ހަރުފައަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނުން އެންމެ ބިރުގަންނަ އެއް ދިރުމެވެ. މި ތަކެތި ކުއްލިއަކަށް އިންސާނުންނާއި ޝިކާރައަށް ހަމަލާދީ، ހަށިގަނޑުގެ ތެރެއަށް ވިހަ ފޮނުވާލައެވެ. ހިތާމައަކީ، ގިނަ ހަރުފަތަކަކީ ވިހަގަދަ ތަކެއްޗަށް ވީއިރު، މީގެ ތެރެއިން “ގާޓާ ސްނޭކް” ފަދަ މަދު ބާވަތެއް ފިޔަވައި އެހެން ހުރިހާ ހަރުފައެއްގެ ދަތްއެޅުމަކީ ނުރައްކާތެރި ކަމެކެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އަހަރަކު ގާތްގަނޑަކަށް 5.4 މިލިއަން މީހުންގެ ގައިގައި ހަރުފަ ދަތްއަޅައެވެ. މީގެ ސަބަބުން 81،000 އާއި 138،000 އާ ދެމެދުގެ އަދަދަކަށް މީހުން މަރުވެއެވެ. އަދި ގާތްގަނޑަކަށް 400،000 މީހުންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދާއިމީ ނުކުޅެދުންތެރިކަން ކުރިމަތިވެއެވެ. ވިހަގަދަ ހަރުފަ އޭގެ ޝިކާރައިގެ ހަށިގަނޑަށް ވިހަ ފޮނުވާލުމުން، ގުނަވަންތަކުގެ މަސައްކަތް ހުއްޓުމާއި، ދުޅަވުމާއި، އަދި ހަށިގަނޑުގެ ސެލްތައް މަރުވުން ފަދަ ނުރައްކާތެރި ކަންކަން މެދުވެރިވެއެވެ.
މިއީ ދުނިޔޭގައިވާ އެންމެ ވިހަގަދަ ހަރުފައެވެ. މީގެ އެންމެ ވިހަ ތިއްކަކުން އެއްފަހަރާ 100 އިންސާނުން މަރާލުމުގެ ގާބިލުކަން ލިބިގެންވެއެވެ!
(އެހެންނަމަވެސް، މިހާތަނަށް މި ހަރުފަ ދަތްއަޅައިގެން އެއްވެސް މީހަކު މަރުވިކަމުގެ ރެކޯޑެއް ނެތެވެ!)
ދުނިޔޭގެ އެންމެ ވިހަގަދަ ހަރުފަ: އިންލޭންޑް ތައިޕޭން

އިންލޭންޑް ތައިޕޭންގެ ވިހަ، ކިންގް ކޮބްރާގެ ވިހައަށްވުރެ 50 ގުނަ ނުރައްކާތެރި. ©އައިސްޓޮކް.ކޮމް/ކެން ގްރިފިތްސް
އިންލޭންޑް ތައިޕޭން (ސައިންޓިފިކް ނަން: އޮކްސިޔުރެނަސް މައިކްރޯލެޕިޑޯޓަސް) އަކީ ދުނިޔޭގައިވާ އެންމެ ނުރައްކާތެރި ހަރުފައެވެ. މި ހަރުފަ ފެންނަނީ މެދުތެރޭ އޮސްޓްރޭލިއާގެ ސަރަހައްދުތަކުންނެވެ. މި ހަރުފައަށް “ފިއާސް ސްނޭކް” ނުވަތަ “ވެސްޓަން ތައިޕޭން”ގެ ނަމުންވެސް މުހާތަބު ކުރެވެއެވެ. މިއީ މުށިކުލައިގެ ހަރުފައެއް ނަމަވެސް، މޫސުމަށް އަންނަ ބަދަލާއެކު އޭގެ ކުލަ ބަދަލުވެއެވެ. އެގޮތުން ހޫނު މޫސުމުގައި ކުލަ އަލިވެފައި، ފިނި މޫސުމުގައި ކުލަ ގަދަވެއެވެ.
އިންލޭންޑް ތައިޕޭންގެ ދިގުމިން:
މިއީ ދުނިޔޭގައި އުޅޭ އެންމެ ދިގު ވިހަ ހަރުފައެއް ނޫނެވެ. މީގެ ދިގުމިނުގައި އާންމުކޮށް ހުންނަނީ 1.8 އާއި 2.7 މީޓަރެވެ. ބައެއް ހަރުފަ 2.9 މީޓަރަށް ދިގުވެއެވެ.
އިންލޭންޑް ތައިޕޭންގެ ބަރުދަން:
މި ހަރުފައަކީ ވަރަށް ހިމަކޮށް ހުންނަ އެއްޗެކެވެ. މީގެ ބަރުދަނުގައި ހުންނަނީ ގާތްގަނޑަކަށް 1 އާއި 2 ކިލޯގްރާމެވެ.
ވިހައިގެ ބާރުގަދަމިން:
އިންލޭންޑް ތައިޕޭންގެ ވިހައަކީ ހުރިހާ ދިރުމަކަށްވެސް ނުހަނު ނުރައްކާތެރި އެއްޗެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، މީގެ ވިހަ “ކިންގް ކޯބްރާ” އަށްވުރެ 50 ގުނަ ބާރުގަދައެވެ. މި ވިހަ ހަށިގަނޑުގެ ނާރުތަކަށާއި ލޭގެ ނިޒާމަށް ސީދާ ހަމަލާދެއެވެ. އެންމެ ދަތްއެޅުމަކުން ލިބޭ ވިހައިން 250،000 މީދާ ނުވަތަ 100 އިންސާނުން މަރާލެވިދާނެއެވެ. ފަރުވާ ނުދެވިއްޖެނަމަ، 30 މިނެޓުގެ ތެރޭގައި މީހަކު މަރުވެދާނެއެވެ.
މި ހަރުފަ ދަތްއެޅުމުން ވާނީ ކިހިނެއް؟
މީގެ ވިހައިގެ ސަބަބުން ހަށިގަނޑުގެ ކޮންޓްރޯލް ގެއްލި، ފިޓްޖެހުމާއި، ވާހަކަދައްކަން އުނދަގޫވުމާއި، ނޭވާލާ ނިޒާމަށް މައްސަލަތައް ކުރިމަތިވެއެވެ. މީގެ އިތުރުން ލޭ ގަނޑުވުމަށް ހުރަސްއަޅައި، ހަށިގަނޑުގެ އެތެރެއަށް ލޭ ފޭބުމާއި ގުނަވަންތައް ފޭލްވުމަށް މެދުވެރިވެއެވެ.
މި ހަރުފަ އިންސާނުން މަރާތަ؟
މި ހަރުފަ އިންތިހާއަށް ވިހަގަދަ ނަމަވެސް، މިއީ އާންމުކޮށް އިންސާނުންނާ ދުރުގައި އުޅޭ، މަޑުމައިތިރި ހަރުފައެކެވެ. އިންސާނުންނަށް ހަމަލާދެނީ ވަރަށް ބޮޑަށް އުނދަގޫކޮށް ގޯނާކުރުމުންނެވެ. އެހެންކަމުން، މިހާތަނަށް މި ހަރުފަ ދަތްއަޅައިގެން އިންސާނަކު މަރުވިކަމުގެ އެއްވެސް ރެކޯޑެއް ނެތެވެ.
އިންލޭންޑް ތައިޕޭންގެ އިތުރުން ދުނިޔޭގައިވާ އެންމެ ނުރައްކާތެރި 11 ހަރުފަ:
1- ކިންގް ކޯބްރާ: އޭޝިއާގެ ޖަންގަލިތަކުން ފެންނަ، ދުނިޔޭގެ އެންމެ ދިގު، ވިހަ ހަރުފައެވެ. މީގެ އެންމެ ދަތްއެޅުމަކުން އެތެއް މަރާލެވޭހާ ވިހަ ބާރުގަދައެވެ.

ކިންގް ކޮބްރާއަކީ މުޅި ދުނިޔޭގައިވެސް ފާހަގަކޮށްލެވޭ އެންމެ ވިހަގަދަ ހަރުފަތަކުގެ ތެރެއިން އެކަތި ©އައިސްޓޮކް.ކޮމް/ޓަކޭއޯ1775
2- ބްލެކް މަމްބާ: އެފްރިކާގެ އެންމެ ބާރުގަދަ އަދި އެންމެ ހަލުވި އެއް ހަރުފައެވެ. މީގެ ވިހައަކީ ފަރުވާ ނުދެވިއްޖެނަމަ 100 އިންސައްތަ މަރު ކަށަވަރުވާ ފަދަ ނުރައްކާތެރި އެއްޗެކެވެ.

ބްލެކް މަމްބާއަކީ ވަރަށް މަދު ފަހަރަކު ނޫނީ ކަޅު ކުލައިގައި ހުންނަ އެއްޗެއް ނޫން. އަދި އެއަށް އެ ނަން ދެވިފައިވަނީ އޭގެ އަނގައިގެ އެތެރެ ކަޅުކޮށް ހުންނާތީ ©ރެޕްޓައިލްސް4އޯލް/ޝަޓަރސްޓޮކް.ކޮމް
3- ކޯސްޓަލް ތައިޕޭން: އޮސްޓްރޭލިއާގެ އައްސޭރިފަށުން ފެންނަ، ނާރުގެ ނިޒާމަށް ހަމަލާދޭ ވިހައެއް އެކުލެވޭ ހަރުފައެކެވެ.

ކޯސްޓަލް ތައިޕޭން އުޅެނީ އޮސްޓްރޭލިއާގެ އުތުރު އައްސޭރިފަށުގަ ©ކެން ގްރިފިތްސް/ޝަޓަރސްޓޮކް.ކޮމް
4- ރަސަލްސް ވައިޕާ: އިންޑިއާ ސަރަހައްދުގައި އެންމެ ގިނަ މީހުން މަރުވާން މެދުވެރިވާ ހަރުފައެވެ.

ރަސަލްސް ވައިޕަރ ©ރިއަލިޓީ އިމޭޖަސް/ޝަޓަރސްޓޮކް.ކޮމް
5- ޕަފް އެޑާ: އެފްރިކާގެ ސަވާނާ ސަރަހައްދުގައި އުޅޭ، ހަށިގަނޑުގެ ސެލްތައް ހަލާކުކޮށްލާ ވިހައެއް ހުންނަ ހަރުފައެކެވެ.

ޕަފް އެޑަރގެ ބޯ ހުންނަނީ ފާހަގަކޮށްލެވޭ ފަދަ ތިނެސްކަން ބައްޓަމަކަށް ©އައިސްޓޮކް.ކޮމް/އިކޯޕިކް
6- ފެއަރ-ޑި-ލާންސް: މެކްސިކޯއާއި ދެކުނު އެމެރިކާގައި އުޅޭ، ވަރަށް ރުޅިގަދަ އަދި ނުރައްކާތެރި ހަރުފައެކެވެ.

ފެއަރ-ޑި-ލާންސް ހަރުފައަކީ އެމެރިކާ ބައްރުގައި އުޅޭ އެންމެ ނުރައްކާތެރި ރެޕްޓައިލްގެ ބާވަތެއް ©މާކް_ކޮސްޓިޗް/ޝަޓަރސްޓޮކް.ކޮމް
7- ބޫމްސްލޭންގް: މީގެ ވިހައިގެ ސަބަބުން ހަށިގަނޑުގެ އެތެރެއާއި ބޭރަށް ލޭ ފޭބުމުގެ މައްސަލަ ދިމާވެއެވެ.

ފިރިހެން ބޫމްސްލޭންގްގެ ހަށިގަނޑު ހުންނަނީ ފެހި ކުލައިގަ. އަދި އޭގެ ބޭރު ފަށަލައިގައި ކަޅު ނުވަތަ ނޫ ކުލައިގެ ރޮނގުތަކެއް ހުރޭ ©އައިސްޓޮކް.ކޮމް/ފްރޯމިކް
8- ބޭންޑެޑް ކްރައިޓް: އޭޝިއާގެ ގައުމުތަކުން ފެންނަ، ނާރުތަކަށް ބާރުކުރާ ވިހައެއް ހުންނަ ހަރުފައެކެވެ.

ބޭންޑެޑް ކްރެއިޓްގެ ސިފަ ހުންނަނީ ތަފާތު ގޮތަކަށް. އެއީ ގާތްގަނޑަކަށް ތިނެސްކަން ބައްޓަމަކަށް ފެންނަ ހަރުފައެއް. ©ރިއަލިޓީ އިމޭޖަސް/ޝަޓަރސްޓޮކް.ކޮމް
9- ޓައިގަރ ސްނޭކް: އޮސްޓްރޭލިއާގައި އުޅޭ، ގިނަ ބާވަތްތަކުގެ ވިހަ އެކުލެވޭ ނުރައްކާތެރި ހަރުފައެކެވެ.

ޓައިގަރ ސްނޭކް މިއީ އޮސްޓްރޭލިއާ އާއި ޓެސްމޭނިއާ އިން ފެންނަ، އިންތިހާއަށް ވިހަގަދަ ހަރުފައެއް ©މާޓިން ޕެލަނެކް/ޝަޓަރސްޓޮކް.ކޮމް
10- ގަބޫން ވައިޕާ: ހަށިގަނޑު ބޮޑު، އަދި އެންމެ ގިނަ އަދަދަކަށް ވިހަ ބޭރުކުރާ އެއް ހަރުފައެވެ.

ގަބޫން ވައިޕަރަކީ ގިނަ އަދަދަކަށް ވިހަ އުފައްދާ ހަރުފައެއް. ©ޑެނީޓާ ޑެލިމޮންޓް/ޝަޓަރސްޓޮކް.ކޮމް
11- ސޯ-ސްކޭލްޑް ވައިޕާ: މިއީ ކުޑަ ހަރުފައެއް ނަމަވެސް، އަހަރަކު 5،000 އަށްވުރެ ގިނަ މީހުން މަރުވާން މެދުވެރިވާ، އިންތިހާއަށް ނުރައްކާތެރި ހަރުފައެކެވެ.

ސޯ-ސްކޭލްޑް ވައިޕަރަކީ މަސްކާ އެއްޗެހީގެ ތެރޭގައި ހިމެނޭ އެއްޗެއް. މީގެ ކާނާގެ ތެރޭގައި ފަނިފަކުސަ، ފެނާއި އެއްގަމުގައި އުޅޭ އެމްފީބިއަންސް، މީދަލުގެ ބާވަތްތައް އަދި އެހެނިހެން ފަނިފަކުސަ ހިމެނޭ ©ލުއިސް މޮންޓޭރޯ ޑި އެސްޕިނޯސާ/ޝަޓަރސްޓޮކް.ކޮމް
