަދައްކަންވީތަ؟”

“ނޫން.” ޒިމާން ބަނދަރާ ދިމާއަށް ބަލައިލިއެވެ. “އޭނާއަކީ އެހެން މީހުންގެ މައްސަލަތަކުގެ ތެރެއަށް ވަންނަންޖެހޭ މީހެއް ނޫން. އޭނާގެ އަމިއްލަ މިނިވަންކަން އޭނާއަށް އޮންނަންވާނެ.”

އެންޒޯ ބޯޖަހާލިއެވެ. “ވިސްނިއްޖެ.”

**********

އެރޭ ވަރަށް ލަސްވިފަހުން ކިޔާރާ ގެއަށް އައެވެ. އޭނާ ނުހުޅުވައި ބޭއްވި ސިޓީއުރަ އަދިވެސް އޮތީ ކާ މޭޒުމަތީގައެވެ. އޭނާ މިނެޓެއްހާއިރު އެއަށް ބަލަހައްޓައިގެން ހުއްޓެވެ. އެއަށްފަހު މަޑުމަޑުން އިށީނދެ، އެ ސިޓީ ކަނޑާލިއެވެ. އޭގައިވާ ހަމައެކަނި ޖުމްލަ އަނެއްކާވެސް ކިޔާލިއެވެ.

“ކަލޭ ނުބަލައި ދާންވީ.”

މިފަހަރު އޭނާއަށް ކުރިން ފާހަގަނުކުރެވޭ ކަމެއް ފާހަގަވިއެވެ. އެއީ އޭގައިވާ އަކުރުތަކެވެ. ކޮންމެ އަކުރެއްވެސް ހުރީ ވަރަށް ފުރިހަމައަށް، ރީތިކޮށް ލިޔެފައެވެ. އެއީ ރުޅިއައިސްގެން ހުރި މީހަކު އަވަސްއަވަހަށް ލިޔެފައިވާ އެއްޗެއް ނޫނެވެ. މީހަކު ވަރަށް ވަގުތު ހޭދަކޮށްގެން ލިޔެފައިވާ އެއްޗެކެވެ.

އެމީހަކު ބޭނުންވީ ކިޔާރާ އެ ކޮންމެ ބަހަކާމެދު ވިސްނާށެވެ.

އެ ނުރައްކާތެރި ރެއަށްފަހު ފުރަތަމަ ފަހަރަށް ކިޔާރާ އަމިއްލަ ނަފުސަށް ކަމަކަށް އިޢުތިރާފުވިއެވެ. މިއީ އިއްތިފާޤެއް ނޫނެވެ. އަދި ވަރުބަލިވެފައި ހުރި ރެއަކު، ބަހެއްގެ ތެރެއިން ފެށުނު މި ކަންތައްގަނޑު އަދި ނިމުނީކީ ނޫނެވެ.

(ނުނިމޭ)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top